އުތުރުގެ އަތޮޅުތައް "ވިއަވަތި ރާއްޖެ" މަހާސިންތާގެ އިންތިޒާރުގައި!

viyavathi raajje

ލާމަރުކަޒީ ގާނޫނުގައި ހުރި މައްސަލަތަކާއި އެ ނިޒާމްގެ ހިންގުން ހަރުދަނާކުރުމަށް ކުރިއަށްގެންދާ ވިއަވަތީގެ ހަތަރު ވަނަ ކޮންފަރެންސް އެންމެ ފުރަތަމަ އޮންނާނެކަމަށް އިޢުލާން ކުރީ މިއަހަރުގެ ޖެނުއަރީ މަހު ހދ. ކުޅުދުއްފުށި ސިޓީ ގަ އެވެ. ކޮންމެވެސް ސަބަބަކާއި ހުރެ ކުޅުދުއްފުށި ސިޓީގެ ބަދަލުގައި ހދ. ހަނިމާދޫގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ފަހުން އިޢުލާންކުރިއެވެ.

އުތުރުގެ އަތޮޅުތަކަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފަވާ، މި މަހާސިންތާ ބޭއްވުމަށް ފަހުން ތާވަލުކޮށް ތައްޔާރުވަމުން އައީ، މިއަހަރުގެ މޭމަހު 12އިން 14އަށެވެ. އެދުވަސް ވެސް ފަހަނައަޅާ ގޮސް އެ މަހާސިންތާ ބޭއްވުނުތަނެއް ނުފެނުނެވެ. އުތުރުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި އުދާސްތައް އަޑުއެހުމަށް ބާއްވަން އުޅުނު މަހާސިންތާވެސް މިދިޔައީ ބޮޑުނަގުލަށެވެ.

އުތުރުގެ އަތޮޅުތަކުގެ ކައުންސިލްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ކަންބޮޑުވުންތައް ހިއްސާކުރުމަށް "ވިއަވަތި ރާއްޖެ" އަކީ މުހިންމު މަހާސިންތާ އެއްކަމުގައި ވާނެކަން ޔަޤީނެވެ. ނަމަވެސް، މިދައުރު ނިމެން ކުޑަދުވަސް ކޮޅަކަށް ވެފައިވާއިރު މިފަދަ މަހާސިންތާއަކުން ކުރާނޭ ފައިދާ އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރާނޭ ކަމާއި މެދު މިހާރު ޝައްކެވެ.

މިއަދުން ފެށިގެން ރިޔާސީ އިންތިހާބަށް އޮތީ 67 ދުވަހެވެ. އެއީ ގާތްގަނޑަކަށް ދެމަސް ދުވަހެވެ. ރާއްޖޭގެ ސިޔާސީ މަޝްރަޙު ވެސް މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. އެންމެންގެ އަމާޒު ހުރީ ރިޔާސީ އިންތިހާބުގެ ކެންޕެއިން އަށެވެ. މިސްރާބު ހުރީ ވެރިކަން ހޯދޭނެ ފޯމިއުލާއެއް ހޯދުމަށެވެ. މިފަދަ ދުވަސްވަރެއްގައި މިފަދަ މަހާސިންތާއެއް ވެގެން ދާނީ ވޭތުވެދިޔަ އިންތިހާބުގައި ވެފައިވާ ވައުދުތައް ފުއްދުމުގެ ވާހަކަތައް ދެއްކުމަށްވުރެއް އަނެއްކާވެސް އާވަޢުދުތަކެއްގެ ވާހަކަ ދެކެވޭނެ ބައްދަލުވުންތަކެއްގެ ގޮތުގައެވެ.

"ވިއަވަތި ރާއްޖެ" މަހާސިންތާގެ މައިގަނޑު މަޤްޞަދަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރައްވައި، ކައުންސިލުތައް ބާރުވެރިކުރުމަށް ފަށްޓަވާފައިވާ މަސައްކަތް އިތުރަށް ހަރުދަނާކުރެއްވުމާއި، ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ހަޤީޤީ މަންފާ ކައުންސިލުތަކަށް ލިބިދިނުމަށް، ޤާނޫނަށް ގެނައި އިސްލާހުތަކަށް ކައުންސިލްތައް އަހުލުވެރިކުރުންކަމުގައި ރައީސް އޮފީހުން މީގެ ކުރިން ވިދާޅުވެފައިވެއެވެ.

މިއީ ކައުންސިލްތަކުގެ މަސައްކަތްތައް ހަރުދަނާކުރުމަށް އެހީވުމަށް މިގޮތަށް ފެށި ފުރަތަމަ މަސައްކަތެވެ. މީގެ އެންމެ ބޮޑު ބޭނުމަކަށްވަނީ ކައުންސިލްތައް ހިންގުމުގައި ހުރި ގޮންޖެހުންތައް ގާތުން ބަލާ، އެކަންކަމަށް ޙައްލު ހޯދައިދިނުމަށް ގުޅިގެން މަސައްކަތް ކުރުމެވެ. އަދި ސަރުކާރާގެ ހިންގުމުގެ ކަންކަމަށް ޚިޔާލު ހުށައަޅާ، ނިންމުންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ކައުންސިލްތަކަށް ފަހިކޮށްދިނުމެވެ.

ވިއަވަތި ރާއްޖޭގެ ފުރަތަމަ މަހާސިންތާ ބާއްވާފައިވަނީ ރާއްޖޭގެ ހުރިހާ ކައުންސިލްތަކުގެ ބައިވެރިވުމާ އެކު ކްރޮސް ރޯޑްސްގައެވެ. އެއަށްފަހު މެދުރާއްޖޭގެ އަތޮޅުތަކަށް ޚާއްސަކޮށްގެން، މިދިޔަ އަހަރުގެ މޭމަހު އއ.އުކުޅަހުގައި އަދި މީގެ ތިންވަނަ މަހާސިންތާ ދެކުނުގެ އަތޮޅުތަކަށް ހާއްސަކޮށް އެ މަހާސިންތާ ބާއްވާފައިވަނީ ލ.އަތޮޅުގައެވެ. މީގެ ކޮންމެ މަހާސިންތާއެއްގައި ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙު ބައިވެރިވެވަޑައިގެން، އިސްކޮށް މަސައްކަތް ކުރައްވައެވެ. އަދި ވަޒީރުންނާއި ސަރުކާރު ޙިއްސާވާ ކުންފުނިތަކާއި ކައުންސިލްތަކުގެ ބެލެނިވެރި ފަރާތްތަކުން ބައިވެރިވެވަޑައިގަންނަވައެވެ.

މި މަހާސިންތާތައް ކުރިއަށްގެންދަނީ ރާއްޖެ 3 ޒޯނަށް ބަހާލައިގެންނެވެ. ކޮންފަރެންސްގައި ސިޓީ ކައުންސިލް، އަތޮޅު ކައުންސިލް، ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައްވެސް ބައިވެރިވެއެވެ. އެގޮތުން ކައުންސިލްތައް ހިންގުމުގެ ޤާނޫނީ ކަންކަމާއި، ކައުންސިލްތަކަށް ކުރިމަތިވާ ދަތިތަކާއި ގޮންޖެހުންތަކާމެދު މަޝްވަރާކޮށް، އެކަންކަމަށް ޙައްލު ހޯދޭނެ ގޮތްތަކަށް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރުމުގެ ފުރުޞަތު ލިބިގެންދެއެވެ.

މިހާރު އުފެދޭނެ ސުވާލަކީ މިހާ ވަގުތު ކުޑަތަންވެފައިވަނިކޮން، އުުރުގައި ބާއްވާ ކޮންފަރެންސް ބޭއްވޭނެތޯއެވެ. މިކަމަށް ރައީސް އޮފީހުގެ ސްޕޯކްސްޕާރސަން މިޢްވާން މުހައްމަދު ވިދާޅުވީ، ބާއްވާނެ ތާރީޙްއެއް ފައިނަލް ވުމާއި އެކު އިޢުލާން ކުރާނެ ކަމަށެވެ. ކެންސަލްވެފައިވާކަމެއް ވިދާޅެއްނުވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *