ދިވެހީންގެ މިނިވަން ދުވަހާ ބައްދަލު މި ވަނީ، ކަޅު އަނދިރިކަމާއެކުގައި ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.
އެ ކޯލިޝަނުން މިހެން ބުނީ މިއަދު ފާހަގަކުރާ ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ނެރުނު ބަޔާނުގައެވެ.
އެ ބަޔާނުގައި ބުނީ ދިވެހީން ފަޚުރުވެރިވާ ދިވެހީންގެ މިނިވަން ދުވަހާ ބައްދަލު މިވަނީ ހިތްދަތިކަމާއި ބަނަކަމުގެ އިހުސާސްތައް ކުރުވަމުން ކަމަށެވެ.
"ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ނަގައިލައި، ދިވެހީންގެ މައްޗަށް އިންޑިއާގެ ނުފޫޒު އިންތިހާއަށް ފޯރުވަމުން ގެންދާއިރު މިނިވަންކަމުގެ އިޙުސާސް ކުރެވޭތޯއެވެ." އެ ބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ރައީސް ސާލިހު އިސްވެ ހުރެ އިންޑިއާގެ އަތްމައްޗަށް ގައުމު ދީލާލައި، ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލައިގެން ކުރަމުން މި ގެންދާ ވެރިކަން ނިމުމަކަށް ގެނެސް، ޔާމީން އަނބުރާ ވެރިކަމަށް ގެނެސްގެން މެނުވީ ދިވެހީންގެ ގައުމު ދިވެހީންނަށް އަނބުރާ ހޯދޭނޭ ގޮތެއް ނެތް ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
ޕްރޮގްރެސިވް ކޯލިޝަންގެ ބަޔާނުގައި އިތުރަށް ބުނީ ދިވެހި ގައުމު އަޅުވެތިކަމުގެ ވިލާތަކެއްގެ ދަށުގައިވާ މި ހައްސާސް ވަގުތުގައި، ގައުމުގެ މަސްލަހަތު ދިފާއުކުރުމަށް އެންމެން އެކީ ބާރުލައި މަސައްކަތްކުރުމަށް އަތުގުޅާލުމަކީ ޔާމީންގެ އެދިވަޑައިގަތުމެއް ކަމަށެވެ.
ރައީސް ޔާމީނާއި އެ ކޯލިޝަންގެ އުއްމީދާއި ދުއާ އަކީ މަދު ދުވަސްކޮޅެއްގެ ފަހުން އަޅުގަނޑުމެންނާ ބައްދަލުކުރާ ރިޔާސީ އިންތިހާބަކީ ގައުމުގެ ހާލަތު ބަދަލުކުރެވޭނޭ އިންތިހާބެއްކަމުގައިވުން ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.
ރާއްޖޭގެ މިނިވަންކަމަށް 58 އަހަރު ފުރޭ 59 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ލީޑަރު ޔާމީނާއި ލީޑާޝިޕާއި ސެނެޓް މެންބަރުންގެ ފަރާތްޕުޅުން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ވަނީ ފޮނުވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!