މާތް ﷲގެ ހަޟުރަތުން އެމީހަކަށް ލިބިފައިވާ ހެކި ވަންހަނާކޮށްފި މީހަކަށްވުރެ އަނިޔާވެރިކަން ބޮޑު މީހަކު ނުވާ ކަމަށް ހުކުރު ޚުތުބާގައި ހަނދާން ކޮށްދީފިއެވެ.
ޚުތުބާގައި ބުނީ ދޮގު ހެކި ދިނުމުގެ ސަބަބުން ފޫނުބެއްދޭފަދަ ބޮޑެތި ގެއްލުންތައް ލިބޭ ކަމަށާއި އެކަންތައްތަކުގެ ތެރޭގައި ގާޟީއަށް ހައްގު އޮޅި، ބާތިލަކީ ހައްގު ކަމުގައި ހީވުން ހިމެނޭ ކަމަށެވެ. އަދި އޭގެ ސަބަބުން އެހެންމީހުންގެ ހައްގުތައް ގެއްލިގެން ދިއުމާއި މުޖުރިމުން ކުށުން ބަރީއަ ވުން ހިމެނޭ ކަމަށް ވެސް ބުނެފައި ވެއެވެ.
މީގެ އިތުރުން ކުށެއް ނެތް މީހުންނަށް ހައްގަކާއި ނުލައި، އަނިޔާ ލިބުން ވެސް ހިމެނޭ ކަމަށް ޚުތުބާގައި ބުނެފައި ވެއެވެ. އަދި މާތްﷲ ގެ ހުރުމަތަށް އަރައިގަނެވި، ދީނާއި މެދު ހައްގު ނޫން ބަސްތައް ބުނެވޭކަން ވެސް ފާހަގަކޮށްފައި ވެއެވެ.
"ދުލުގެ އާފާތްތައް" މި މައުޟޫއަށް ކުރިއަށް ގެންދިޔަ ޚުތުބާގައި އިތުރަށް ބުނީ ޣީބަ ބުނުމަކީ ތިމާގެ އަޚާ ނުރުހޭ ސިފަޔަކާއި ބެހޭގޮތުން ވާހަކަ ދެއްކުން ކަމަށާއި ނުވަތަ މީސްތަކުންގެ ގާތުގައި ތިމާގެ އަޚާގެ ކިބައިގާ ހުރި ޢައިބެއްގެ ވާހަކަ ދެއްކުން ކަމަށެވެ.
ޚުތުބާގައި ބުނީ ބައެއްފަހަރު މީސްތަކުންނާއި ބެހޭގޮތުން ފެތުރިފައި ހުންނަ ވާހަކަތަކުގެ ހަގީގަތް ނުހޯދައި، އެމީހުން ބަދުނާމު ކުރުމުގެ ނިޔަތުގައި އެވާހަކަތައް އާންމުކޮށް، ފަތުރާ މީހުން އުޅޭ ކަމަށެވެ. އެކަމުގެ ނުރައްކާތެރިކަން ބަޔާންކޮށްދެއްވައި، ޚުތުބާގައި ވަނި ކީރިތި ރަސޫލާގެ ހަދީސްފުޅުތަކުން ދަލީލު ދައްކާފައެވެ.
ޣީބަ ބުނުމަކީ ނުބައިކަން ބޮޑުވެގެންވާ ފާފައެއް ކަމަށާއި އެއީ މަރުވެފައިވާ ތިމާގެ އަޚާގެ މުޅަމަސް ކެއުންފަދަ ކަމެއްކަން ވެސް ޚުތުބާގައި ހަނދާންކޮށްދީފައި ވެއެވެ.
"މުސްލިމް އަޚުންނޭވެ! ތިޔަބައިމީހުން ނެތިމޮށުމާއި ދޭތެރެ ޖެއްސުމާއި ފިތުނަފަސާދަ ފެތުރުމާ ދުރުހެލިވާށެވެ. ކަންވަޅުގައި ޣަޒާބު ލިބޭ ޢަމަލުތަކުގެ ތެރޭގައި މިފަދަ ކަންކަން ހިމެނެއެވެ. ދެބައޮޑުވުން، ދޭތެރެ ޖައްސަމުން ހިނގުމާއި މީސްތަކުންގެ އަބުރަށް އަރައިގަންނަ މީހުންނަށް ގިޔާމަތް ދުވަހުން ގަދަފަދަ ޢަޒާބު ލިބޭނެއެވެ." ޚުތުބާގައި ފާހަގަކޮށްފައި ވެއެވެ.
މީގެ އިތުރުން މުސްލިމުންގެ ޣީބަ ބުނެ، ހުތުރުބަސްތައް ރައްދުކޮށް އުޅޭ މީހުންނަށް ގިޔާމަތް ދުވަހުން އެމީހުން ކޮށްއުޅުނު ފާފަތަކާއި އެއްފަދަ ޢަޒާބު ދެއްވާނެކަން ވެސް ވަނީ ހަނދާންކޮށްދީފައެވެ.