" ނޫޙުގެ ބައްޕައަކީ ޒައިންކަން ނޫޙުއަށް އެނގޭ ދުވަހަކުން ކިހިނެއްބާ ވާނީ؟" ނަވީންގެ ސުވާލުން އުޝާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ.
" ކޮންމެ ގޮތެއް ވިޔަސް ޒައިންއަކީ ނޫޙު ނުދަންނަ މީހެއް ނޫން.. ބޭބެ ކިޔައިގެން އެއްގެއެއް ތެރޭގައި ބޮޑުވީ! ދެން ކުއްލިއަކަށް އެއީ ބައްޕަކަން އެނގުމުން ނޫޙު އުޝާދެކެ ރުޅި އެއް ނާންނާނެތަ؟"
ނަވީންގެ ދެވަނަ ސުވާލުން އުޝާގެ ހިތަށް ބިރުވެރިކަން ވެރިވެގަތެވެ.
" ބައެއްފަހަރު ހިތަށް އަރާ ތިހެންވެސް.. އެކަމަކުވެސް އަދި އެކަހަލަ ބޮޑެތި ވާހަކަތައް ކިޔައިދޭ ވަރަށް ވުރެ ނޫޙު މާ ކުޑައެއްނު.. އަދި ނޫޙުއަކަށް ނުވިސްނޭނެ.. "
އުޝާ ބޭނުންވީ މައުޟޫ ބަދަލުކޮށްލާށެވެ. އެހެންކަމުން އޭނާ ދިނީ ކުރު ޖަވާބެކެވެ.
" ކޮންމެ ގޮތެއްވިޔަސް ޒައިންއަކަށް ދަރިފުޅާއޭ ކިޔާފައި އަންނާކަށް ނުކެރޭނެ. އަނެއްކޮޅުން ޒައިން މިހާރު ވިސްނާނެ އޭނާގެ ދިރިއުޅުމާއި މެދު.. ޒަޔާއާއި މެދުވެސް އޭނަ ވިސްނާނެ. ހިއެއް ނުވެ މިހާރު އޭނާއަށް އަހަރެމެން އެހާ މުޙިއްމު ވެދާނެހެންނެއް."
ނަވީން އިތުރަށް ވާހަކަ ނުދެއްކުމުން އުޝާ ކަންބޮޑުވިއެވެ. އެހެންކަމުން އެކަމާއިމެދު އޭނާ ދެކޭ ގޮތް ތަފްސީލް ކޮށްދިނީ ނުހަނު އަވަހަށެވެ.
" އަހަރެން ވަރަށް ލޯބިވޭ ތި ދެމައިން ދެކެ.. އަހަންނަށް އިޙްސާސް ކުރެވެނީ ނޫޙަކީ ހަމަ އަހަރެންގެ ދަރިއެކޭ ... ނޭނގެ ކީއްވެގެން ކަމެއްވެސް. އަހަރެން ބޭނުން ނޫޙު އަބަދުވެސް އަހަރެންގެ ގާތުގައި ގެންގުޅެން.."
މަޑުމައިތިރިކަމާއިއެކު ނަވީން ދެއްކި ވާހަކަތަކުން އުޝާގެ ހިތުގައި އޭނާއަށްޓަކައިވާ ލޯބި އިތުރު ވެގެން ދިޔައެވެ. އެހެންކަމުން އޭނާއަށް ނަވީންގެ އަތްމަތީގައި އަތް ބާއްވާލެވުނެވެ. އެއާއިއެކު ނަވީންއަށް ބަލައިލެވުނީ އުޝާގެ އަތަށެވެ.
" އޯހް.. ތިޔަ ދިނީ އިންޒާރެއްތާދޯ! އަހަރެން މިދަނީ ރޫމަށް.. އަވަހަށް އާދޭ.." ހިނިގަނޑެއް ޖަހާލަމުން ނަވީން ތެދުވީ އުޝާގެ އަތްތިލައަށް ބޮސްދެމުންނެވެ.
" ހޫމް ދެން ނަވީންވެސް... އަހަރެން ނޫޅެން.. " ލަދުން ގޮސް އުޝާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެންދިޔައެވެ.
****
އަމީރާ ތެދުވެގެން އައި އިރު ނަދާ އިނީ ޒަޔާއަށް ކިރުތަށި ދޭށެވެ. އެމަންޒަރު ފެނި އަމީރާ ނުހަނު އުފާވިއެވެ. ފުޅާ ހިނިތުންވުމެއްގައި ހުރެ، އޭނާ އައިސް ޒަޔާގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ.
" އަނހަ! މާމަ ދޫނި މިއަދު ހާދަ އަވަހަކަށް ސައިބޮނީ؟"
" ޒަޔާ ވަރަށް ކުރިން ހޭލައިގެން އައީ.. އެހެންވެ ބަނޑުހައިވާނެތީވެ އަވަހަށް ސައިދެނީމި.. ޒައިންވެސް ބުނި މި އަންނަނީއޭ ސައިބޯން" ނަދާ ބުންޏެވެ.
" ޒައިންއޭ؟ ޒައިން ހޭލީތަ؟ ސައިބޯން އަންނާނަމޭތަ ބުނީ؟"
ޤަބޫލު ނުކުރެވިގެން އަމީރާ ދެފަހަރަކު އެސުވާލު ކޮށްލިއެވެ. ޒައިންއަށް އެފަދަ ހެޔޮ ބަދަލެއް އައުމުން އޭނާ ނުހަނު އުފާކުރިއެވެ.
" މާމާ! މިއަދު ކޮއްކޮއާއި މަންމަ އަދި ބައްޕަ މޫދަށް ދަނީ.. މާމަ ދާނަންތަ؟"
ޒަޔާ އުފާވެލާފައި ބުންޏެވެ. އެއާއިއެކު އަމީރާ ދެލޯ ބޮޑުކޮށްގެން ހުރެ ޒަޔާއާއި ގާތަށް ޖެހިލިއެވެ.
" އެހެންތާ؟ ތިއީ އަދި ވަރަށް އުފާވެރި ޚަބަރެއް.. ހާދަ ދުވަސްކޮށްފައޭދޯ ދަރިފުޅު މޫދަށް ދަނީ.. ދަރިފުޅުމެން ގޮސްލާ.. މޫދުން އަންނަން ވާއިރަށް މާމާ ތިކުދިންނަށް މީރު ކާއެއްޗެއް ތައްޔާރު ކޮށްލާނަން."
އަމީރާ ބުނެލީ ހިނިތުންވެލުމަކުންނެވެ.
" މާމާ.. ނޫޙު ކޮންއިރަކުންތަ ދެން މިގެއަށް އަންނަނީ؟ ނޫޙުވެސް ގޮވައިގެން މޫދަށް ދާން ބޭނުމީ." ޒަޔާގެ އެ ޖުމްލައިން ނަދާއަށް ބަލައިލެވުނީ އަމީރާގެ މޫނަށެވެ. ނަދާގެ އެ ބަލާލުމުން އޭނާއަށް އެކަމުން ކޮންމެވެސް އަސަރުތަކެއް ކުރުވުމަށް އަމީރާއަށް އެނގުނެވެ.
" ނޫޙުއަކީ މިހާރު މިގޭ ކުއްޖެއް ނޫނޭ.. އެހެންވީމަ ދެން ނޫޙުއަކަށް އަބަދަކު ނާދެވޭނެއެއްނު.. ނޫޙު އަންނަ ދުވަހަކުން ދާނީ ދެން.. އެހެން ނޫނަސް ސްކޫލަށް ދާން ފެށީމާ ނޫޙުއަކަށްވެސް އަބަދަކު ނާދެވޭނެއެއްނުދޯ.. " އަމީރާ ނުހަނު ލޯބިން ޒަޔާއަށް ވިސްނައިދިނެވެ.
" އެއީ ތެދެއްތަ މަންމާ!" ޒަޔާ ބޭނުންވީ ނަދާގެ ބަހެކެވެ.
" ލައްބަ ދަރިފުޅާ! މާމަ އެބުނީ ތެދެއް... ދަރިފުޅުވާނެ މާމަ ބުނާއެއްޗެހިވެސް ޤަބޫލު ކުރަން.." ހެމުން ހެމުން ނަދާ ބުންޏެވެ. އަމީރާާއަކަށްވެސް މިފަހަރު ނުހީއެއް ނުހިފެހެއްޓުނެވެ.
****
ހަވީރުގެ ހިތްގައިމު ވަގުތެވެ. ނަވީންއާއި ނަދާ ނޫޙު ގޮވައިގެން ތިބީ ޖާބިރުގެ އިންތިޒާރުގައެވެ. ކުއްލިއަކަށް ބެލް ޖަހާލި އަޑަށް އުޝާއަށް ބަލައިލެވުނީ ނަވީންގެ މޫނަށެވެ.
" މިގަޑީގައި ކާކު އެއައީ؟ " ސުވާލު އުފެދިފައި ހުރެ ނަވީންއަށް ބުނެވުނެވެ. އަދި އުނގުގައި އިން ނޫޙު ސޯފާގައި ބޭންދުމަށްފަހު އޭނާ ހިނގައިގަތީ ދޮރު ހުޅުވާށެވެ. އުޝާއަށް ވެސް އިނދެވުނީ އެދިމާލަށް ބަލާށެވެ. ލަސް ހިނގުމެއްގައި ގޮސް ނަވީން ދޮރު ހުޅުވާލުމާއެކު ބޭރުގައި ހުރި ނޫރާ އެތެރެއަށް ދެމިގަނެ، ނަވީންގެ ގައިގައި ބައްދައިގަތެވެ.
" އަހަންނާ ދުރަށް ނުދޭ ޕްލީޒް....އަހަރެން ބޭނުމީ ނަވީން.." ނަވީންގެ އިތުރުން ޢުޝާވެސް ދިޔައީ ސިހިގެންނެވެ.
" ދަރިފުޅު އަވަހަށް ދޭ ކާފަ ކޮޓަރިއަށް... އަވަސް.." ނޫޙު ސޯފާއިން ބޭލުމަށްފަހު އުޝާ ބުންޏެވެ. ބިރުގަނެފައި ހުރި ނޫޙު ދުއްވައިގަތީވެސް ނުހަނު ބާރަށެވެ.
" އޭ.. ކިހިނެއް ވެގެންތަ ތިއުޅެނީ ؟ ދޫކޮށްލަބަލަ!"
ނޫރާގެ މިބައިން ސަލާމަތް ނުވެވިގެން ނަވީން ހުރީ ނުހަނު ރުޅި އައިސްފައެވެ.
" އެ އަންހެންމީހާ ވަރިކޮށްލާ! އަހަންނަށް އަޅެ އެންމެ ފުރުޞަތެއްދީ.. ޕްލީޒް.. އަހަރެން ބޭނުމީ ނަވީންގެ ލޯބި.." ގަދަކަމުން ނަވީންގެ މޭމަތީގައި ނޫރާ މޫނު ހާކަމުން ދިޔައެވެ. އުޝާއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގި ބަލަހައްޓައިގެންނެވެ.
" ބައްޕާ! ބައްޕާ! އާދެބަލަ.." ނޫރާއާއި ކައިރިވާން ނުކެރިގެން އުޝާ ބާރުބާރަށް ޖާބިރަށް ގޮވަމުން ދިޔައީ ކަންބޮޑުވެ ހުރެއެވެ.
" ނަވީން.. ބޭނުންވާ ހުރިހާ އުފަލެއް ހޯދައިދެވޭނީ ހަމައެކަނި... އަހަންނަށް..." ނޫރާ އެހެން ބުނުމާއެކު ނަވީންގެ ދެއަތުން ނޫރާގެ ގައިގައި ހިފާ ދުރަށް ކޮއްޕާލިއެވެ. އޭރު ނަވީންއަށްވެސް މާނޭވާލެވެއެވެ. އަވަސް އަވަހަށް އުޝާ ގޮސް ނަވީންގެ ގަމީހުގެ ގިރުވާން ރަނގަޅުކޮށްލަދިނެވެ. ފާރުގައި ބުރަކަށި ޖައްސާލައިގެން ހުރެ އުޝާއަށް ބަލަން ނޫރާ ހުރީ ރުޅިވެރިކަމާއެކުގައެވެ.
" ކިހިނެއް ވެގެންތަ މިއުޅެނީ؟ "ކޮޓަރިން ނިކުތް ގޮތަށް ޖާބިރަށްވެސް ބުނެވުނީ އެވަރަށެވެ. އަނެއްކާވެސް ބެލްޖަހާލި އަޑު އިވުނެވެ. ރުޅި އައިސްފައި ހުރެ ނަވީން ދޮރު ހުޅުވާލިއިރު ދޮރުމަތީގައި ހުރީ ނޫރާގެ ބައްޕައެވެ. ނޫރާއަށް ބައްޕަ ފެނުމާއެކު ދުވެފައި ގޮސް ސޯފާގައި އިށީނެވެ.
" ނޫން! ނުދާނަން.. އަހަރެން ނުގެންދާތި" ކުޑަކުއްޖަކު ފަދައިން ނޫރާ ކިޔަމުން ދިޔައެވެ. އަދި އޭނާ ސޯފާގައި އޮށޯވެ މޫނުގައި ބާލީސް އެޅީ ބައްޕައަށް ފިލަންވެގެންނެވެ.
" އެދުވަހު މީނަ މިގެއަށް ގެނެވުނުކަމީ އަހަންނަށް ހެދުނު އެންމެ ބޮޑު މިސްޓޭކް! އަހަރެން އެއްގޮތަކަށްވެސް ނޫރާ ބޭރަކަށް ނުނެރެން. އެދުވަހު މީނަ ކިޔާ އާދޭސްކުރާވަރުން ބަސްއަހައިގެން ހުންނާނަމޭ ބުނީމަ ގެނައީވެސް.. މިއީ ވަރަށް ބޮޑަށް ސިކުނޑި ހަމަނުޖެހޭ ކުއްޖެއް.." ސަލީމް ވާހަކަ ދެއްކީ ނަވީންއާއިއެވެ. އެހާމެ މަޑުމަޑުންނެވެ.
" ވަރަށް ރުއްސައިގެން ދެން ގެންދެވޭނީ! އަހަރެން ބޭނުން ނަވީންއާއި އުޝާ އަދި ޖާބިރުގެ އެހީތެރިކަން.. ކާރަށް އަރުވައިދެނިކޮށް އެ ނިމުނީ.. ދެން ގެއަށް ގޮސް ކޮންމެވެސް ގޮތަކުން ނިދާ ބޭސްގުޅައެއް ދިނީމަ ނިދޭނެ. ހޭލެވުނީމަ ރަނގަޅުވާނެ.. " ދެރަވެލާފައި ސަލީމް ބަލައިލީ ޖާބިރަށެވެ. އެންމެންނަށްވެސް ތިބެވުނީ ހަދާނެގޮތް ހުސްވެފައެވެ.
" ދަރިފުޅު! އެންމެން މިތިބީ އަހަރެމެންގެ ގެއަށް ދާން ރެޑީ ވެގެންނޭ! ދަރިފުޅު މިގޭގައި ހުރީމަ ނުދެވިފައި މިތިބީ އެންމެންވެސް.." ސަލީމް ގޮސް ހުއްޓުނީ ނޫރާ ގާތުގައެވެ. އެއާއިއެކު މޫނުމަތިން ބާލީސް ނެގުމަށްފަހު ނޫރާ ސަލީމަށް ބަލައިލީ ހިނިތުންވަމުންނެވެ.
" އަސްލުވެސްތަ؟ ދެން ނަވީން އެއްކޮށްވެސް އުޅޭނީ އަހަރެމެން ގޭގައިތަ؟" ނޫރާ ފުންމައިގެން ތެދުވެ ސަލީމްގެ އަތުގެ މުލައްދަނޑީގައި ހިފާ ކުއްލިއެއް ޖަހާލިއެވެ. ސަލީމަށް ބަލައިލެވުނީ ނަވީންގެ މޫނަށެވެ. އަދި ބުމަ ހިއްލާލަމުން އޭނާ އިޝާރާތްކޮށްލީ އެކަމަށް އެއްބަސް ވުމަށެވެ.
" ތެދެއް އެބުނީ.. އަހަރެމެން މިއުޅެނީ މިއަދު ތިގެއަށް ދާންވެގެން..." ނަވީންގެ ޖުމްލަ އަޑު އިވުމާއެކު ނޫރާ އިތުރަށް އުފާވިއެވެ. އަދި ލަދުންގޮސް އޭނާ އިސްޖަހާލައިގެން ހުރެ މަޑުމަޑުން ހެމުން ދިޔައެވެ.
" އަވަހަށް ހިނގާ ބޭރަށް.. މިހާރު ކާރު އަންނާނެ.. އަވަހަށް ހިނގާ! ދަރިފުޅުވާނެ ކުރިން ދާން.. އޭރުން ނަވީން އަންނަން ވާއިރަށް ދަރިފުޅަށް ގޭގައި ހުރެވޭނީ.." ސަލީމް ނޫރާގެ ދަތްދޮޅީގައި ހިފާލަމުން ބުނެލިއެވެ. އެއާއިއެކު ނޫރާ އޮޅިގަތީ ލަދުންނެވެ.
" ނަވީން އަންނައްޗޭ! އެކަމަކު.. އޭނަ ނުގެންނާތި.." އުޝާއަށް އިނގިލި ދިއްކޮށްލަމުން ނޫރާ އެހެން ބުނުމާއެކު ނަވީން ހީލިއެވެ.
" އެންމެ ރަނގަޅު.. އަހަރެން އެކަނި ދާނީ.." ސަލީމްއާއިމެދު ހަމްދަރުދީވެފައި ހުރި ނަވީން ސަލީމްއަށް ބަލައިލަމުން ބުނެލިއެވެ. އަތް ހަނާއަޅަމުން "ބާއީ" އޭ ކިޔަމުން ނޫރާ ސަލީމްއާއިއެކު ނިކުމެގެން ދިޔައެވެ.
" އަހަރެން ވަރަށް ދެރަވެއްޖެ ސަލީމްބެއަށް ކުރާނެ އަސަރު ހިތަށް އަރާފައި" ދޮރު ލެއްޕުނުތަން ފެނުމާއިއެކު އުޝާވެސް ހަމްދަރުދީ ފާޅުކުރަން ފެށިއެވެ. އެއާއިއެކު ނަވީން ސޯފާގައި އިށީންދެލީ ފުންނޭވާއެއް ދޫކޮށްލަމުންނެވެ.
" އެއްކަލަ ދުވަހުވެސް އަހަރެން ހިތަށް އެރިއޭ އޭނަ ހަމައެއް ނޫނޭ! އަސްލު ހަމަ މީހަކަށް އެގޮތަށް އުޅޭކަށް ނުކެރޭނެއެއްނު.." ނަވީން އުޝާއަށް ބަލައިލަމުން ބުނެލިއެވެ.
" ހާދަ ޙާލެއްގައޭ ދޯ ސަލީމް އެމަންޖެ އެބަލަނީ.. ކީއްކުރާނީ؟ ދުނިޔޭގައި އެކި އަޅުން އިމްތިޙާން ކުރައްވާނީ އެކި ގޮތަށް! ބައްޕަވެސް މަންމަ ގޮވައިގެން އުޅުނު އިރު ހިތަށް އެރި ބައްޕައަށް ކެތްތެރިކަން ލިބެނީ ކިހިނެއްބާއޭ؟ މަންމަ އެޙާލުގައި އޮންނަތަން ދެކެން ހާދަ އުނދަގޫވިއޭ..." އެހިސާބަށް ބުނެވުމާއެކު ޖާބިރަށް ރޮވުނެވެ. އޭނާ ދެލޮލުން އަވަސް އަވަހަށް ފެން ފުހެލީ ގަދަކަމުން ހީލަމުންނެވެ.
" ދެން އެވާހަކަ ނުދައްކާ ބައްޕާާ! އަހަންނަށްވެސް އަދިވެސް އެ ދުވަސްތައް ހިތަށް އެރީމަ ރޮވޭ.. އަހަރެމެން އެކަންޏެއް ނޫން.. އުޝާވެސް މިއީ ވަރަށް ޙާލުން ބޮޑުވެގެން އައި ކުއްޖެއް! ބައްޔެއްގެ ޝިކާރައަކަށް ނުވިޔަސް ޖިސްމާނީގޮތުންނާއި ނަފްސާނީ ގޮތުން އުޝާއަށް ވަރަށް އަނިޔާ ލިބިފައި ހުރީ.. މިކަހަލަ ކިތަންމެ ކިތަންމެ ބަޔަކު މި ދުނިިޔޭގައި އުޅޭނެޔޭ ހިތަށް އަރަނީ.."
ނަވީން އެހެން ބުނުމާއެކު، އިތުރަށް އެއްޗެއް ނުބުނެ އުޝާ އިސްޖަހާލިއެވެ. އެ ހަރަކާތުން އޭނާވެސް މާޒީގެ އެއްވެސް ވާހަކައެއް ހަނދާންކުރަން ބޭނުން ނުވާކަން އެމީހުންނަށް އެނގުނެވެ.
" އެ ހުރިހާ ކަމެއް ކެތްތެރިކަމާއިއެކު ތަޙައްމަލް ކުރެވުނީމަ އުފާވޭ! އެކަމަކު އަލުން އެވާހަކަތައް ދައްކާކަށް ބޭނުމެއް ނޫން.." އުޝާ މަޑުމަޑުން އިނދެ ބުންޏެވެ. އެއާއިއެކު ނަވީން އޭނާ ކައިރިކޮށްލިއެވެ.
" ބައްޕާ! އަހަންނަށް ލިބިފައި މިހުރީ ހުރިހާ ގޮތަކުންވެސް ލާމަސީލް ނަމޫނާއެއް ދޯ! " ނަވީން ޖާބިރަށް ބަލައިލުމަށްފަހު އެހެން ބުނުމުން އުޝާ ނަވީންގެ ގައިގައި ޖަހާލިއެވެ.
****
ރާޅުޖަހާ ފަށުގައި ކުޅެން އިން ޒަޔާއަށް ބަލަން ޒައިންއާއި ނަދާ ތިބީ ދޮންވެލިގަނޑުމަތީގައެވެ. ޒައިންގެ ނަޒަރު ޒަޔާއަށް ހުއްޓިފައި ވާއިރު ނަދާ ކަޅި ޖަހާ ނުލައި ޒައިންއަށް ބަލަމުންދިޔައެވެ.
" އަހަރެން ޒަޔާދެކެ ހާދަހާ ލޯބިވެޔޭ! " ޒައިން ބުންޏެވެ.
" އަހަރެންވެސް... ޒައިންދެކެ ވަރަށް ލޯބިވޭ.." ފެންކަޅިވެފައިވާ ލޮލަކުން ބަލަހައްޓައިގެން އިނދެ ނަދާ ބުންޏެވެ. އެހިނދު ޒައިން ހިނިތުންވެލިއެވެ.
" އަހަރެން ބޭނުން ކައިވެނި ކުރަން..." ނަދާ ބުންޏެވެ. އެއާއިއެކު ޒައިން ނަދާއަށް ބަލައިލިއެވެ.
" މަންމަމެންނާ ވާހަކަ ދައްކާފައި ދުވަހެއް ކަނޑައަޅަންވީދޯ! ނަދާގެ މަންމަމެންވެސް އަންނާނެއެއްނު.. އަނެއްކާވެސް ދެވަނަ ބާބެއް ފަށަންވީ.." ހެމުން ހެމުން ޒައިން އެހެން ބުނެލުމާއިއެކު މަންމާއޭ ކިޔާ ޒަޔާ ގޮވާލި އަޑަށް ސިހިފައި ދެމީހުންނަށްވެސް ބަލައިލެވުނީ އެދިމާލަށެވެ. އޭރު ކުއްލިއަކަށް ގޮނޑުދޮށަށް ބިންދާލި ރާޅަކާއިއެކު ޒަޔާ މޫދަށް ދަމައިގަންނަނީއެވެ.
( ނުނިމޭ)
މިވާހަކަ ގެނެސްދެވޭނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!