ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މޫސުމާބެހޭ އިދާރާއިން ބުނެފައިވާ ގޮތުގައި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖެ ކައިރީގައި އުފެދިފައިވާ ލޯ ޕްރެޝަރ ޓްރޮޕެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެކެވެ. އެގޮތުން ކ. އަތޮޅާއި ލ. އަތޮޅުގެ ރަށްތަކަށް ވަނީ ޔެލޯއެލާޓް ވެސް ނެރެފައެވެ.

Ad
rt

މޫސުމާބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތުދޭ ގޮތުގައި ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށެވެ. އަދި އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށްވެސް މޫސުމާބެހޭ އިދާރާއިން ބުނެފައިވެއެވެ. ކުރިއަށްއޮތް ދެތިން ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފާއި ފުލުހުންވެސް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކަނޑު ދަތުރުފަތުރު ތައް ކުރާއިރު ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރަން ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.