މި އަހަރު ބޭއްވުމަށް ނިންމާފައިވާ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހުޅުވާލަން ނިންމައި، އިލެކްޝަންސް ކޮމިޝަނުން އެކަން އިއުލާން ކޮށްފިއެވެ.
އީސީ އިން ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވާފައިވާ ގޮތުގައި މި އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް އެދޭ މީހުން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، ޖުލައި 23 ވާ އާދީއްތަ ދުވަހުގެ ހެނދުނު 9:00 ން ފެށިގެން ހުޅުވައިލުމަށް ވަނީ ނިންމާފައެވެ. އަދި އެ ފުރުސަތު އޮގަސްޓު 7 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2 ޖެހުމާއި ހަމައަށް ވަނީ ހުޅުވައިލާފައެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުން ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަންވާނީ އިންތިހާބާއި ބެހޭ މަރުކަޒު (ދަރުބާރުގެ) އަށް ކަމަށާއި މި ތަކެތި ބަލައިގަންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9 ން މެންދުރުފަހު 2 ޖެހުމާއި ހަމައަށް ކަމަށް ވެސް އީސީ އިން ވިދާޅުވެއެވެ. އަދި ހުކުރު ދުވަހު ފޯމު ބަލައިގަންނާނީ މެންދުރުފަހު 2 ން ހަވީރު 4 ޖަހަންދެން ކަމަށް ވެސް ވިދާޅުވެއެވެ.
އީސީގެ އިއުލާނުގައި ވަނީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާ އާއި ރިޔާސީ އިންތިހާބުގެ ގާނޫނުގެ 7 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުން ރައިސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލާ މީހުންގެ ޝަރުތުތައް ވެސް ބަޔާން ކޮށްފައެވެ.
އެގޮތުން ދިވެހި މަންމައަކާއި ދިވެހި ބައްޕައަކަށް އުފަން ދިވެހި ރައްޔިތަކު ކަމުގައިވުން އަދި ބޭރު ގައުމެއްގެ ރައްޔިތަކު ކަމުގައި ނުވުމާއި މުސްލިމަކު ކަމުގައިވުމާއި ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުން ހިމެނެއެވެ. އަދި އުމުރުން 35 އަހަރުވެފައިވާ މީހަކު ކަމުގައިވުމާއި ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން ވެސް ހިމެނެއެވެ.
މީގެ އިތުރުން އަދާ ކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، އެ ދަރަނި ހަލާސް ނުކޮށް ހުރި މީހަކު ކަމުގައި ނުވުމާއި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ހުކުމުން ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރުވެފައިވާ މީހަކު ކަމުގައިވުން ވެސް ހިމެނެއެވެ.
މީގެ އިތުރުން އެ މީހަކީ އިސްލާމް ދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަކަރާ ހީލަތް، ޓެކުން، ހިޔާނާތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން ވެސް ވަނީ ހިމަނާފައެވެ.
ރާއްޖޭގެ ރައީސްގެ މަގާމަށް އަމިއްލަ ގޮތުން ކުރިމަތިލާ ފަރާތެއް ނަމަ 1500 މީހުންގެ ތާއީދު އޮތް ކަން ހާމަ ކުރާ ލިޔުމެއް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އީސީގެ އިއުލާނުގައި ވެއެވެ.
ކޮންމެ 5 އަހަރަކުން ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބު މިއަހަރު ބޭއްވުމަށް ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރަން ނިންމާފައިވަނީ އެ މަހު 15 ގެ ކުރިންނެވެ.
ދެވަނަ ބުރަކަށް ދާން ޖެހިއްޖެނަމަ، ސެޕްޓެމްބަރު މަހުގެ 30 ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!