ކޮމަންވެލްތު ގޭމްސްގައި ބައިވެރިނުވީ ފައިސާ ނެތިގެނެއް ނޫން ކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ރާއްޖެއިން ކޮމަންވެލްތްގައި ބައިވެރި ނުވާން ނިންމީ ފައިސާ ނެތިގެން ކަމަށް ބުނެ ބައެއް މީޑިއާ ތަކުން ރިޕޯޓުކުރުމާއި ގުޅިގެންނެވެ.
ރާއްޖޭގެ އޮންލައިން ނޫހެއްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ގޭމްސްގައި ރާއްޖޭން ވާދަ ނުކުރަނީ އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި ސްޕޯޓްސް މިނިސްޓްރީ އަށް ވެސް ބަޖެޓްގެ ތާށިކަން އުޅޭތީކަމަށް ވަނީ ބުނެފައެވެ.
އެކަމަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮމަންވެލްތު ޔޫތު ގޭމްސްގައި ބައިވެރި ނުވުމަށް ނިންމީ، ގޭމްސްގައި ބައިވެރިވުމަށް ޓްރިނިޑާޑް އެންޑް ޓޮބޭގޯއަށް ދިއުމަށް ކުރަންޖެހޭ ޚަރަދު އިންތިހާއަށް ބޮޑުވުމުން ކަމަށެވެ.
މީގެ އިތުރުން އެގޮތަށް ނިންމީ މިގޭމްސްއިން އެއްވެސް ނަތީޖާއެއް ނެރުމަކީ ވަރަށް ދުރު ކަމެއްކަމަށް ވުމާއެކު، އެފައިސާއިން އައި.އޯ.އައި.ޖީ އަށް ޓީމުތައް ތައްޔާރުވުންމުން ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމަށް ޔޫތު މިނިސްޓްރީ، އޮލިމްޕިކް ކޮމިޓީ އަދި އެސޯސިއޭޝަންތަކަށް ގަބޫލުކުރެވޭތީ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ކޮމަންވެލްތު ގޭމްސްގައި ވާދަކުރަން އޮލިމްޕިކް ކޮމިޓީން ކުރިން ނިންމާފައިވާއިރު، 14 އަހަރާއި 18 އަހަރާ ދެމެދުގެ އެތުލީޓުންނަށް ހާއްސަކޮށްގެން ބާއްވާ ކޮމަންވެލްތު ޔޫތު ގޭމްސްގައި ވާދަ ކުރުމުގެ ފުރުސަތު ދޫކޮށްލިކަން ހާމަކޮަށް އޮލިމްޕިކް ކޮމިޓީން ރޭ ނެރުނު ބަޔާނުގައި ވަނީ، ޔޫތު ގޭމްސްގެ ބަދަލުގައި މިހާރު ފޯކަސް އޮތީ، އަންނަ މަހު ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ރަނގަޅަށް ތައްޔާރުވެ، ގައުމަށް ޝަރަފްވެރި ކާމިޔާބެއް ހޯދުން ކަމަށެވެ.
މުބާރާތުގައި ވާދަ ނުކުރަން ނިންމަން ޖެހުމަކީ ހިތާމަވެރި ކަމެއް ކަމަށާއި އެހެންނަމަވެސް ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށާއި ޒުވާން ކުޅުންތެރިންނަށް ބައިނަލްއަގުވާމީ ފުރުސަތުތަކެއް ހޯދައިިދިނުމުގައި ކުރަމުން އަންނަ މަސައްކަތް އިތުރަށް ރަނގަޅަށް ކުރިއަށްގެންދާނެ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!