ޕާޓީ ދޫކޮށް ދިޔައީ އަމިއްލަ އެދުން އިސްކުރި މީހުން ކަމަށާއި މަގުމަތިވީ ވެސް އެމީހުން ކަމަށް ވިދާޅުވެ، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން އަށް ރައްދު ދެއްވައިފިއެވެ.

އޭނާ މިފަދައިން ވިދާޅުވެ، ރައްދު ދެއްވާފައި މިވަނީ ޕީޕީއެމް އިން ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން ވަހީދު، މާމިގިލީގައި ދެއްކެވި ވާހަކަފުޅަށް އިޝާރާތް ކުރައްވައެވެ.

Ad
rt

ވަހީދު ވިދާލުވެފައިވަނީ ޕީޕީއެމްގައި ޑިމޮކްރަސީ ނެތުމުގެ ސަބަބުން އެއްވެސް މީހަކު ރިޔާސީ އިންތިހާބަށް ނުކުތުމުގެ ފުރުސަތު ދީފައި ނުވާ ކަމަށާއި މަގުމަތި ވި ވާހަކަ ނުދައްކަވާނެ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކުލަވެސް، ކެންޑިޑޭޓެއް ވެސް ނެތް ކަމަށާއި އެމަނިކުފާނު މަގުމަތިވެވަޑައިގެންފި ނަމަ ޕީޕީއެމްގެ 40،000 މެންބަރުން ވެސް މަގުމަތިވެއްޖެ ކަމަށް ވެސް ވިދާޅުވިއެވެ.

މި ވާހަކަތަކަށް އިޝާރާތް ކުރައްވާ ހއ. އިހަވަންދޫގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ޕީޕީއެމާއި ޕީއެންސީ މަގުމަތިވެފައި ނުވާ ކަމަށާއި މަގުމަތީވީ ޕީޕީއެމް ދޫކޮށް ދިޔަ މީހުން ކަމަށެވެ.

އަދުރޭ އިތުރަށް ވިދާޅުވީ އިދިކޮޅު ލީޑަޝިޕްގައި ވަކި ކަމެއް ހާސިލު ނުވެގެން ވަކި މަގާމެއް ނުލިބިގެން ވަކި ކަމެއް ނުކުރެވިގެން ޕާޓީ ދޫކޮށްލާނެ މީހަކު ނުހުންނާނެ ކަމަށާއި ފާއިތުވި ފަސް އަހަރު އެކަން އޮންނާނީ ސާބިތު ކޮށްދީފައި ކަމަށެވެ. އަދި ޕީޕީއެމާއި ޕީއެންސީގެ ލީޑާޝިފަކީ ބަދަހި ޓީމެއް ކަމަށް ވެސް ވިދާޅުވިއެވެ.

"ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއެއްގައި މި ދެ ޕާޓީގައި އޮތް ވަރުގެ ވަރުގަދަ އެކުވެރި، އެއްބައިވަންތަ ޓީމެއް ނޯންނާނެ. މި ދެ ޕާޓީ ރޫޅާލުމުގެ މަސައްކަތް މި ސަރުކާރުން ވެރިކަމަށް އައުމާއެކު ފެށި. ރައީސް އަބްދުﷲ ޔާމީނަށް އަނިޔާ ދިނުމަށް ޖަލަށްލި. އެކަމަކު ލީޑާޝިޕުން ސާބިތުކޮށްދިނީ ޕާޓީއަށާ ރައީސް ޔާމީނަށް ވަފާތެރިކަން." އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން ޕީޕީއެމް ދޫކޮށް ދިޔައީ އަމިއްލަ އެދުން އިސްކުރި މީހުން ކަމަށާއި ޕީޕީއެމުން ހިޔާނަތްތެރިވި ވާހަކަ ދައްކަން އެފަދަ މީހުން ލަދުގަންނަން ޖެހޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ޕީޕީއެމާއި ޕީއެންސީ ގެ ލީޑާޝިޕުން އިސްކުރީ އަމިއްލަ މަސްލަހަތެއް ނޫން ކަމަށާއި ކުރިއަށް ނެރުނީ އަމިއްލަ މަންފާއެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ އިސްކުރީ ގައުމާއި ރައްޔިތުން ކަމަށާއި ބޭނުންވީ ދިވެހިންގެ ރާއްޖެއެއް ބިނާކުރުމާއި ދިވެހިންނަށް ދިވެހިންގެ ރާއްޖެ އަނބުރާ ހޯދައިދޭން ކަމަށެވެ.