ރާއްޖޭގައި ފުރަތަމަފަހަރަށް ޕްރޮސްތެޓިކް އަދި އޯތޮޓިކް މެނުފެކްޗަރިންގ ލެބޯޓްރީ އެއް ހުޅުވައިފިއެވެ.

މި ލެބޯޓްރީ ހުޅުވައިދެއްވީ މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ނައިބު ރައީސް ފައިސަލް ނަސީމްއެވެ.

Ad
rt

މިއީ ބޭސްފަރުވާހޯދުމަށް ކުރަންޖެހޭ ދަތުރު ހަރަދު ކުޑަކޮށް، ރާއްޖޭގައި ތިބެގެން މަތީ ފެންވަރުގެ ސިއްހީ ހިދުމަތް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފޯރުކޮށްދީ ފެންވަރު ރަނގަޅު ގިނަ ކަންކަމަށް ފަރުވާކުރެވޭ ސްޕެޝަލިސްޓުން ތިބޭ އަދި ޒަމާނީ ވަޞީލަތްތައް ގާއިމްވެފައިވާ ހޮސްޕިޓަލްތައް ޤާއިމްކުރުމުގެ ސިޔާސަތުގެ ދަށުން ހުޅުވި ލެބޯޓްރީއެކެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި މި ލެބޯޓްރީ ހުޅުވައިދެއްވުމަށްފަހު ނައިބު ރައީސް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މި ސަރުކާރުން އެންމެ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތަކީ ސިއްހީ ދާއިރާ ހަރުދަނާކޮށް އެއްވެސް މީހަކު ބާކީނުކޮށް އެންމެ ބޭނުންޖެހިފައިވާ މީހުނަށް އެ ބޭނުންތައް ފުއްދައިދިނުން ކަމުގައެވެ.

އެމަނިކުފާނު ވަނީ މި ލެބުގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް އެކަމުން ފަސޭހަތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވާ ރައްޔިތުންނަށް ލިބިގެންދާނެ ފައިދާތަކުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައެވެ.

މީގެ އިތުރުން ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވައިލައްވާ ވަނީ އެކަންކަމުގައި އެހީތެރިވެދެއްވި ފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ބޭރުގެ ފަރާތްތަކުން ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ދެއްވާ އެއްބާރުލުން ވެސް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ލެބު ތަރައްގީކުރުމުގައި އިންޑިއާ ސަރުކާރުން ވެދެއްވި ދީލަތިއެހީތެރިކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ސިއްހީ ދާއިރާގެ ހިދުމަތްތަކާއި އެހެނިހެން މުހިންމު ހިދުމަތްތައް ތަރައްގީކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ މައްޗަށް ނައިބު ރައީސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ޕްރޮސްތެޓިކް އެންޑް އޯތޮޓިކް ލެބަކީ ހާއްސަ އެސިސްޓިވް ޑިވައިސްތައް ތައްޔާރުކުރެވޭނެހެން ގާއިމްކޮށްފައިވާ ލެބެކެވެ. މީގެކުރިން ޕްރޮސްތެޓިކް ނުވަތަ އޯތޮޓިކް އެސިސްޓިވް ޑިވައިސްތައް ބޭނުންވާ ފަރާތްތަކަށް މިތަކެތި ހޯދަމުން ދިޔައީ ރާއްޖެއިން ބޭރުންނެވެ.

މިހާރު މި ވަޞީލަތްތައް ހުޅުމާލެ ހޮސްޕިޓަލުގައި ތައްޔާރު ކުރެވެން ފެށުމުން، މިކަމަށް ސަރުކާރުން ހޭދަކުރާ ހަރަދުގެ 3 ގުނަ ސަލާމަތްކުރެވިގެންދާނެއެވެ. އަދި މިފަދަ ވަޞީލަތް ބޭނުންވާ ފަރާތްތަކަށް އެންމެ އަވަސް މިނުގައި މިތަކެތި ލިބުމުގެ ފުރުޞަތުވެސް ފަހިވެގެންދާނެއެވެ.

ކޮންމެ އާއިލާއެއްގެ ކޮންމެ މީހަކީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުންނަ މީހަކަށްވުމަށްޓަކައި ފުރިހަމަ ސިއްހީ ނިޒާމެއް ގާއިމްކުރުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ.