މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ހޯމް މިނިސްޓްރީން މިކަމަށް ހުޅުވައިލީ، އެ ކައުންސިލުގެ މެމްބަރުކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ޝާފިއުގެ މެމްބަރުކަމުގެ ދައުރު މިއަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހަށް ހަމާވާތީއެވެ.

Ad
d

މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކުރައްވާފައިވާ އިއުލާނުގައި ވިދާޅުވެފައިވަނީ ގާނޫނު ނަންބަރު 2008/15 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ ކައުންސިލުގެ މީޑިއާގެ މެމްބަރެއްގެ މަގާމު 10 ސެޕްޓެމްބަރ 2023 ވާ އާދީއްތަ ދުވަހަށް ހުސްވާ ކަމަށެވެ.

އެހެންވެ، މީޑިއާ ކައުންސިލުގެ މީޑިއާގެ މެންބަރުކަމަށް އެދޭ މީޑިއާތަކުން މި ޖުލައި މަހުގެ 13 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2 ޖެހުމުގެ ކުރިން ހުށަހެޅުމަށް ވަނީ އެދިފައެވެ.

އެމްއެމްސީގެ މެމްބަރުކަމަށް ހުށަހެޅޭ ޝަރުތުތަކުގެ ތެރޭގައި ދިވެހިރައްޔިތަކު ކަމުގައިވުމާއި، އުމުރުން 18 އަހަރު ފުރިފައިވުމާއި، އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ. އަދި ކުޑަކުދީންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި ޖިނާޢީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.

އިތުރު ޝަރުތުތަކުގެ ތެރޭގައި ހިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި މުޖްތަމައު ގަބޫލުކުރާ މިންގަނޑުތަކުން، އަބުރުވެރި، އަޚްލާޤު ރަނގަޅު މީހެއްކަމުގައިވުމުގެ އިތުރުން ފާއިތުވެދިޔަ 12 މަސްދުވަހުގެ ތެރޭގައި ނޫސް މަޖައްލާއެއްގައި އެމީހަކު ލިޔުނު އެއްޗަކާބެހޭ ގޮތުން ޝަރީޢަތަށް ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ވެސް ހިމަނާފައި ވެއެވެ.

މީިޑިއާ ކައުންސިލުގެ މެންބަރުންގެ މުއްދަތަކީ މީލާދީ 2 އަހަރެވެ. އަދި އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން 2 ދައުރު އަދާ ނުކުރެވޭނެއެވެ.

Ad
df