ހދ. ކުރިނބީ ބަނދަރު ތަރަައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަސައްކަތް ފަށަން މި މަހުގެ 4 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް ވަނީ މޮބިލައިޒްކޮށްފައެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން، 30,172 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަ ބޭސިން ފުންކުރުމާއި، 4,389 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ މިހާރު ހުރި ހާބަ ބޭސިން ފުންކުރުމާއި، 2,040 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ މިހާރު ހުރި ބަނދަރުގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި، 295 މީޓަރުގެ ބޭރުތޮށި ލުމާއި، 70 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 314 މީޓަރުގެ އެއްގަމުތޮށި ލުމާއި، 10 މީޓަރު ދިގު 9 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، އެކްސަސް ޕްލެޓްފޯރމެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރާނެއެވެ.

މީގެ އިތުރުން، 1,556.61 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މިއީ 40.56 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.