އެންމެ މަތިވެރި ހިޖުރައަކީ ނުބައި ކަންތައްތައް ދޫކޮށް, ރަނގަޅު ކަންތައްތަކަށް ހިޖުރަކުރާ މީހާ ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
"ހިޖުރައިގެ ޒިކުރާއާއި ފިލާވަޅުތައް" މި މައުޟޫއަށް ކުރިއަށް ގެންދިޔަ މިއަދުގެ ހުތުބާގައި ބުނީ މުސްލިމުންނަށް އިއްޒަތާއި ގަދަރު ލިބުން އޮތީ އެމީހުންގެ އަގީދާގައި ހިފެހެއްޓި ވަރަކުން ކަމަށެވެ. އަދި އަގީދާ ބަލިކަށިވި ވަރަކަށް ނިކަމެތިވާނެ ކަމަށެވެ.
މީގެ އިތުރުން މާއްދީ ވަސީލަތްތައް ކިތަންމެ ވަރުގަދަ ވިޔަސް އީމާންކަން ބަލިކަށިވެ, އަގީދާގައި ރެނދު އަޅައިފި ނަމަ, އެ ބަޔަކު ބަލިވެދާނެ ކަމަށާއި ހިޖުރައިގެ ވާހަކައަކީ މުނިފޫހިފިލުވުމަށްޓަކައި ކިޔާލަން ޖެހޭ ވާހަކައެއް ނޫން ކަމަށް ވެސް ވަނީ ބުނެފައެވެ. އެއީ ޖާހިލުކަމާއި ކުފުރުގެ ރާޅުތަކުން އަރަމުން ދިޔަ ސަހަރާއެއްގެ މެދުތެރޭގައި މުސްލިމުންނަށް ވަތަނެއް ގާއިމްކޮށްދިން ހާދިސާއެއް ކަމަށް ވެސް ހުތުބާގައި ވަނީ ބުނެފައެވެ.
ކީރިތި ރަސޫލާ މަދީނާއަށް ކުރެއްވި ހިޖުރައަށް އިޝާރާތް ކުރައްވައި ހުތުބާގައި ބުނީ އެއީ ދީނަށް ނަސްރު ހޯއްދެވުމަށްޓަކައި އެޅުއްވި ހަރުދަނާ ފިޔަވަޅެއް ކަމަށާއި އެއީ ޖިހާދުގެ މައިދާން މައްކާއިން މަދީނާއަށް ބަދަލު ކުރެއްވުން ކަމަށެވެ. އަދި ނަބަވީ ހިޖުރައިގެ ސަބަބުން އިސްލާމްދީނުގެ ތަސާމުހު ހާމަވިކަމަށެވެ.
މީގެ އިތުރުން ހިޖްރައިގެ ސަބަބުން އެހެން ދީންތަކުގެ މީހުންނާ މުސްލިމުންނާ ދެމެދު، އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމު ކުރުން، ފައިދާ ލިބިގަތުން އަދި މައުލޫމާތު ބަދަލު ކުރުމުގެ އުސޫލު ތައާރަފުވި ކަމަށް ވެސް ވަނީ ބުނެފައެވެ.
ހުތުބާގައި އިތުރަށް ބުނީ ހިޖްރައިން ދަސްވާ އެއް ފިލާވަޅަކީ ވަތަން ދެކެ ލޯބިވުން ކަމަށާއި ރަސޫލާ މައްކާއިން ނިކުމެ ވަޑައިގަންނަވަމުން މައްކާއާ މުހާތަބު ކުރައްވާ ހަދީސް ކުރެއްވި ބަސްފުޅުތަކަކީ މިއަދުގެ މުސްލިމުންނަށް ވަތަން ދެކެ ލޯބިވުމަށް އަގުހުރި ފިލާވަޅެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!