ކުރީގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު، މޯލްޑިވިސް ތާޑް ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ގެ ރައީސް އަހްމަދު އަދީބު ރާއްޖެއިން ބޭރުގައި ހޯއްދަވަމުން ގެންދަވާ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދީފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވީ ސިންގަޕޫރުގައި ބޭސް ފަރުވާ ހޯއްދަވަމުން ގެންދަވާ އަދީބު ފަރުވާގެ މުއްދަތު އަންނަ މަހުގެ 28 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދި މި މުއްދަތު އިތުރުކޮށްދިނީ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދިއުމަށް ދެވުނު މުއްދަތު ހަމަވުމުގެ ކުރިން ހުށަހަޅާފައިވާ މެޑިކަލް ޑޮކިއުމެންޓްތަކަށް ރިއާއަތް ކުރުމަށް ފަހު ކަމަށް ވެސް ވިދާޅުވިއެވެ.

Ad
rt

އަދީބު ރާއްޖެއިން ބޭރަަށް ބޭސްފަރުވާ އަށް ދިއުމުގެ ހުއްދަ މި ޖުލައި މަހުގެ 10 ވަނަ ދުވަހު ދީފައިވަނީ 10 ދުވަހުގެ މުއްދަތަށެވެ. އެއީ ރާއްޖޭގައި ހެދެން ނެތް ޓެސްޓުތަކެއް ހެދުމަށެވެ.

މޯލްޑިވިސް ތާޑް ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން ބުނެފައިވަނީ އަދީބު ސިންގަޕޫރަށް ފުރާވަޑައިގެންނެވީ އެކި ހޮސްޕިޓަލުގެ އެތައް ޑޮކްޓަރުންގެ ލަފާގެ މަތިން ނުރައްކާތެރި ބައްޔަކަށް ފަރުވާ ހޯއްދެވުމަށް ކަމަށެވެ.

އެ ޕާޓީން ބުނީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި 2015 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ހަމައަށް އަދީބަށް ނުހައްގުން އަނިޔާ ދީ ބޭސްފަރުވާއިން މަހުރޫމު ކޮށްފައިވާ ކަމަށެވެ.

އެހެންނަމަވެސް ރައީސް ސާލިހުގެ ވެރިކަމުގައި އަދީބަށް އެކަށީގެންވާ ބޭސްފަރުވާ ލިބުމަށް އިންސާފުވެރި މަގެއް ފަހިކޮށްދީފައިވާ ކަމަށާއި ކޮންމެ މީހަކަށް ވެސް އެމީހެއްގެ ސިޔާސީ ފިކުރަށް ބެލުމެއްނެތި ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ލިބުމަކީ އަސާސީ ހައްގެއްކަމަށް އެމްޓީޑީން ވަނީ ފާހަގަ ކޮށްފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އަދީބުގެ މައްޗަށް ހަތް ދައުވާއަށް އުފުލާފައިވާއިރު، އޭނާ ވަނީ އެ ދައުވާތަކަށް އިއުތިރާފު ވެފައެވެ. އަދި މި މައްސަލައިގައި 2020 ވަނަ އަހަރު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް 20 އަހަރަށް ޖަލަށް ލުމަށާއި ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފައެވެ.