ރާއްޖެއިން ބޭރުގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދޭން އެދިއްޖެއެވެ.

އޭނާ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވީ ރާއްޖޭގައި ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ބޭނުންވާ ކަމަށް ޑޮކްޓަރުން ލިޔުމުން ދިނުމުން، ކަރެކްޝަންގެ މެޑިކަލް ބޯޑުން އެ ގޮތަށް ލަފާ ދިނުމުންނެވެ.

Ad
rt

އަދީބު ނިސްބަތްވާ ސިޔާސީ ޕާޓީ މޯލްޑިވްސް ތާޑުވޭ ޕާޓީ (އެމްޓީޑީ) އިން ބުނެފައިވަނީ އަދީބު އޭނާ ފަރުވާ ހޯދަމުން ދަނީ ނާރުގެ ބައްޔަކަށް ކަމަށެވެ.

ބޭސްފަރުވާއަކަށް ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ސަރުކާރުން ދިން 10 ދުވަހުގެ މުއްދަތު މިއަދަށް ވަނީ ހަމަވެފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ އޮފިޝަލުންނާއި ހަވާލާދީ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ހިދުމަތުން ހުއްދަ ދެވޭ މުއްދަތަށް ބޭސްފަރުވާގެ ކަންކަން ނުނިމޭނަމަ، އެ ކަމަށް އެދުމުން، އޮންނަ އުސޫލުގެ ތެރެއިން އެ ކަމަށް ޕްރޮސެސްކޮށްދޭން އެދޭން އޮންނަ އުސޫލުން އަދީބު ވެސް އެދިފައިވާ ކަމަށެވެ.

އެމްއެމްޕީއާރުސީ އަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ވަގަށް ނެގިކަމުގެ ކުށް ސާބިތުވެ 20 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައިވާ އަދީބު ޖަލުން ގެއަށް ބަދަލުކުރީ ވެސް އޭނާގެ ސިއްހީ ހާލަތާ ގުޅުވައިގެންނެވެ.

އަދީބު ފުރަތަމަ ގެއަށް ބަދަލުކުރަން ހައިކޯޓުން 2018 ވަނަ އަހަރު އަމުރުކުރީ އޭނާއަށް އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބޭ ކަމަށް ބުނެ އޭނާގެ ފަރާތުން އެކޯޓަށް މައްސަލައެއް ހުށަހެޅުމުންނެވެ.