ހުޅުމާލެ ބްރިޖު ހައިވޭ އިން ވިއްސައިގެން ދިޔައީ ހަރުނުކުރާ ޕެނަލްތަކެއް ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާ އިން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާ އިން މިހެން ވިދާޅުވީ ސިނަމާލެ ބްރިޖް ހައިވޭގައި ޖަހާފައިވާ ސޯލާޕެނަލްތައް ވަޔާ ދާ ކަމަށާއި މިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ނުދީފިނަމަ ވަރަށް ނުރައްކާތެރި ހާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމެއްކަމުގައި ވިދާޅުވެ، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ޓްވީޓު ކުރެއްވުމާއި ގުޅިގެންނެވެ.

Ad
rt

ތިމާވެއްޓާއި ބެހޭ ވުޒާރާ އިން ވިދާޅުވީ ބްރިޖް ހައިވޭގައި ގާއިމުކޮށްފައިވާ ސްޓަރަކްޗަރގެ މޫދާވީ ފަޅީގައި ސޯލަރ ޕީވީ މޮޑިއުލްސްތައް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދަނިކޮށް 4 ޕެނަލެއް ވަޔާއެކު ވިއްސައިގެން މޫދަށް ގޮސްފައިވާ ކަމަށެވެ.

"މީގެ އެއްވެސް ޕެނަލަކީ ސްޓްރަކްޗަރގައި ހަރުކޮށްފައި ހުއްޓައި ވިއްސައިގެން ދިޔަ ޕެނަލްތަކެއް ނޫން. މި ކަމުގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ. ޕެނަލްތަށް މިހާރުވަނީ މޫދުން ނަގާފައި." މީޑިއާ އަށް ފޮނުވާފައިވާ މެސެޖެއްގައި އެ ވުޒާރާ އިން ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން މިހާތަނަށް ބެލިބެލުމުން ސްޓްރަކްޗަރއަކަށް ވެސް ގެއްލުމެއް ވެފައެއްނުވާ ކަމަށާއި ޑިޒައިން ފޯލްޓެއް ވެސް ފާހަގަ ކުރެވިފައި ނުވާ ކަމަށް ވިދާޅުވެއެވެ. އަދި ހައިވޭގައި ދަތުރު ކުރުމަށް ނުރައްކަލެއްވާފަދަ އެއްވެސް ހާދިސާއެއް ނުވަތަ އެފަދަ ނުރައްކަލެއް އޮތްކަމަކަށް މިހާތަނަށް ބެލި ބެލުމުން ފާހަގަ ކުރެވިފައިނެތް ކަމަށް ވެސް ވިދާޅުވެއެވެ.

އެ ވުޒާރާ އިން އިތުރަށް ވިދާޅުވީ މިކަމާއި ގުޅިގެން މިނިސްޓްރީން ކޮންޓެރެކްޓަރު މަސައްކަތްކުރިއަށް ގެންދިޔަ ގޮތާއި ގުޅޭގޮތުން އިންޓަރނަލް އިންވެސްޓިގޭޝަން އެއް ކުރިއަށް ގެންދާނެ ކަމަށާއި އިތުރަށް މަސައްކަތްކުރިއަށްދާނީ މަސައްކަތްކުރުމުގައި އަޅަންޖެހޭ އެއްމެހައި ސަލާމަތީ ފިޔަވަޅުތަށް އަޅާފައިވޭތޯ ޔަގީންކުރުމަށްފަހުގައި ކަމަށެވެ.

މިކަމާއިގުޅިގެން ހަރުކުރުކޮށްފައިވާ އެއްވެސް ޕެނަލެއްގައި މައްސަލައެއް ހުރިތޯ ބަލާ މައްސަލައެއް ނެތްކަން ޔަގީންކުރާނެ ކަމަށާއި މި މަސައްކަތް ކުރުމުގައި ސުޕަވައިޒްކުރުން އިތުރުކޮށް ރިޕީޓްކޮށް އިންސްޕެކްޓް ކުރަމުން ގެންދާނެ ކަމަށް ވެސް ތިމާވެއްޓާއި ބެހޭ ވުޒާރާ އިން ވަނީ ވިދާޅުވެފައެވެ.