”ދިވެހި މީޑިއާގެ ދަފްތަރު“ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ވެބްސައިޓުގައި އާންމުކޮށް ފެންނަގޮތަށް ޝާއިޢުކޮށްފިއެވެ.

މި ދަފްތަރު ޝާއިއު ކޮށްފައިވަނީ މި ހިނގާ ޖޫން މަހުގެ 6 ވީ އަންގާރަ ދުވަހުއެވެ. މި ދަފްތަރުގައި މައިހާތަނަށް 14 މީޑިއާއެއް ވަނީ ރަޖިސްޓްރީކޮށްފައއެވެ.

Ad
rt

މިއީ ކަނޑައެޅޭ ވަކި ނިޒާމެއްގެ ތެރެއިން ރާއްޖޭގެ މީޑިއާތައް ދަފުތަރުކޮށް، މީޑިއާތަކުގެ އާންމު މަޢުލޫމާތާއި، ނެރުމަށް ކަނޑައެޅިފައިވާ ގޮތް އެކުލެވޭ ދަފްތަރެކެވެ.

މިފަދަ ދަފްތަރެއް އެކުލަވައިލުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ މީޑިއާތަކުގެ ތެރެއިން ޚިދުމަތް ދެމުންދާ މީޑިއާތަކާއި، ރަޖިސްޓްރީކޮށްފައިވީ ނަމަވެސް ހިންގަމުން ނުދާ މީޑިއާތައް އެނގޭނެހެން ވަކިވަކީން ނުވަތަ އެއްކޮށް އަދާހަމަ ދިވެހި މީޑިއާ ދަފްތަރެއް އޮތުމަކީ ވަރަށް މުހިންމުކަމެއް ކަމުގައި ދެކޭތީ ކަމަށް އެމްއެމްސީ އިން ބުނެއެވެ.

އެހެންކަމުން މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ، "ދިވެހި މީޑިއާގެ ދަފުތަރު އެކުލަވައިލުމާއި ބެލެހެއްޓުމުގެ އުސޫލު" އެކުލަވާލައި، އެ އުސޫލުގައި ބަޔާންކޮށްފައިވާ މީޑިއާ ދަފްތަރު އެކުލަވާލުމާ ގުޅޭ ކޮމިޓީއަކުންނެވެ.

މީޑިއާތަކުގެ މައުލޫމާތު އެއްކުރުމަށްޓަކައި ގޫގްލް ފޯމެއް ތައްޔާރުކޮށް މީޑިއާތަކާއި ހިއްސާކޮށްފައިވާއިރު، މީޑިއާތައް ދަފްތަރުގައި ރަޖިސްޓްރީ ކުރަނީ، މި ފޯމް މެދުވެރިކޮށް ހޯދާ މައުލޫމާތުތަކަކީ ސައްހަ މައުލޫމާތުތޯ ކޮމިޓީން ބަލައި ކަށަވަރުކުރުމަށްފަހުގައި ކަމަށް ވެސް އެމްއެމްސީ އިން ވަނީ ބުނެފައެވެ.

އެ ކައުންސިލުން އާންމުކުރެވުނު ދިވެހި މީޑިއާގެ ދަފުތަރު، ކޮންމެ ތިން މަހުން އެއްފަހަރު އަދާހަމަކޮށް ބަލަހައްޓާނީ އެ ކައުންސިލުގެ އިދާރާއިންނެވެ. މި ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅަވާލާފައެވެ.