ކުރީގެ ރައީސް ޑރ. ވަހީދު ޕީޕީއެމްއިން އިސްތިއުފާ ދެއްވުމަށްފަހު، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، މާމިގިލީ ދައުރާގެ މެމްބަރު ގާސިމް އިބްރާހިމް އަށް ތާއީދު ދެއްވައި ވަހީދު ޖޭޕީއާ ގުޅިވަޑައިގެންފިއެވެ.
އެމަނިކުފާނު ޖޭޕީ އާ ގުޅިވަޑައިގަތީ ޖޭޕީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމްގެ ކެމްޕޭން ލޯންޗު ކުރުމަށް މާމިގިލީގައި މިރޭ ބޭއްވި ޖަލްސާގައެވެ.
ވަހީދު މީގެ ކުރިން ހުންނެވީ ކުރީގެ ރައީސް ޔާމިންގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމުގައެވެ. ނަމަވެސް ޕީޕީއެމް އިން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކެންޑިޑޭޓަކު ނުނެރުމުން އެމަނިކުފާނު އެ ޕާޓީން އިސްތިއުފާ ދެއްވީ މި އޮގަސްޓު މަހުގެ 11 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ޑރ. ވަހީދު އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވީ މީގެ 10 އަހަރު ކުރިން ޕީޕީއެމްއާއި ގުޅިވަޑައިގެންނެވީ އެމަނިކުފާނުގެ ވެރިކަމުގައި ގާއިމް ކުރެއްވި ހަމަޖެހުމާއި އަދި ތަރައްގީ ދެމެހެއްޓުމަށްޓަކާ ކަމަށެވެ. އަދި އެ ޕްލޭންތައް މިހައިތަނަށް ވެސް ދެމެހެއްޓިފައިވާތަން ފެންނަމުން ދާތީ އުފާ ކުރައްވާ ކަމަށެވެ.
މީގެ އިތުރުން މިހައިތަނަށް ވެސް ދެމެހެއްޓި، ރާއްޖޭގެ އިގްތިސާދާއި އަދި ޑިމޮކްރަސީ ކުރިއަރަމުންދާތަން ފެންނަމުން ދާތީ އުފާ ކުރައްވާ ކަމަށާއި ޕީޕީއެމްއިން އިސްތިއުފާ ދެއްވާފައިވަނީ ވަރަށް ބޮޑަށް ވިސްނެވުމަށް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
ހަމަމިއާއެކު ރަައްޔިތުންގެ ކުރިއެރުމާއި، ގައުމުގެ ކުރިއެރުމަށް އެމަނިކުފާނުގެ ތަޖުރިބާ ހިއްސާ ކުރައްވަން ބޭނުފުޅުވަނީ ހަމަޖެހުމާއި، އިޚްލާސްތެރިކަމާއި، ތެދުވެރިކަން އޮތް ތަނެއްގައި ކަމަށް ވެސް އެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.
ޑރ. ވަހީދަކީ ރާއްޖޭގައި މަލްޓިޕާޓީ ސިސްޓަމަށް ވެރިކަން ކުރަން ފެށި 2008 ވަނަ އަހަރުގެ ރާއްޖޭގެ ވެރިކަމަށް އައި ދިވެހި ިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ރަނިންމޭޓް އަދި ނައިބު ރައީސް އެވެ.
އެހެންނަމަވެސް ދައުރުގެ ވަކި ހިސާބަކުން ނަޝީދު އިސްތިއުފާ ދެއްވުމުން ރާއްޖޭގެ ވެރިކަމާ ހަވާލުވެވަދައިގެންނެވީ ވަހީދެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!