ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޢަބްދުލް ޣަފޫރު ބޭސް ފަރުވާއަށް މިރޭ ސިންގަޕޫރަށް ފުރައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް މިއަދު ވިދާޅުވީ، މަނީ ލޯންޑްރިންގެ ކުށުގައި ހުކުމް ތަންފީޛް ކުރަމުންދާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބް ޢަބްދުލް ޣަފޫރު، ރާއްޖޭގައި ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ މެޑިކަލް ބޯޑުގެ ލަފައާއެކު އެ ސާވިސްއިން ދީފައިވާ ކަމަށެވެ.
ކަރެކްޝަނަލް އޭނާއަށް ހުއްދަ ދީފައި ވަނީ 10 ދުވަހުގެ މުއްދަތަށް ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދިޔުމަށެވެ.
އެ ހުއްދައާއެކު އަދީބު މިރޭ ވަނީ ބޭހަށް ސިންގަޕޫރަށް ފުރާފައެވެ. އޭނާ ފުރާފައި ވަނީ ކަރެކްޝަނަލް ސާވިސް އާއި ފުލުހުންގެ ސެކިއުރިޓީގެ ބެލުމުގެ ދަށުންނެވެ.
މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ގެ ރައީސްގެ މަގާމުގައި ހުންނެވި އަދީބުގެ ސިއްހީ ހާލަތާގުޅޭގޮތުން އެ ޕާޓީން މިދިޔަ ހަފްތާގައި ބުނެފައި ވަނީ އަދީބަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވީ ބައިނަލްއަގުވާމީ އުސޫލުތަކާއި ރާއްޖޭގެ ވެސް ގާނޫނުތަކާއި ޚިލާފަށް 2015 އިން 2018 އަށް 24 ގަޑިއިރުވަންދެން، ބޭރަށް ނުނުކެމެވޭގޮތަށް، އޭނާ ޖަލު ބަންދުގައި ބޭއްވުމުގެ ސަބަބުން ކަމަށެވެ.
އަދީބުގެ ހާލަތު މިހާރު ހުރީ ކަންބޮޑުވާންޖެހޭފަދަ ހާލަތެއްގައި ކަމަށް ޖުލައި 6 ވަނަ ދުވަހު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި އެ ޕާޓީން ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!