" ލޮލަށް ފެންނަ ކޮންމެ މަންޒަރަކީ ޙަޤީޤަތެއްކަމުގައި އުޝާ ޤަބޫލުކުރަނީތަ؟ އެގޭގައި އުޝާ އުޅުނު އިރު އަހަރެންގެ ލޮލަށް އުޝާ ނުފެނި ކިތައް ދުވަސް މިދިޔައީ؟ އެކަމަކު އަހަރެން އެއްވެސް ޝަކުވާއެއް ކުރިތަ؟ މިއަދު އަހަރެން ވަރަށް ދެރަވެއްޖެ! "
ނަވީން ބުންޏެވެ. އެއާއިއެކު ޖާބިރުގެ ކޯލް އައިސްގެން ނަވީން ނިކުމެގެން ދިޔައެވެ. ނަވީން ދިޔުމުން އުޝާވެސް ހިނގައިގަތެވެ. އެމީހުން ސިޓިންގރޫމަށް ދިޔައިރު އިރު ސަލީމްއާއި ނޫރާ ގޮއްސިއެވެ.
" ދެން ބައްޕަ ކަންތައްކުރި ގޮތުން އަހަރެން ވަރަށް ހިތްހަމަ ނުޖެހިއްޖެ! އެއީ ކޮންކަހަލަ އަންހެން ކުއްޖެއްތަ؟ ގަޔަށް ބޮލަށް އަރާ ފާޑުގެ ކުއްޖެއް! ބައްޕަގާތު އަދި އަހަރެން ނުފޮނުވާށޭ ބުނީމަވެސް ބުނެފި ދާށޭ!" ހިތްހަމަ ނުޖެހިގެން ހުރެ ނަވީން ބުނެލީ، ސޯފާގައި އޮތް ކުޝަން ނަގާ ސޯފާގައި އިށީންނަމުންނެވެ.
" ދެން ބައްޕަތަ ދާންވީ އެމަންޖެ ގޮވައިގެން؟ " މަޖާ ރާގަކަށް ޖާބިރު އެހެން ބުނުމުން މަންޒަރު ބަލަން ހުރި އުޝާއަށް ހެވުނެވެ. އޭރު ނޫޙު އިނީ ޖާބިރުގެ އުނގުމަތީގައި އިށީނދެލައިގެން ޗިޕްސް ކާށެވެ.
" އެންމެ ފަހުން އުޝާ އެ ހީކުރީ އަހަރެން ނޫރާއާއި އިންނަން އުޅެނީ ކަމަށް! އެކަމާ އަހަރެމެން ދެމީހުން މައްސަލަވެސް މި ޖެހުނީ! " ކުއްލިއަކަށް ނަވީން އެހެން ބުނުމުން އުޝާ ދެލޯ ބޮޑުކޮށްގެން ހުރެ އަވަސް އަވަހަށް ބޯހޫރަން ފެށީ، ގަތް ލަދުންނެވެ.
" ނޫން ބައްޕާ! ނަވީން އެހެދީ ދޮގެއް.. އަހަރެން ނުބުނަން އެއްވެސް އެއްޗެއް! " ނަވީންއަށް ލޯއަޅާލަމުން އުޝާ ބުނެލިއެވެ. އެއާއިއެކު ނަވީން ގާތަށްވެސް ހިނިއަތުވެއްޖެއެވެ.
" ޑެޑީއަކަށް އަދިވެސް ނޫޙުއެއް ނުފެނެ!" ޖާބިރުގެ މޫނަށް ބަލައިލަމުން ނޫޙު ދެރަވެލާފައި ބުނެލިއެވެ. އެއަޑު އިވި އަވަސް އަވަހަށް ނަވީން ތެދުވެ ނޫޙުގެ އަތުގައި އޮތް ޗިޕްސް ދަޅުން ފޮއްޗެއް ނަގާ ކާލިއެވެ.
" ނޫޙު ޑެޑީއަށް ގޮވައިވެސް ނުލަންޏާ ޑެޑީއަކަށް ނޫޙުއެއް ނުފެންނާނެއެއްނު! ކޮބާ ޗުއްޓީ މަޖާތަ؟ " ނަވީން އެހެން ބުނުމާއެކު ނޫޙު ދެފަރާތަށް ބޯހޫރާލީ ތުން ދަމާލަމުންނެވެ.
" ނޫން! ވަރަށް ސަކަރާތް.. ނޫޙު އަބަދު ކިޔަނީ މަންމަ ގާތު ޑެޑީގެއަށް އަންނަން.. ދޯ މަންމާ! " ނޫޙު އުޝާއަށް ބަލައިލިއެވެ.
" އަންގައިވެސް ނުލާ އަސްލު ކަމެއްވެގެންތަ ތިއައީ؟" ސޯފާގައި އިށީނުމަށް އުޝާއަށް ނަވީން އިޝާރާތްކޮށްލިއެވެ.
" ތެދެއް ދަރިފުޅާ! ފަހުމީވެސް މިގެއަށް ވަދެވެސް ނުލާ އެ ދިޔައީ ކިހިނެއްވީ؟" ޖާބިރުވެސް ޝައުޤުވެރިކަމާއެކު ސުވާލުކޮށްލިއެވެ.
" ދަރިފުޅު ދާންވީނު ކާޓޫން ބަލައިލަން.. ކާފަ ކޮޓަރިއަށް!" އުޝާ ބޭނުންވީ ނޫޙު އެތަނުން ފޮނުވާލާށެވެ. އުޝާގެ އެދުމަށް ނޫޙު ވަގުތުން އިޖާބަދިނެވެ. ޖާބިރުގެ އުނގުން ފުންމާލުމަށްފަހު ނޫޙު ބާރަށް ދުއްވައިގަތީ ޓީވީ ބަލާހިތުންނެވެ. ނޫޙު ދިޔުމާއެކު މިއަދު ކަންތައްވީގޮތް އުޝާ ނަވީންއާއި ޖާބިރަށް ކިޔައިދިނެވެ.
" ދަރިފުޅު ކަންތައް ތިކުރީ ހަމަ ރަނގަޅަށް! އަހަރެން މިހުރިހާ ދުވަހުވެސް އެއްޗެއް ނުބުނަން މި ހުންނަނީ! ބައްޕަމީ ނަވީން ނަމަ ނުވެސް ފޮނުވީމުސް.. ޒައިންއަށް ކުރިމަތި ކުރުވި ބައްޔަކީ ބޭހުންނާއި ކައުންސެލިން ދީގެންވެސް ފަރުވާ ކުރެވޭނެ ބައްޔެއް! ބައްޕައަށް ހީވަނީހަމަ ފަހުމީގެ ދެމަފިރިން އުޝާއަށް މަޖުބޫރުކޮށްގެން ޒައިންއާ ކައިވެނި ކުރުވާ ހަމައަށްވެސް އެކަންތައް ދިޔައީސްހެން.. ދަރިފުޅު އެއްޗެއް ނުބުނެ ހުރި ނަމަ އެހިސާބަށް ދިޔައީސްކަން ކަށަވަރު!"
ޖާބިރު ހިތްހަމަ ނުޖެހިފައި އިނދެ ބުނެލިއެވެ.
" ދެން އެވާހަކަތައް ދައްކާނެ ކަމެއްނެތް! އުޝާއަށް ފެންނަ އެންމެ ރަނގަޅަކަށް ކަންތައްކުރީމަ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ " ނަވީން އުޝާއަށް ބަލައިލަމުން ބުނެލިއެވެ.
" އޭ ދަރިފުޅާ! ބައްޕަ މިދަނީ ފިހާރައަށް ވަދެލަން އިނގޭ! ނޫޙު ބަލައިލައްޗޭ!" ޖާބިރު ގަޑި ބަލައިލަމުން ބުނެލިއެވެ.
****
އުޝާ ފެންވަރައިގެން ނިކުތް އިރު ނަވީންއިނީ ކޮމްޕިޔުޓަރ ކައިރީގައެވެ. އިސްތަށިގަނޑު ރޫޅާލައިގެން އައިސް އުޝާ ޑްރެސިންގޓޭބަލް ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެލުމަށްފަހު އަމިއްލަ ސޫރައަށް ބަލައިލިއެވެ. ހަަމަ އެވަގުތެވެ. ނަވީން އައިސް އޭނާގެ ފަހަތުގައި ހުއްޓިލިތަން އޭނާއަށް ފެނުނީ ލޯގަނޑުންނެވެ. އެއާއެކު އުޝާ ލަދުން އިސްޖަހާލިއެވެ.
" އެގޭ މީހުންނާ ފައިޓުކޮށްފަ މިގެއަށް ތިއައީ އަހަރެން ގާތަށް ހަމަ އެހާ އަންނަހިތުންތަ؟"
ނަވީން ކުޑަކޮށް ގުދުވެލުމަށްފަހު އުޝާގެ ކަންފަތް ބުޑުގައި ވައި އަޑުން ބުނެލިއެވެ. އުޝާއަށް ހިނިތުންވެލެވުނީ އިތުރަށް ލަދުގަތްވަރުންނެވެ. އެއްޗެއް ނުބުނެ އިސްޖަހައިގެން އުޝާ އިނުމުން ނަވީން މަޑުމަޑުން ފަހަތަށް ޖެހެމުން ގޮސް އެތަނުން ދުރަށް ދިޔައެވެ. އޭރު ގަޑިން ބާރަޖަހާ ބޮޑުވެއްޖެއެވެ. ރީތިވެލައިގެން ގޮސް އެނދަށް އަރާ، ބްލޭންކެޓް ދަށަށް އުޝާ ވަތް އިރުގައިވެސް ނަވީން އިނީ ކޮމްޕިޔުޓަރ ކައިރީގައެވެ. ނަވީން އަންނާނެ އިރެއްގެ އިންތިޒާރުގައި އޮތް އުޝާގެ ހިތް ބާރަށް ތެޅެންފެށީ ނަވީން ކޮމްޕިޔުޓަރ ނިއްވާލުމަށްފަހު އެނދާއިދިމާލަށް ހިނގައިގަތްތަން ފެނުމުންނެވެ. ލަސް ފިޔަވަޅުތަކެއްގައި އައިސް އޭނާ އައިސް އެނދުކައިރީގައި ހުއްޓިލިއެވެ. އޭރުވެސް އުޝާ އޮތީ ލޯބިގޮތަކަށް ނަވީންއަށް ބަލަހައްޓައިގެންނެވެ. އުޝާއާއި ދިމާލަށް ފުން ނަޒަރަކުން ބަލާލަމުން މަޑުމަޑުން ގުދުވެލުމަށްފަހު ނަވީން، ނެގީ އެނދުމަތީގައި އޮތް ބާލީހެވެ. އެމަންޒަރު ފެނި އުޝާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެއްޖެއެވެ. ބާލީސް ނެގުމަށްފަހު ނަވީން ހިނިތުންވެލިއެވެ.
" ގުޑް..ނައިޓް! " ނަވީން އެހެން ބުނެލުމުން އުޝާ އަވަސް އަވަހަށް ތެދުވިއެވެ. އެނދުމަތީގައި ކޮޅަށް ޖެހިފައި އޭނާއަށް އިނދެވުނީ ނަވީން ސޯފާއަށް ނިދަން ދާތީވެ ދެރަވެގެންނެވެ.
" ދަނީތަ؟ " އުޝާ އަހާލިއެވެ. އެއާއިއެކު ނަވީން، އަތުގައި އޮތް ބާލީހުގައި ބައްދާލަމުން ބުންޏެވެ.
" އަހަރެން އަބަދުވެސް ނިދަނީ ސޯފާގައެއްނު! " އުޝާގެ ޖަވާބެއް އަޑުއަހާލަން ކަތްމަދުވެފައި ހުރެ، ނަވީން ބުނެލިއެވެ.
" ސޮރީ! " އަޑު ނީވޭ ގޮތަށް އުޝާ ތުންފަތް ހަރަކާތްކޮށްލިއެވެ.
" ނުދޭ! ޕްލީޒް..." ކުޑަކުއްޖަކު ފަދައިން އުޝާ އެހެން ބުނެލުމުން ނަވީން ހީލިއެވެ.
" ދެން މިތާ ކޮޅަށްތަ ހުންނަންވީ؟ "
" ދެން ނަވީން...." ހިނިތުންވަމުން އުޝާ ތެދުވެގެން ގޮސް ނަވީން އަތުން ބާލީސް ނެގިއެވެ. އޭރުވެސް ނަވީން ހުރީ ގުޑާވެސް ނުލައި ހުރި ފިޔަވަޅު މަތީގައެވެ.
" ދެން އަހަރެން ލަދުގަންނަވަން ނޫޅެބަލަ! " އުޝާ އެހެން ބުނީ ނަވީންގެ ކުރިމަތީގައި ހުރެއެވެ. އެހިނދު ނަވީން އުޝާގެ އުނަގަނޑުގައި ހިފާލިއެވެ.
" ކީކޭތަ ބުނީ؟ އުޝާ ނެތީމަ އަހަރެން އަންހެންވެރިންނާ ގުޅުން ބަދަހި ކުރަނީއޭތަ؟ " މިއަދު އުޝާ ބުނެލި ޖުމްލަ، ނަވީން ހަނދާންކޮށްލަދިނީ ގަސްތުގައި އުޝާ ލަދުގަންނަވާލާށެވެ.
" ދެން!.."
ނަވީން ލުތްކެއް ޖަހާފައި އުޝާ އޭނާގެ ގާތަށް ދަމާލިއެވެ.
" މިހާރު އޯކޭތަ؟ " ނަވީން އެހެން އަހާލުމާއެކު އުޝާ ނަވީންގެ މޭގައި ބޯއަޅާލަމުން ވާހަކަ ދައްކަން ފެށިއެވެ.
" ހާދަ ދިގު އިންތިޒާރަކަށް ފަހުގައޭ އަހަންނަށް މި އާދެވުނީ! އެތަނުން ނުނިކުމެވިގެން ދުޢާކޮށްލަކޮށްލާ ހުއްޓާ ނަދާ އައީވެސް.. "
" އެހެންތަ؟ ކީއްވެގެންތަ އެހާ ވަރުން މިގެއަށް ނާދެވިގެން އުޅުނީ؟ އަހަރެންގެ ބައްޕަ ހަމަ އެހާވެސް ރަނގަޅުތަ؟ " ނަވީން ބޭނުންވީ އުޝާ ހެއްވާލާށެވެ. ކަންތައްވީވެސް ހަމަ އޭނާ ބޭނުންވި ގޮތަށެވެ. އުޝާއަށް ހޭންފެށުނީވެސް އެހާމެ ބާރަށެވެ.
" ހޫމް.. އަހަރެން މިއައީ ހަމަ ބައްޕަ މިސްވާތީ...."
" އޯހް! އަހަރެން މަތިން މާ ބޮޑަށް މިސްވީއޭދޯ ތިބުނީ! ކީއްވެތަ ބުނަން ނުކެރެނީ؟ ތެދަށް ބުނެބަލަ!"
ނަވީން އުޝާގެ ދަތްދޮޅީގައި ހިފާ، އުފުލާލިއެވެ.
" ނުބުންޏަސް މިހާރު އެނގެއެއްނު..." ނަވީންއާ އިތުރަށް ގާތްވެލަމުން އުޝާ ބުންޏެވެ. އެއާއިއެކު ދެމީހުންގެ ދެމެދަށް ހަމަހިމޭންކަން ވެރިވެގަތެވެ. ނަވީން ފަހަތަށް ޖެހެމުން އައިސް އެނދުގައި އޮށޯވެލީ އުޝާވެސް ގޮވައިގެންނެވެ.
" ފުރަތަމަ ނަޒަރުން ވެވުނު ލޯތްބެއް މިހާ ވަރުގަދަ ވެދާނެކަމަކަށް އަހަރެން ހިއެއް ނުކުރަން! " ނަވީން ހަމަޖެހިލަމުން ބުނެލިއެވެ.
" ދުވަހަކުވެސް ނުދަންނަ މީހެއްދެކެ މިވަރަށްވެސް ގަޔާވެވިދާނެ ކަމަކަށް އަހަރެންވެސް ހިއެއް ނުކުރަން!" އުޝާ ބުނެލީ ނަވީންގެ މޭމަތީގައި ބޯއަޅާލަމުންނެވެ.
" އޯހް! ގަޔާވަނީ ދޯ! ލޯތްބެއް ނުވޭތަ؟" ނަވީން އުޝާގެ ބުރަކަށީގައި ޖަހާލަމުން ބުންޏެވެ. އެއާއިއެކު އުޝާ ތުއި ގޮތަކަށް ހީލިއެވެ.
" ލައިކްވުމާ، ގަޔާވުމާއި ލޯތްބަކީ ހަމަ އެކައްޗެކޭ! " އުޝާ ބުންޏެވެ. އެހިނދު ނަވީންއަށް ތަންކޮޅެއް ބާރަށް ހޭންފެށުނެވެ. އަދި ކުރިއަށްވުރެ ބާރަށް އުޝާ ގައިގައި އޭނާ ބައްދާލީ މުޅި އުމުރަށްވެސް އުޝާއާއިއެކު އުޅޭނެކަމަށް ވަޢުދުވަމުންނެވެ.
****
ބިރުން ހުރެ، ނަދާ ޒައިންގެ ކޮޓަރި ދޮރުގައި ޓަކި ޖަހާލިއެވެ. ކުޑައިރުކޮޅެއް ފަހުން ޒައިން ދޮރު ހުޅުވާލިއެވެ. އޭރުވެސް ޒައިންގެ މޫނުމަތިން ފެންނަމުންދަނީ މާޔޫސްވެރިކަމެވެ.
" އަހަންނަށް ތި ކޮޓަރިއަށް ވަނުމުގެ ހުއްދައެއް ނެތްތަ؟" ނަދާ އަހާލިއެވެ. އެއާއިއެކު ޒައިން އޭނާއަށް ވަންނަން ފުރުޞަތު ދިނެވެ.
" މީ އެއް އިރެއްގައި އަހަރެމެން ދެމީހުން ހާދަ ލޯބިން އުޅުނު ކޮޓަރިއެކޭ ދޯ! " މުޅި ކޮޓަރިއަށް ނަޒަރު ހިންގާލަމުން ނަދާ ބުންޏެވެ. އެއާއިއެކު ޒައިން އެއްމިޔަކަނުން ހީލިއެވެ.
" އެއް އިރެއްގައި މި ކޮޓަރީގައި ތަޅާފޮޅާ، ޒުވާބުކޮށް، އެއްޗެހިކިޔާވެސް ހެދި ހަނދާންވޭ! " ޒައިން އެހެން ބުނުމުން ނަދާ ނުހަނު ދެރަވިއެވެ. ނަދާ އިސްޖަހާލައިގެން ހުރެ، ގޮސް އިށީނީ މަސްޓޭންކް ކައިރީގައި ހުރި ގޮނޑިއެއްގައެވެ. ޒައިންވެސް އެނދުގައި އިށީންދެލިއެވެ.
" އަހަރެންގެ ލައިފް ވަރަށް ބަދަލު ވެއްޖެ! އަހަންނަށް ހީވަނީ އަހަރެންގެ ވިސްނުންވެސް ދެން ބަދަލު ކުރަންވީހެން.." ޒައިން އެހެން ބުނުމާއެކު ސިހިފައި ނަދާ ބަލައިލިއެވެ. އޭނާގެ މޫނުމަތިންވެސް ޒައިން ބުނަން އުޅޭ އެއްޗެއް އެނގެން ބޭނުންވެފައިވާ މިންވަރު ހާމަވެއެވެ.
" ތިބުނީ؟" ޒައިން އިތުރަށް އެއްޗެއް ނުބުނުމުން ނަދާ އަވަސް އަވަހަށް އެހިއެވެ. އެއާއިއެކު އެނދުގައި ދެއަތް ވިއްދާލުމަށްފަހު އޭނާ ހަށިގަނޑު ދަމާލިއެވެ. އަދި އިސް އުފުލާލުމަށްފަހު ދެލޯމަރާލަމުން ފުންނޭވާއެއްވެސް ދޫކޮށްލިއެވެ.
" މިބުނީ ލިބުމެއްނުވާ ލޯތްބަކަށް އިންތިޒާރު ކުރެވޭތީ.." ޒައިން އެހެން ބުނުމުން ނަދާ އިތުރަށް ދެރަވިއެވެ. ނަދާ އެއްޗެއް ނުބުނުމުން ޒައިން ހަމަޖެހިލުމަށްފަހު، ނަދާއަށް ގޮވާލިއެވެ.
" އުމް؟ " އިސް އުފުލާލަމުން ނަދާ ބުންޏެވެ.
" ކީއްވެ އެއްޗެއް ނުބުނީ؟" ޒައިން އަހާލީ ނުހަނު މަޑުމަޑުންނެވެ.
" އަހަރެން.. ކީކޭ ބުނާނީ؟ ޒައިން ތިކަހަލަ އެއްޗެއް ބުނާ އަޑު އިވުނީމަ ވަރަށް އަސަރުކުރޭ އަސްލު.. އެކަމަކު އަހަންނަށް އިޙްސާސްކުރެވޭ އަހަންނަކީވެސް އެންމެ ރަނގަޅު މީހެއް ނޫންކަން.. އަދި އަހަންނެއް ނުބުނާނަން ޒައިންވެސް ކަންތައްކުރީ ރަނގަޅަކަށޭ.. ޒައިންއަށްވެސް އެކުގައި އުޅެވޭނީ ޒައިން ލޯބިވާ، ޒައިން ހިތް އެދޭ މީހަކާ އެކު.. އަހަރެން އެކަމަކަށް ދެކޮޅެއް ނަހަދާނަން.." ނަދާ އެހެން ބުނުމަށްފަހު ތެދުވެ ހިނގައިގަތީ ކޮޓަރިން ނިކުތުމަށެވެ. ނަދާ ހިނގައިގަތްތަން ފެނި، އޭނާއަށް ވަރަށް އަސަރު ކޮށްފިކަން ޒައިންއަށް ޔަޤީންކުރެވުނެވެ.
" އަހަރެންދެކެ ލޯބިވާ މީހަކާއި އެކުގައިވެސް ހަމަ އުޅެވިދާނެ! " ޒައިންގެ ޖުމްލައިން ނަދާ ހުއްޓި އޭނާއަށް ބަލައިލިއެވެ.
" ނަދާ އަހަރެންދެކެ މިހާރު ލޯބިވޭތަ؟ އަޅެ ތެދަށް ބުނެބަލަ!" ޒައިން ތެދުވަމުން ސުވާލުކޮށްލިއެވެ. އެއާއިއެކު ނަދާގެ ދެލޮލުން ކަރުނަތައް ނީރާލިއެވެ.
" އަހަރެންގެ މާލެ އައި އިރުގައިވެސް ޒައިންދެކެ ކުރިން ވީ ލޯތްބެއް ނުވޭ! އުޝާއާއި ޒައިންގެ ވާހަކަތައް އެނގުނު ހިސާބުން އަހަރެން ޒައިންއަށް ވަރަށް ނަފްރަތު ކުރިން.. މާލެއައި ފަހުން ޒައިންގެ ހާލަތު ފެނި، އެނގި، އިޙްސާސްކުރެވުމުން އަހަރެން ޒައިންއާއި ދުރަށް ދާހިތެއް ނުވޭ! އަހަރެން އަދިވެސް ... ލޯ....ބި.. ވޭ! " ނަދާއަށް ގިސްލެވުނީ ދެނެވެ. އެއާއިއެކު ޒައިން އައިސް ނަދާގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ. އޭރުވެސް އިސްޖަހައިގެން ހުރެ އޭނާ ރޮނީއެވެ.
" އަހަންނަށް.. މަޢާފްކުރޭ ޒައިން.." ނަދާ ގިސްލަމުން ޒައިންގެ މޭމަތީގައި ބޯ ޖައްސާލިއެވެ.
" އަހަރެން ގާތު ހުރެދީ ނަދާ! އަހަންނަށް އެހީވެދީ! ބަލިމީހަކަށް ވާކަށް އަހަންނެއް ބޭނުމެއް ނޫން.." ނަދާގެ ގައިގައި ބައްދާލަމުން ޒައިން ބުނެލި އިރު އޭނާއަށް ވެސް ރޮވެނީއެވެ. އެއަޑުތައް އަހަން ބޭރުގައި ދޮރު ކައިރީގައި ހުރި ފަހުމީގެ ލޮލުންވެސް ކަރުނަ ހިލުނެވެ. އެހެންކަމުން އިތުރަށް މަޑުނުކޮށް އޭނާ ފައިބައިގެން ދިޔައީ ކޮޓަރިއަށެވެ.
" ހަމަ ތެދެއްތަ؟ ނަދާއަށްވެސް ހެޔޮ ވިސްނުން ދެއްވީތީ ޙަމްދުކުރަން! ކައިވެނީގެ ކަންތައްތައް އަވަހަށް ނިންމަންވީނު!" އެނދުތަންމަތި އަޅަން ހުރި އަމީރާއަށް މަޑަކުން ނުވެސް ހުރެވުނެވެ. އޭނާ ތެޅިގަތްލެއް އަވަސް ކަމުން ފަހުމީ ދެފަރާތަށް ބޯ ހޫރާލަމުން އަނގައިން އަޑެއް ލައްވާލިއެވެ.
" ހޭބަލި ނުވެބަލަ އަމީރާ! ފުރަތަމަ އެކުދިން ހަމަޖެހިލައިގެން އަހަރެމެން ގާތު އެވާހަކަތައް ދައްކަންދެން އެނގޭ ކަމަށް ނަހަދާ ތިބެންވީ! މީނަ ގާތު އެއްޗެއް ނުބުނެވެނީވެސް އެހެންވެ! މާ އަވަހަށް އާސްމާނަށް ހިތް އަރުވާތީ!"
ހުއްޓުން އަރާފައި ހުރި އަމީރާގެ އަތުގައި އޮތް ބެޑްޝީޓްގެ އެއްކަނުގައި ހިފަމުން ފަހުމީ ބުނެލިއެވެ. އެއާއިއެކު އަމީރާ ބާރުބާރަށް ހޭންފެށިއެވެ.
****
ހެނދުނުގެ ވަގުތެވެ. ފިހާރައަށް ދާން ތައްޔާރުވެގެން ނަވީން ނިކުތް އިރު ޖާބިރު އިނީ ސައިބޯށެވެ. ސިޓިންގ ރޫމްގައި ހުރި ސޯފާގައި އިނދެގެން ނޫޙު ފޮތެއްގައި ކުލަޖައްސަން އިނެވެ. ގަމީހުގެ އަތުކުރި ގޮށްތައް އަޅުވަމުން އައިސް ނަވީން ކާމޭޒު ކައިރީ އިށީނދެ ސުފުރާމައްޗަށް ނަޒަރު ހިންގާލިއެވެ. ރޮއްޓާއި ފަތްމަސްހުނީގެ އިތުރުން ސޭންޑްވިޗްވެސް ހަދާފައި ހުއްޓެވެ. ކާއެއްޗެހިތައް ފެނުމުން ނަވީންގެ ތުންފަތް މައްޗަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ.
" ބައްޕާ! މިއަދު މޭޒުމަތި ހާދަ ތިޔާގި ދުވަހެއް ހެން ހީވެޔޭ!" އޭނާގެ ޖުމްލަ ބުނެ ނުނިމެނީސް ނޭފަތުގައި ބިސްގަނޑެއްގެ ވަސް ޖެހުނެވެ. ނަވީން އަވަސް އަވަހަށް ބަދިގެއާއި ދިމާލަށް ނަޒަރު ހިންގާލި އިރު ހޫނު ތަވާ ހިފައިގެން އުޝާ އާދެއެވެ. އައި ގޮތަށް އައިސް އޭނާގެ ތައްޓަށް ބިސްގަނޑު ވައްޓާލިއެވެ.
" ވާވް! ސަޅި އިނގޭ! "
ބައްޕައަށް ނިތް އެއްލަމުން ނަވީން ބުނެލިއެވެ. އޭރު އަވަސް އަވަހަށް އުޝާ ގޮސް ބަދިގެއަށް ވަދެއްޖެއެވެ.
" ބައްޕަ މިހާރު މި ނިންމާލީ! އުޝާ އަޅާ ބިސްގަނޑު ވަރަށް މީރޭ.. އަސްލުވެސް ވަރަށް މީރު! ހަދާ ނަހަދާއެއް ނޭނގެ! ބައްޕަގެ ތައްޓަށްވެސް ހަމަ ތިގޮތަށް މަތިން ބިސްގަނޑެއް އައިސް ޖެހުނުތަން ފެނުނީ! " ހެމުން ހެމުން ޖާބިރު ބުންޏެވެ.
" ބައްޕަމެން އަހަންނަށް މަލާމާތް ކުރަނީތަ؟ " ކުއްލިއަކަށް އެންމެން ސިހުނީ ފަހަތުން އައިސް ހުއްޓުނު އުޝާގެ އަޑުންނެވެ.
" ނޫނޭ ނޫނޭ! ދަރިފުޅާ! ބައްޕަ ދެން ދަރިފުޅަކަށް މަލާމާތެއް ނުކުރާނެއެއްނު.. ހަމަ މީރު ވެގެންނޭ މީރޭ ބުނަނީ!" ކައިރީގައި ހުރި އައިސް ފެންތަށި ނަގަމުން ޖާބިރު ބުނެލިއެވެ.
" ރޯޓޮމާޓޯއެއް ކިޔުބްކޮށް ކޮށާފައި، ފިޔާވެސް ކިޔުބްކޮށް ކޮށާނީ! ދެން މިރުސް އަޅާފައި ހެޔޮވަރަށް ލޮނު ލީމަ ނިމުނީ! " ގޮނޑިއެއް ދަމާލާފައި އިށީނދެލަމުން އުޝާ ބުނެދިނެވެ.
" އެހެންތަވަނީ؟ ބިހެއް ނާޅާނެތަ؟" ލާނެތް ފާޑަކަށް ނަވީން އެހެން އެހުމުން، ކުޑަކުއްޖަކު ފަދައިން އުޝާ ތުން އަނބުރާލަމުން ގޮވާލީ ޖާބިރަށެވެ.
" ދެން ބައްޕާ! ނަވީން ކީއްވެގެންތަ މިއަދު މިއުޅެނީ؟"
" ދެން ދަރިފުޅު އައީމަ އޭނައަށް ނޭނގޭނެ ދެއްކޭ ނުދެއްކޭ ވާހަކައެއްވެސް! ދަރިފުޅު ނެތް ދުވަސްކޮޅު އޭނައެއީ ހަމަ ނެތް މީހެއް! އޯކޭ ދެކުދިން އެންޖޯއީ ކޮށްލާ! ބައްޕަ މިދަނީ ފިހާރައަށް!" ޖާބިރު އެހެން ބުނުމުން ނަވީން ތެދުވިއެވެ.
" މިއަދަކީ އަހަރެން ދާންޖެހޭ ދުވަހެއްނު! ބައްޕަ ދާންޖެހޭނީ މާދަމާ! މާދަމާ މުދާވެސް އަންނާނީ.." ނަވީން އެހެން ބުނުމުން ޖާބިރު ހިނގައިގަތީ އަތުގެ އިޝާރާތުން ނޫނެކޭ ބުނަމުންނެވެ.
" ދަރިފުޅަށް ވީކެއްގެ ޗުއްޓީ! ބައްޕަ މިދުވަސްކޮޅު ދާނަން.. " ޖާބިރު އިތުރަށް މަޑުނުކޮށް ދިޔަގޮތަށް ދިޔައީއެވެ.
" ބައްޕައަށް ވަރަށް ވިސްނޭނެ! ހީ އިޒް މައި ބެސްޓީ ހަމަ.." ނަވީން އުފާވެފައި ބުންޏެވެ. އެއާއިއެކު ދުރުން ދުވެފައި އަންނަ ނޫޙު ފެނި ނަވީންގެ ނަޒަރު އެދިމާލަށް ހުއްޓުނެވެ.
" މަންމީ! މީ ނޫޙުގެ އާއިލާ! މަންމިއާއި ބައްޕި! ދެން މިހުރީ ނޫޙު.. ރީތިތަ؟" ނޫޙު ކުރަހާފައިވާ ކުރެވުން ބަލައިލުމަށްފަހު އުޝާ ބޯޖަހާލުމަށްފަހު ހީލަމުން ނޫޙުގެ މޫނަށް ބޮސްދިނެވެ.
" މާޝާﷲ ހާދަ ރީއްޗޭ! ވަރަށް މޮޅު ކުއްޖެއް!" ނަވީންވެސް ކުރެހުން ބަލައިލިއެވެ. އުފަލުން ނޫޙު އަނެއްކާވެސް ދުއްވައިގަތީ ސޯފާއާއި ދިމާލަށެވެ.
" އުޝާ! އަހަރެން ވަރަށް ހިތަށް އަރާ އެއްޗެއް ބުނަންތަ؟" ނޫޙުއަށް ބަލަހައްޓައިގެން ހުރެ ނަވީން ބުންޏެވެ.
" ހޫމް.. ބުނެބަލަ! " އުޝާ ޝައުޤުވެރިވިއެވެ.
" ނޫޙުގެ ބައްޕައަކީ ޒައިންކަން އެނގޭ ދުވަހަކުން ކިހިނެއްބާ ވާނީ؟" ނަވީންގެ އެ ސުވާލުން އުޝާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ.
" ކޮންމެ ގޮތެއް ވިޔަސް ޒައިންއަކީ ނޫޙު ނުދަންނަ މީހެއް ނޫން.. ބޭބެ ކިޔައިގެން އެއްގެއެއް ތެރޭގައި ބޮޑުވީ! ދެން ކުއްލިއަކަށް އެއީ ބައްޕަކަން އެނގުމުން ނޫޙު އުޝާދެކެ ރުޅި އެއް ނާންނާނެތަ؟"
ނަވީންގެ ދެވަނަ ސުވާލުން އުޝާގެ ހިތަށް ބިރުވެރިކަން ވެރިވެގަތެވެ.
( ނުނިމޭ )
މިވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!