ބައްސާމް، މަކުނުދޫގެ ފުރަތަމަ ޑޮކްޓަރު، ރަށުގެ ފަޚުރެއް!

IMG_7403

  • ޗައިނާގައި ކޮވިޑް ފެތުރެމުންދަނިކޮށް ރާއްޖެ އާދެވުނީ ކިރިޔާ.
  • މަކުނުދޫ ފަޚްރުވެރިވާފަދަ ދަރިޔަކަށް ވެވުމުން ހިތަށް ލިބިގެންދިޔަ އުފާވެރިކަން ބަޔާންކުރަން ދަތި.

ކުޑައިރު އެންމެ ފުރަތަމަ ހަނދަށް ދާ މީހަކަށް ( އެސްޓްރޮނޮޓް ) ވާން ބޭނުންވީ އެއީ އާދަޔާ ޚިލާފް ކަމަކަށްވާތީއެވެ. އަދި ރާއްޖޭގައިވެސް އެފަދަ މީހުން ނޫޅޭތީއެވެ. އަދި ހަމަ އެހެންމެ އެކަން ތަޖުރިބާކުރަން ބޭނުންވާތީއެވެ. ނަމަވެސް މާ ގިނަ ދުވަހަކު އެ ހުވަފެން ދެކޭހިތެއް ނުވިއެވެ.

ސްކޫލް ދައުރު ނިންމާލެއްވެވުމަށްފަހު، އެންމެ 19 އަހަރުގައި  މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް (އެމް.އެން.ޑީ.އެފް) އާއި ގުޅިވަޑައިގަތީ ޤައުމަށް ޚިދުމަތްކުރުމުގެ މާތް ނިޔަތުގައެވެ. ޤައުމަށް ފައިދާހުރި މަސައްކަތްތަކެއް ކުރެއްވުމަށް ހެޔޮ ހިތުން ބޭނުންފުޅުވާތީއެވެ. ތަމްރީނުތައް ނިންމާލެއްވުމަށްފަހު އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ ކޯސްޓްގާޑްގައެވެ. ނަމަވެސް މާތްﷲގެ ރަޙުމަތްފުޅުން، އެމް.އެން.ޑީ.އެފްގެ ސްކޯލަރޝިޕްގައި އެމްބީބީއެސް ކިޔަވަން ޗައިނާއަށް ވަޑައިގެންނެވުމަށް ފުރުޞަތުލިބުނެވެ. އެ ފުރުޞަތު ވެގެން ދިޔައީ ޤައުމަށް ޚިދުމަތް ކުރުމުގެ އިތުރުން މުޅި އިންސާނިއްޔަތަށް އެބޭފުޅާގެ ޚިދުމަތް ލިބިގެންދާނެ ފުރުޞަތަކަށެވެ.

ހދ. މަކުނުދޫ ފުރުންމާގޭ ބައްސާމް މުޙައްމަދުވަނީ ( ލޓ ޑރ. ބައްސާމް މުޙައްމަދު) ޑޮކްޓަރެއްގެ ސަނަދު ޚާޞިލްކޮށް މުޅި މަކުނުދޫ  ފަޚުރުވެރި ކުރުވާފައެވެ. އެއީ މަކުނުދޫގެ ފުރަތަމަ ޑޮކްޓަރވެސް މެއެވެ. މިއަދު އެރަށުގައި ޑރ. ބައްސާމްގެ ކާމިޔާބީއާއިމެދު ފަޚްރުވެރި ނުވާ ފަރުދަކު ނެތެވެ. މިއަދު ފެންނަމުންދަނީ އާއިލާއާއި އެކުވެރިންގެ އިތުރުން ރަށުގެ ޤަދަރުވެރި މުއައްސަސާތަކުންވެސް އެބޭފުޅާއަށް މަރުޚަބާ ދަންނަވަމުންދާ މަންޒަރެވެ. އެހުރިހާ ފަރާތްތަކަށް މި ފުރުޞަތުގައި ޑރ. ބައްސާމް ޝުކުރުދެންނެވިއެވެ.

ބައްސާމް އެމްއެންޑީއެފްގެ ތަމްރީނެއްގައި،

"އަބަދުވެސް ބޭނުންވޭ މީހުންނަށް އެހީވާން! ޞިއްޙީ ދާއިރާއަށް ޝައުޤުވެރިކަން އުފެދުނީ އެހެންވެ! އެދާއިރާއަކީ އެހީތެރިކަމާއި އޯގާތެރިކަން އަޅުގަނޑުމެންގެ ފަރާތުން އެތައް ބަޔަކަށް ފޯރުކޮށްދެވޭނެ ދާއިރާއެއް! އަޅުގަނޑުމެންގެ މަސައްކަތްތައް އަބަދުވެސް ގުޅިފައިވާނީ މީހުންގެ ޞިއްޙަތަށް! މީހުންގެ ފުރާނަޔަށް! މިއީ މި ދާއިރާ އެންމެ ޚާއްސަވާ އެއް ސަބަބު."

އެމަތިވެރި ޚިދުމަތާއި ގުޅުނު ޑރ.ބައްސާމް 29، ވިދާޅުވިއެވެ.

ޗައިނާގެ ސިޓީއެއް ކަމުގައިވާ ޝަންހާއީގެ ނަވަލް މެޑިކަލް ޔުނިވަރސިޓީއިން އެމްބީބީއެސް ކޯސް ކިޔަވަން ފެއްޓެވީ، 2014ވަނަ އަހަރުގައެވެ. ދިވެހިރާއްޖޭގެ އާދަކާދައާއި މުޅިން ތަފާތު، އެ ޤައުމުގައި ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިވަޑައިގެންނެވިއެވެ. ޗައިނާގައި ހޭދަކުރެއްވި ފުރަތަމަ ދުވަސްކޮޅު އާއިލާމަތިން މާބޮޑަށް ހަނދާންވެ، އެކަމުގެ ހިތްދަތިކަންވެސް ތަޙައްމަލްކުރައްވަން ޖެހިވަޑައިގަތެވެ.

ބައްސާމް ޗައިނާގައި ކިޔަވާވިދާޅުވިއިރު އެކުގައި ކިޔެވި ދަރިވަރުންނާއެކު

ރާއްޖޭގައި ހުކުރު ދުވަހަކީ ބަންދު ދުވަހަކަށްވީ ނަމަވެސް ޗައިނާގައި ހުކުރު ދުވަހުވެސް ކިޔެވުން އޮވެއެވެ. އެކަމުގެ ސަބަބުން ހުކުރު ނަމާދަށް ދިޔުމަށްޓަކައި ކޮންމެ ހުކުރު ދުވަހެއްގައިވެސް އުފުއްލަވަންޖެހޭ ތަކުލީފް ނުހަނު ބޮޑެވެ. ކުލާހުގައި  އެބޭފުޅާއަށް ލިބިވަޑައިގަންނަވާ ހުސްވަގުތުކޮޅު ހުކުރަށް ދިޔުމަށް ދަތުރު ފައްޓަވަންޖެހެއެވެ. މިސްކިތް އެހާމެ ދުރެވެ. ހުކުރު ނަމާދު ނިމުމުން އެނބުރި ކްލާހަށް ވަޑައިގަންނަވަން ޖެހެއެވެ. ނަމަވެސް އެންމެ ހުކުރެއްވެސް ދޫނުކުރައްވައި ކޮންމެ ހުކުރަކުވެސް ދަތި އުނދަގުލުގައި ނަމަވެސް ހުކުރު ނަމާދު އަދާކުރެއްވިއެވެ. ހަމަ އެހެންމެ ޑރ.ބައްސާމް ފާހަގަ ކުރެއްވި  ގޮތުގައި ރޯދަ ވިއްލާ ގަޑީގައިވެސް މުސްލިމް ކިޔަވާ ކުދިންނަށް ކޮލެޖުން އެ އިންތިޒާމް ހަމަޖައްސައިދީ އެކަމަށްވެސް ވަގުތު ކޮޅެއް ދެއެވެ. މިއީ ޗައިނާގައި ހޭދަކުރެއްވެވި ދުވަސްތަކުގައި އެންމެ ބޮޑަށް ހަނދާނުގައި ރައްކާކުރެއްވިފައިވާ ކަންކަމެވެ.

ކޯސް ފުރިހަމަ ކުރެއްވުމަށްފަހު، ޑރ.ބައްސާމް އެނބުރި ރާއްޖެ ވަޑައިގެންނެވީ 2020ވަނަ އަހަރުގެ ޖެނުއަރީގައެވެ.

"އަޅުގަނޑުމެން ރާއްޖެ އައުމާއިއެކު ޗައިނާގެ ބޯޑަރ ބަންދުކޮށްފި! މާތްﷲގެ ވާގިފުޅާއިއެކު އަޅުގަނޑުމެންނަށް އެނބުރި އާދެވުނުކަން އެއީ ލިބުނު ވަރަށް ބޮޑު ނިޢުމަތެއް"

ބައްސާމް ކިޔަވާވިދާޅުވި ދުވަސްވަރު ޗައިނާގައި

ޑރ.ބައްސާމް ޗައިނާގައި ހުންނަވަނިކޮށް ކޮވިޑްގެ ބަލިމަޑުކަން އެޤައުމުގައި ވަނީ ފެތުރެން ފަށާފައެވެ. ޑރ.ބައްސާމް ރާއްޖެ ވަޑައިގެން، މާގިނަ ދުވަހެއް ނުވެ، ރާއްޖޭގައިވެސް ކޮވިޑްގެ ނުރައްކާތެރިކަން އިތުރުވެގެން ދިޔައެވެ. ނަމަވެސް އޭރު ޑޮކްޓަރކަމުގެ ލައިސެންސް ލިބިފައި ނުވާތީ ޑޮކްޓަރެއްގެ ޙައިޞިއްޔަތުން މަސައްކަތް ކުރެއްވޭނެގޮތެއް ނުވިއެވެ. އެހެނަސް އާއިލާއާއި ވަކިން، ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލްގައި ޤައުމީ ޚިދުމަތުގައި ރެޔާއިދުވާލު އެބޭފުޅާ ވަނީ މަސައްކަތް ކުރައްވާފައެވެ. ބަލިމީހުންނަށް ބޭސް ފޯރުކޮށްދެއްވުމާއި ސާމްޕަލް ނެންގެވުމާ އަދި އެ ޙާލަތާއި ގުޅިގެން ކުރައްވަން ޖެހިވަޑައިގަތް ކޮންމެ ކަމެއްވެސް، ފަސްޖެހިވަޑައިގަތުމެއްނެތި އަދާ ކުރެއްވެވިއެވެ.

6 އަހަރު ދުވަހުގެ ކޯސް ނިންމާ ލެއްވެވުމަށްފަހު، އިންޓަރންޝިޕް ހައްދަވަން ޖެހިވަޑައިގެންނެވި އިރު ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ބޭރުގެ ޤައުމުތަކުން އެ ފުރުސަތު ހޯއްދަވަން އުނދަގޫވެލެއްވިއެވެ. އެހެންކަމުން ކޯހުގެ އެންމެ މުޙިއްމު އެއްބައި، ފުރިހަމަ ކުރެއްވުމަށްޓަކައި ދަތިތަކަކާއި ކުރިމަތިލާން ޖެހިވަޑައިގެންނެވިއެވެ. ނަމަވެސް އެމް.އެން.ޑީ.އެފްގެ މަސައްކަތުން  އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްއިން ( އައި.ޖީ.އެމް.އެޗް) އިންޓަރންޝިޕް ހެދުމަށް ޑރ.ބައްސާމަށް ފުރުސަތު ފަހިވެގެން ދިޔައެވެ. އެއަށްފަހު ޑޮކްޓަރ ޕްރެކްޓިސިންގ ލައިސަންސް ޑރ.ބައްސާމަށް ލިބިވަޑައިގެންނެވީ 2022 ވަނަ އަހަރެވެ.

ބައްސާމް ކިޔަވާވިދާޅުވި ދުވަސްވަރު

ޑޮކްޓަރަކަށް ވުމުގެ އުއްމީދު ޙާޞިލް ކުރެއްވުމަށްޓަކައި ޑރ.ބައްސާމްވަނީ ނުހަނު ގިނަގުނަ ހަރުފަތްތަކެއް ގިރާކުރައްވާފައެވެ. އެހާމެ އުނދަގޫ ކޯހެއް ފުރިހަމަ ކުރައްވަމުން ގެންދެވިއިރު، ސިކުނޑީގެ ބޮޑުބަޔަކުން އަބަދުވެސް އާއިލާއާއި އަނބިދަރިންނާއިމެދު ފިކުރު ކުރެވޭނެކަމީ ޔަޤީންކަމެކެވެ. ނަމަވެސް އަމާޒަށް ވާސިލްވުމަށްޓަކައި އަބަދުވެސް ހިންމަތާއިއެކު ބުރަކޮށް މަސައްކަތްކުރަންޖެހޭނެކަމުގައި ޑރ.ބައްސާމް ޤަބޫލު ކުރައްވައެވެ.

ޑރ.ބައްސާމް ވިދާޅުވި ގޮތުގައި ޑޮކްޓަރަކަށް ވެވޭނީ ވަރަށް ހިތްވަރު ހުރެގެންނެވެ. ޑޮކްޓަރަކަށް ވާން ބޭނުންވާ ކުއްޖާ، ސަމާލުކަން ދޭންވާނީ ހަމައެކަނި ކިޔެވުމަށެވެ. އާއިލާއެއް ބަލަހައްޓަމުން، އެހާ ދިގު މުއްދަތަކަށް، ދުރުގައި ގިނަ ދުވަސްތަކެއް ހޭދަކުރަމުން އަދި އާއިލީ ކަންކަމަށް ވިސްނަމުން ކިޔެވުމަކީ ނުހަނު އުނދަގޫ ކަމެކެވެ. ނަމަވެސް ކޮންމެ ޙާލެއްގައިވެސް ކަމެއް ބޭނުން ވެގެން ޙާލިސް ހިތަކައިގެން މަސައްކަތްކުރާ މީހަކަށް އެކަމެއް ކާމިޔާބު މިންވަރު ކުރައްވާނެކަން ޑރ.ބައްސާމް ފާހަގަ ކުރެއްވިއެވެ. ހަމަ އެފަދައިން ކޮންމެ ތާކު ވިޔަސް، ދީނީ ކަންތައްތަކަށް ފަރުވާކުޑަނުކޮށް، ދުޢާއިން ހިތްވަރު ހޯދުމަކީ ކުރެވުނު ރަނގަޅު ތަޖުރިބާއެއްކަމުގައި ވިދާޅުވިއެވެ.

ބައްސާމް ކިޔަވާވިދާޅުވުމަށްފަހު ޢަމަލީ ތަމްރީން ހޯއްދަވަނީ،

މާތްﷲގެ ރަޙުމަތުން ދިގު މުއްދަތެއްގެ އުނދަގޫ ކޯހެއް ފުރިހަމަކުރައްވާ ވަޒީފާގެ މައިދާނަށް ނިކުމެވަޑައިގަންނަވާއިރު އެބޭފުޅާއަށް އެހީތެރިވެދީ ހިތްވަރުދިން ފަރާތްތަކުގެ މަތިން ހަނދާންނައްތައެއް ނުލައްވައެވެ. ކޮންމެ މީހެއްގެ ނަން ވަކިވަކިން ހަނދާންކުރައްވާ ޙާލު،  އެކިގޮތްގޮތުން އެހީތެރިކަމާއި އެއްބާރުލުންދިން އެންމެންނަށް  ޑރ.ބައްސާމް ޝުކުރު ދެންނެވިއެވެ. މަންމައާއި ބައްޕަ އަދި އަނބިކަނބަލުންގެ އިތުރުން ދެފަރާތުގެ އާއިލާއިން ދެއްވިސަޕޯޓަކީ ދުވަހަކުވެސް ހަނދާނުން ފުހެ ނުލެއްވޭނެކަމެއްކަމުގައި ފާހަގަ ކުރެއްވިއެވެ. ކެނޑިނޭޅި ހިތްވަރު ދެއްވަން ތިއްބެވި ލޯބިވާ އާއިލާގެ ހުރިހާ ބޭފުޅުންނަކީވެސް  ޑރ.ބައްސާމަށް މިއަދުވެސް ވަރަށް ޚާއްސަ ބައެކެވެ. ތުއްތު ދަރިފުޅާއިއެކު އަނބިކަނބަލުން އެކަނިމާއެކި ދޫކޮށްލާފައި ދުރުގައި ހުންނެވުނީ އަނބިކަނބަލުންނާއި، އެކަމަނާގެ އާއިލާގެ ފަރާތުން އެހީތެރިކަމާއި އެއްބާރުލުން ލިބިދިނުމުން ކަމަށް ޝުކުރިވެރިކަމާއިއެކު ޑރ.ބައްސާމް ފާހަގަ ކުރެއްވިއެވެ. އަދި ގިނަ ދުވަސްތަކެއްވަންދެން ދަރިފުޅު ގޮވައިގެން އަނބިކަނބަލުން ކުރެއްވި ހިތްވަރަކީ  ފަޚްރުވެރިވާކަމެއްކަމުގައިވެސް ވިދާޅުވިއެވެ.

ބައްސާމް ކިޔަވާވިދާޅުވި ދުވަސްވަރު ޗައިނާ ބޮޑުފާރު ކައިރީ

މިއަދު ޑރ. ބައްސާމަކީ ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލްގައި އާއްމު ބަލިތަކަށް ޚާއްސަ ޑޮކްޓަރެކެވެ. މުސްތަޤްބަލަށް ކުރައްވާ އުއްމީދަކީ ސްޕެޝަލައިޒް ޑޮކްޓަރަކަށްވެ، މި މަތިވެރި ޚިދުމަތް ގިނަ ބަޔަކަށް ފޯރުކޮށްދެއްވުމެވެ.

އުފަން ރަށް، ހދ މަކުނުދޫގެ ރައްޔިތުން ފަޚްރުވެރިވާފަދަ ދަރިޔަކަށް ވެވަޑައިގެންނެވުމަކީ އެބޭފުޅާއަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލަކާއި ޝަރަފެއްކަމުގައި ޑރ. ބައްސާމް ޤަބޫލުކުރައްވައެވެ.

ތިލަދުންގެ ޓީމުން އެދެނީ ޑރ.ބައްސާމްގެ ކުރިމަގު އުޖާލާކުރައްވާ، ކާމިޔާބު ޑޮކްޓަރަކަށް ވުމެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ކިޔަވައިގެން ރަށަށް ޚިދުމަތް ކޮށްދޭ ޑޮކްޓަރެއްގެ ވާހަކަ ލިޔެބަލަ. އޭރުން ދޯ ރަށުގެ ރައްޔިތުން ފަޚުރުވެރި ވާންވާނީވެސް. ހއ ގެ އެންމެ އާބާދީ ކުޑަ މިރަށުގެ ރަޖިސްޓްރީ އޮތް 5 ޑޮކްޓަރުން އުޅޭ. އެހެނަސް ރަށަށް ޚިދުމަތް ކުރާނެ ޑޮކްޓަރެއް ނެތް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *