އިހަވަންދޫ ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް (ސާކް) އިން ބޮޑުތިލަދުންމަތީގެ ރަށްތަކަށް ބާއްވާ ފުޓްސަލް މުބާރާތުގައި އިއްޔެ ޓީމް ހަނިމާދޫއާއި ކުޅިމަގު ބައްދަލުކުރި މެޗު އެއްވަރުވީއިރު މާރަންދޫން ސެންސިޓީ ބަލިކޮށް ފުރަތަމަ މޮޅު ހޯދައިފިއެވެ.
އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ހަނިމާދޫއާއި ކުޅިމަގެވެ. މި މެޗު ނިމިގެން ގޮސްފައި ވަނީ 3-3 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ހަނިމާދޫ ޓީމްގެ އަލީ އާމިރެވެ.
ދެވަނަ މެޗުގައި މާރަންދޫއިން ވަނީ 3-2 ގެ ނަތީޖާއިން ސެންސިޓީ ބަލިކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ މާރަންދޫ ޓީމްގެ މުޙައްމަދު ސާޖިދެވެ.
މިއީ ގްރޫޕް ބީގެ ދެ މެޗެވެ. މި ނަތީޖާތަކާއިއެކު ކުޅުނު ތިން މެޗުން ލިބުނު 7 ޕޮއިންޓާއިއެކު ޓީމް ހަނިމާދޫ އޮތީ މި ގްރޫޕްގެ އެއްވަނާގައެވެ. ދެވަނާގައި އޮތް ކުޅިމަގަށް ވެސް ވަނީ ހަތް ޕޮއިންޓް ލިބިފައެވެ. މި ދެ ޓީމަށް ކުރިއަށް އޮތީ އެންމެ މެޗެކެވެ. އެ މެޗުން ޕޮއިންޓެއް ހޯދި ނަމަވެސް މި ދެ ޓީމަށް ސެމީގެ ޖާގަ ކަށަވަރުވާނެއެވެ. މާރަންދޫއަށް ބާކީ ދެ މެޗު އޮތްއިރު ސެމީން ޖާގަ ކަށަވަރު ކުރުމަށް އެ ދެމެޗުން މޮޅުވުން ނޫން ގޮތެއް ނެތެވެ. މި ގްރޫޕްގައި ދެން އޮތީ ސެންސިޓީއާއި މަނަފަރެވެ. އެ ދެ ޓީމް ވަނީ މުބާރާތުން ކަޓާފައެވެ.
މި މުބާރާތުގައި މިއަދު ވެސް ދެ މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ބޮޑުމަގު ބައްދަލުކުރާނީ ކްލަބް އިރަމާއާއެވެ. ދެވަނަ މެޗުގައި އެންވީކޭ ނުކުންނާނީ ޔުނައިޓެޑް ޔޫތާއި ދެކޮޅަށެވެ.
މި މުބާރާތުގައި އިހަވަންދޫގެ ހަ ޓީމެއް ވާދަކުރެއެވެ. އެ ޓީމްތަކަކީ ބޮޑުމަގު، އެންވީކޭ، ކްލަބް އިރަމާ، ޔުނައިޓެޑް ޔޫތު، ކުޅިމަގު އަދި ސެންސިޓީއެވެ. އިހަވަންދޫއަށް ނިސްބަތްނުވާ ހަތަރު ޓީމުން މި މުބާރާތުގައި ވާދަކުރެއެވެ. އެއީ ޓީމް ހަނިމާދޫއާއި، ޓީމް ނައިވާދޫއާއި، މާރަންދޫ ޔޫތު ސޮސައިޓީގެ އިތުރުން މަނަފަރު ރިސޯޓުން ވާދަކުރާ މަނަފަރު އެފްސީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!