ހެޔޮކަމުގެ ތަޅުދަނޑިއަކަށް ވާން އެދޭ މީހާ، މަތިވެރި އަހުލާގުގެ ވެރިއަކަށްވާން ޖެހޭނެކަން މިއަދުގެ ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ.
“ހެޔޮކަމުގެ ތަޅުދަނޑި” މި މައުޟޫއަށް ތައްޔާރުކޮށްފައިވާ ހުކުރު ހުތުބާގައި ބުނީ މަތިވެރި އަހުލާގުގެ ވެރިޔާ، އޭނާގެ ފަސްބައި ހަޑިހުތުރު އަމަލުތަކުން ކިލާކުރަން ބޭނުމެއް ނުވާނެ ކަމަށެވެ. އަދި ރިވެތި އަހުލާގުގެ ވެރިއަކަށް ވެވޭނީ ރަނގަޅު އެކުވެރީންނާއެކު އުޅެ، ރަނގަޅު މަޖިލިސްތަކަށް ގޮސްގެން ކަމަށް ވެސް ބުނެފައި ވެއެވެ.
މީގެ އިތުރުން އެހެން މީހުންނަށް ހެޔޮ ކަންކަމަށް ނަސޭހަތްދީ، ތެދު މަގު ދައްކައި އުޅޭ މީހަކަށް ވެސް ވާންޖެހޭނެ ކަމަށާއި މީހުންނަށް ހެޔޮ ނަސޭހަތްދޭ ބަޔަކަށް އަހަރެމެން ވެއްޖެ ނަމަ، އަހަރެމެންގެ ތެރޭގައި ހެޔޮ އަމަލުތައް އާންމުވާނެކަން ވެސް ހުތުބާގައި ހަނދާންކޮށްދީފައި ވެއެވެ. އަދި ހެޔޮކަމުގެ އެންމެ މުހިންމު ތަޅުދަނޑިއަކީ ފައިދާ ހުރި އިލްމުތައް އުނގަންނައި ދިނުމާއި ތަފާތު ވަސީލަތްތަކުން އިލްމު ފެތުރުން ކަމަށް ވެސް ވަނީ ބުނެފައެވެ.
ހުތުބާގައި ބުނީ ހުރިހައި ހެޔޮ ކަމެއްގެ އަސާސަކީ ޝަރުއީ ގިއުގަނޑުގެ ތެރޭގައި ދެވޭ ރަނގަޅު ތައުލީމު ކަމަށެވެ.
ނުބައި ކަންތައްތައް އީޖާދުކުރާ މީހުންނާއި ނުބައި ކަންތައްތައް ރަނގަޅު ކަންކަމަށް ހަދައިގެން މީހުންނަށް ތައާރަފު ކޮށްދޭ މީހުންނަށް، އެ މީހުންގެ ފާފަތަކާއި އެ މީހުންނަށް ތަބައަވީ ހުރިހާ އެންމެން ކުރާ ނުބައި އަމަލުތަކުގެ ފާފަތައް އުފުލަން ޖެހޭނެ ކަމަށް ވެސް މިއަދުގެ ހުތުބާގައި ބުންޏެވެ.
ހުތިުބާގައި އިތުރަށް ބުނީ މާތް ﷲ ގެ އަމުރުފުޅުތަކާ އެއްގޮތަށް އަމަލުކޮށް، އެކަލާނގެއަށް ވެފައިވާ އަހުދަށް ވަފާތެރިވާ މީހާ، ހެޔޮކަމުގެ ތަޅުދަނޑިއެއް ކަމުގައި ލައްވައި، ނުބައި ކަމުގެ ތަޅެއްކަމުގައި ލައްވާނެ ކަމަށެވެ. އަދި އެފަދަ މީހާއަށް މާތް ﷲ ދެއްވާނީ ހެޔޮކަމުގެ ހުރިހާ ދޮރުތަކެއް ހުޅުވައިލެވޭ މައި ތަޅުދަނޑިއެއް ކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.