ގޯތި ބެހުމުގައި އެއްވެސް އިންސާފުވެރިކަމެއް ނެތްކަމަށާއި، މިސަރުކާރުގެ 20000 ފްލެޓްގެ ވަޢުދު ފުއްދުމަށް ކުރެވުނު މަސައްކަތެއް ވެސް ނެތް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.
އެ ކޯލިޝަނުން މިހެން ބުނީ "ބިންވެރިޔާ ސްކީމް"ގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ މީހުން ހިމެނޭ މީހުންގެ ވަގުތީ ލިސްޓު އާންމުކުރުމުން ނެރުނު ނޫސް ބަޔާނެއްގައެވެ.
އެ ބަޔާނުގައި ބުނީ ރިޔާސީ އިންތިޚާބަށް 75 ދުވަހަށް ވުރެ ގާތްވެފައިވަނިކޮށް، މާލޭ ސަރަޙައްދުގައިވާ ދިވެހި ރައްޔިތުންގެ ބިންތައް އެންމެ ހައްގުވާ ފަރާތްތައް ބެލުމެއް ނެތި، ނަހަމަ ގޮތުގައި ބަހާލި ބާހަލުމަކީ އެ ކޯލިޝަން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
މިއީ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ހިންގި ސިޔާސީ ޢަމަލެއްކަމަށް އެ ކޯލިޝަނުން ގަބޫލުކުރާ ކަމަށާއި ރައީސް ޔާމީންގެ ވެރިކަމުގައި މާލޭ ސަރަހައްދުން ހިއްކާފައިވާ ބިންތަކުގައި ހުސްކޮށް ބިން ކޮޅެއް އޮތްނަމަ އެބިންތައް ވަނީ އެއްވެސް އިންސާފެއް ނެތި، ސާލިޙުގެ ގާތް މީހުންނާއި ސަރުކާރުގެ ބޮޑުންނަށް ބަހާލާފައި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
"އޭގެ ތެރޭގައި ހުޅުމާލެ ފޭސް 1، ފޭސް 2 އަދި ގުޅީފަޅު ގެ އިތުރުން އަދި ހިއްކުމުގެ އީޕީއޭވެސް ހާދަފައި ނުވާ ސަރަޙައްދުތައް ހިމެނެއެވެ. އަދި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ފަށްޓަވާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނޭ އެތައް ފްލެޓެއް ހުސްކޮށް އެއްވެސް ރައްޔިތަކަށް ނުދީ އެތަންތަން ނިންމުމަށްވެސް އެއްވެސް މަސައްކަތެއް ނުކޮށް ހުރިކަންވެސް ފާހަގަ ކުރަމެވެ." ޕްރޮގްރެސިވް ކޯލިޝަންގެ ބަޔާނުގައި ބުނެފައި ވެއެވެ.
ހަމަމިއާއެކު އެތައް ރައްޔިތަކު ބާކީކޮށް ގާތް އެކުވެރިންނާއި ސަރުކާރުގެ ބޮޑުންނަށް ބިން ތައް ބަހާލުމާއި، ހިއްކާފައި ނުވާ ސަރަޙައްދުތަކަކުން ގޯތި ހަމަޖައްސައިދީ ރައްޔިތުންނަށް އޮޅުވާލުމުގެ ގޮތުން ހިންގާފައިވާ ޖަރީމާތައް އެސީސީއާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ބެލުމަށް ވެސް ވަނީ ގޮވައިލާފައެވެ.
އެ ކޯލިޝަނުން ބުނީ ބޯހިޔާވަހިކަމުގެ ބޭނުންޖެހިފައިވާ ދިވެހި ކޮންމެ ރައްޔިތަކަށް ވެސް މާލޭ ސަރަޙައްދުން ބޯހިޔާވަހިކަން ލިބޭނޭ އިންތިޒާމު ހަމަޖައްސަވައިދެއްވުމަކީ ރައީސް ޔާމީންގެ ސިޔާސަތެއް ކަމަށާއި އެމަނިކުފާނުގެ 2018 ވަނަ އަހަރުގެ ރިޔާސީ ވައުދެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!