ޑރ. މުހައްމަދު އިޔާޒު އަބްދުއް ލަތީފަށް މަގުމަތިން ހަނގާކޮށް، ހުރަސްއެޅީ ވާދަވެރި ސިޔާސީ ފަރާތްތަކުން ރާވައިގެން ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.
އެ ޕާޓީން މިހެން ބުނީ އިދިކޮޅު، ޕްރޮގްރެސިވް ކޯލިޝަނުން އިއްޔެ ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން ޑރ. އިޔާޒަށް މަގުމަތިން ދިމާކޮށްފައިވާތީ، ނެރުނު ބަޔާނެއްގައެވެ.
އެ ބަޔާނުގައި އަދާލަތު ޕާޓީން ބުނެފައިވަނީ ޑރ. އިޔާޒަށް މަގުމަތިން ހަނގާކޮށް ހުރަސްއަޅައި ހަޑިހުތުރު ބަހުން މުޚާތަބުކުރުން ކުށްވެރިކުރާ ކަމަށެވެ. އަދި އަނިޔާވެރި ވުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުގެ މުޒާހަރާގެ ބައިވެރިން ހިންގީ ދަށު ދަރަޖައިގެ ހުތުރު ޢަމަލެއް ކަމަށެވެ.
މީގެ އިތުރުން އެއީ ވާދަވެރި ސިޔާސީ ފަރާތްތަކުން ރާވައިގެން ރާއްޖޭގެ އިސްލާމީ ދައުވަތަށް ހުރަސްއަޅައި ރާއްޖޭގެ ދީނީ އިލްމުވެރިންގެ އަގުވައްޓާލުމަށް ހިންގި ފިނޑި އަމަލެއް ކަމަށް ވެސް ވަނީ ބުނެފައެވެ. އަދި މިއީ މިހާރުގެ ސަރުކާރުން ރާއްޖޭގައި ގާއިމު ކޮށްފައިވާ ހަމަޖެހުމާއި ސުލްހަމަސަލަސްކަން ނަގާލައި އަނިޔާވެރިކަމާއި ހަމަނުޖެހުމުގެ ތެރެއަށް ގައުމު އަނބުރާ ގެންދިއުމަށް ރާވައިގެން ހިންގާ އަމަލުތަކެއްގެ ބިރުވެރި ސިގުނަލެއް ކަމަށް ވެސް ވަނީ ބުނެފައެވެ.
އެ ޕާޓީން ބުނީ އެ ފަދަ ފިނޑި ޢަމަލުތަކުގެ ސަބަބުން އަދާލަތު ޕާޓީގެ ދީނީ އިލްމެވެރިން އިސްލާމީ ދައުވަތު ދެއްވުމުގައި ކުރައްވާ މަސައްކަތް ކުޑަވެސް ފަސްޖެހުމެއް ނެތި ކުރިއަށް ގެންދަވާނެ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯ އިން ފެންނަގޮތުގައި ޑރ. އިޔާޒު އާ ދިމާކޮޮށްފައި ވަނީ ޕްރޮގްރެސިވް ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުން އެޗްއާރްސީއެމް އަށް ވަޑައިގަތުމުން އެ ސަރަހައްދަށް އެއްވި، އެ ކޯލިޝަންގެ ސަޕޯޓަރުންނެވެ. އަދި އެ ވަގުތު އެ ސަރަހައްދުން ސައިކަލުގައި ޑރ. އިޔާޒު ވަޑައިގަންނަވަނިކޮށް އިދިކޮޅު ޕީޕީއެމް އަށް ނިސްބަތްވާ މެންބަރުން އޭނާ އަށް ހުރަސް އަޅަން މަސައްކަތްކޮށް، އިޔާޒުގެ ސައިކަލުގެ ފަހަތުން ދުވެ، ހަޑި ހުތުރު އެއްޗެހި ވެސް ވަނީ ގޮވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!