މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވެރިކަމެއްގައި ރާއްޖެއަށް އިގްތިސާދީ އިންގިލާބެއް ގެނެސް، ރައްޔިތުންގެ ޖީބަށް ފައިސާ ލިބޭނެ ގޮތް ހަދާނެކަމަށް އެ ޕާޓީގެ ރައީސް، ރިޔާސީ ކެންޑިޑޭޓް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ހައްދުންމަތީ ގަމުގައި ބޭއްވި "އުޖާލާ ޒަމާން" ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެ ސަރަހައްދުގައި އެޑްވެންޗާ ޓޫރިޒަމް ތައާރަފުކޮށް، އޭގެ ނަފާ އެންމެންނަށް ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ރާއްޖެއަކީ ގުދުރަތީ ގޮތުން ގިނަ ކަންކަމެއް އަޅުގަނޑުމެންނަށް ފަހިވެފައި އޮތް ގައުމެއްކަން ފާހަގަކުރައްވައި، ނާޒިމް ވަނީ ރާއްޖޭގެ ޖައްވަކީ އެންމެ ސާފުކޮށް އޮންނަ ޖައްވުކަން ވެސް ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް ރާއްޖޭގައި ޖައްވު ނޫނީ ވައިގެ ރީތިކަން ބޭނުންކޮށްގެން އެއްވެސް ކަހަލަ ނަފާއެއް ލިބިފައި ނެތް ކަމަށް ވެސް ވިދާޅުވިއެވެ.
ކައްދޫ އެއާޕޯޓަށް ނިސްބަތްކުރައްވާ ނާޒިމް ވިދާޅުވީ ދުވާލަކު 4 ނުވަތަ 5 ފްލައިޓް ޖެއްސީމުން ފުދުނީ ނޫން ކަމަށާއި އެއީ ކައްދޫ އެއާޕޯޓަށް އެކަށޭނަ މިންވަރެއް ނޫން ކަމަށެވެ.
"މުޅި ހުަސް ވަގުތު މި އޮންނަނީ ދޫކޮށްލެވިފައި، މި އެއާޕޯޓަށް ޖައްސާނެ އެއްޗެއް ނެތިފަ." ނާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން އެ ސަރަހައްދުގައި އެޑްވެންޗާ ހަރަކާތްތަކެއް ހިންގަން ނޫނީ މީހުން މުނި ފޫހިފިލުވުމަށް އޭގެ ހައްގު ބޭނުން ކުރެވޭ ގޮތްތައް ހެދުމަށް އޭނާގެ ވިސްނުމުގައި އެބަހުރިކަމަށާއި އެގޮތުން ސްކައި ޑައިވް ކުރެވޭނެ މީހުން އައުމާއި، އެއާ ބެލޫން ދުއްވުމާއި، ކުދި އެއާކްރާފްޓް ދުއްވޭނެ ގޮތް ވުން އެއީ އެ ސަރަައްދަށް، ސަރަހައްދުގެ ރައްޔިތުންނަށް ނަފާ އިތުރުކުރެވޭނެ ކަމެއް ކަމުގައި ވެސް ވިދާޅުވިއެވެ.
ނާޒިމް އިތުރަށް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އެ ސަރަހައްދުގައި އެޑްވެންޗާ ޓޫރިޒަމް ތައާރަފުކޮށް، ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ކޮށްދެއްވާނެ ކަަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!