ދިވެހިރާއްޖޭގެ ހުރިހާ ރަށެއް ގުޅާލުމަށް ސަރުކާރުން ފަށާފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ޚިދުމަތް ތަޢާރަފްވެ ބައެއް އަތޮޅުތައް ގުޅާލުމުން، އެ އަތޮޅުތަކުގެ މީހުންނަށް ލިބުނު ފަސޭހަތަކުގެ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. އެ ވާހަކަތައް އެކިއެކި މަންސަތަކުގައި ގިނަބަޔަކު ހިއްސާކުރަނީ އުފަލާއި އެކުގައެވެ.
ނަމަވެސް މި ފެރީގެ ނިޒާމުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހުރި ފަސޭހަތަކުގެ ވާހަކައަކީ އާންމު ވާހަކައަކަށް ނުވެދާނެއެވެ. މިހާރު ބްލައިންޑް އެސޯސިއޭޝަންގެ ބައެއް މެމްބަރުން އަމިއްލަ ގޮތުން އާރުޓީއެލް މެދުވެރިކޮށް އުތުރުގެ ބައެއް ރަށްތަކަށް ކުރަމުން އަންނަ ތަޖުރިބާގެ ދަތުރުގައި އެ މީހުން ވަނީ، މި ފެރީގެ ނިޒާމުގައި ހުރި ފަސޭހަތަކާއި އަދި ހާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް މި ފެރީތަކުގައި ހުރި ފަސޭހަކަން އަމިއްލަ ތަޖުރިބާއަށް ފަހު މި ނޫހާއި ހިއްސާ ކޮށްފައެވެ.
ބްލައިންޑް އެސޯސިއޭޝަންގެ ރައީސްކަން ނުވަ އަހަރު ކޮށްފައިވާ މި ދަތުރުގެ އެއް ބައިވެރިއެއް ކަމަށްވާ މުހައްމަދު މާޒިން މި ނޫހާއި ވާހަކަ ދައްކަމުން ބުނީ އާރުޓީއެލްގެ ކުރޫއިންގެ އެހީތެރިކަމާއި އަޅާލުމަކީ އޯގާތެރިކަމުގެ ފުރިހަމަ މިސާލެއް ކަމަށާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުން ފެރީއަށް އަރުވައި ސީޓުގައި އިށީނުމާއި ހިސާބަށް ވެސް ވަރަށް ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށާއި، ލޯންޗުން ފޭބުމަށް ވެސް ވަރަށް ފުރިހަމައަށް އެހީތެރުވެދޭ ކަމަށެވެ.
ފުލް އޭސީއާއިއެކު އޮޕަރޭޓް ކުރަމުން އަންނަ އާރުޓީއެލް ލޯންޗްތަކުގެ ޝީޓްތަކުގެ އަރާމުކަމާއި އެތެރޭގެ ޖާގައިގެ ތަނަވަސްކަމާއި ފޯން ޗާޖް ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައި ހުންނަކަން ފާހަގަ ކުރަމުން މާޒިން ބުނީ ލޯންޗްތައް ފަރުމާކޮށްފައިވާ ގޮތުން ކަނޑު ގަދައިރު ވެސް ލޯންޗް ތެޅުވުމުގެ ފުރުޞަތު ކުޑަކަން ފާހަގަ ކުރެވޭ ކަމަށެވެ.
އާރުޓީއެލްގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އޮތް އެންމެ ބޮޑު އެއް ލުޔަކީ، އެންސްޕާއިން އެ ފަރާތްތަކަށް ދޫކުރާ ކާޑް އޮވެއްޖެނަމަ އެއްވެސް އަގަކާއިނުލާ ކޮންމެތާކަށް ވެސް އާރުޓީއެލް މެދުވެރިކޮށް ދަތުރު ކުރެވުމެވެ.
މާޒިން އިތުރަށް ބުނީ އާރުޓީއެލްގެ ފާހާނާތައް ފަރުމާކުރެވިފައި ވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެސް ބޭނުން ކޮށްލަން ފަސޭހަކޮށް ޖާގަ ތަނަވަސް ކޮށްކަމަށެވެ. މިގޮތުން ވީލްޗެއާގައި އިންނަ މީހަކަށް ވެސް ވީލްޗެއާއާއިއެކު ފާހާނާއަށް ވަދެ ފާހާނާ ކުރެވޭނޭ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.
ރަށްރަށުން ލޯންޗު ނައްޓާލާ ވަގުތު ދެން އެންމެ ފުރަތަމަ ޖައްސާނެ މަންޒިލެއް އެނައުންސް ކޮށްލައިފިނަމަ އެއީ ލޮލަށް ނުފެންނަ މީހާއަށް ލިބިގެންދާނެ ފަސޭހައެއް ކަމަށާއި، ކުރިއަށް އޮތްތަނުގައި އެ ބަދަލު އަންނާނެ ކަމަށް އުންމީދު ކުރާކަމުގައި މާޒިން ވަނީ ބުނެފައެވެ.
އާރުޓީއެލްގެ ޚިދުމަތައް އޮތް އިތުބާރު ހާމަކުރަމުން މާޒިން ބުނީ ލޮލަށް ނުފެނުނު ނަމަވެސް މިހާރު އާރުޓީއެލް މެދުވެރިކޮށް އެކަނި ކޮންމެ ރަށަކަށް ޖެހިލުމެއް ނެތި ދަތުރު ކޮށްލުމަކީ ފަސޭހަ ކަމެއް ކަމަށެވެ.
އާރުޓީއެލް ފެރީގެ ޚިދުމަތަކީ ޖުމްލަ ގޮތެއްގައި ބުނާނަމަވެސް މި ސަރުކާރުން ތައާރަފްކުރި އެންމެ ބޭނުންތެރި އެއް ޚިދުމަތްކަމާއި މެދު އެއްވެސް ދިވެއްސަކު ދެބަސްނުވާނެ ކަން ކަށަވަރެވެ.