ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމަންޓްރީ ގްރޫޕުން މިއަދު ފާސްކޮށްފި އެވެ.
އެކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލިސްގެ އިދާރާގައި މިއަދު މެންދުރު 12:30 ހާއިރު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވީ، މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން އިތުބާރުގެ މައްސަލައެއް ކުރިއަށް ގެންދިޔުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ 110 ވަނަ ބައްދަލުވުމުގެ އަޣުލަބިއްޔަތުން މިއަދު ފާސްކޮށްފައިވާ ކަމަށެވެ.
އެގޮތައް ފާސްކުރީ މަޖިލީހުގައި ރިޔާސަތުގައި އިންނަވައިގެން ނަޝީދު ޢަމަލުކުރައްވަމުން ގެންދަވާ ގޮތާމެދު ޕާލިމަންޓްރީ ގްރޫޕުގެ ބޮޑު ކަންބޮޑުވުންތަކެއް ހުރުމުން ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.
''އެނގިވަޑައިގަންނަވާނެ ފަހުގެ ތާރީޚްތަކުގައި މަޖިލިސްގެ ރައީސްގެ ހައިސިއްޔަތުން މަޖިލީހުގެ ރައީސް ޢަމަލު ކުރައްވަމުން ގެންދަވާގޮތާމެދު މެންބަރުންގެ ކަންބޮޑުވުންތައް ވަރަށް ބޮޑު، ހާއްސަކޮށް އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެންބަރުން ތަކުރާރުކޮށް ގެންދެވީ އެކަން ފާހަގަ ކުރައްވަމުން'' އަސްލަމް ވިދާޅުވިއެވެ.
މަޖިލީހުގެ ގަވާއިދަށް މަޖިލީހުގެ ރައީސް ކަމޭނުހިއްތަވާ ކަމަށާއި، މިއަދުގެ އެޖެންޑާގައި އޮތް ބަންޑާރަނައިބުގެ އިތުބާރުގެ މައްސަލައާއި ގުޅޭގޮތުން ރިޔާސަތުގައި އިންނަވައިގެން ނަޝީދު ނިންމަވަމުންދިޔަ ނިންމެވުންތަކާއި، އެ މައްސަލަ ކުރިއަށް ނުގެންދެވި މުޅި މަޖިލިސް ހުއްޓޭ ހިސާބަށް ކަންތައް ދިޔައީ ރިޔާސަތުގައި އިންނަވައިގެން ނަޝީދު ޢަމަލު ކުރައްވާގޮތުންކަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް ޤަބޫލު ކުރެވޭ ކަމަށް ވެސް އަސްލަމް މިއަދު ވިދާޅުވިއެވެ.
އެކުވެރިޔާ ގެއްލި, ޕާޓީ ގެއްލި, މަޖިލީހުގެ ރައީސްކަން ވެސް ނަޝީދަށް ގެއްލެނީތަ?
މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލައެއް ކުރިއަށް ގެންދަން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ނިންމިއިރު، ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ 57 މެންބަރުން ތިއްބަވައެވެ. މަޖިލީހުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް ނިސްބަތްވާ މެންބަރުންގެ އަދަދަކީ 8 އެވެ. އެއީ ޕީޕީއެމްގެ 6 މެންބަރުންނާއި ޕީއެންސީގެ 2 މެންބަރުންނެވެ. ދެން ތިއްބަވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައިވާ 12 މެންބަރުންގެ އިތުރުން އެމްއެންޕީގެ 3 މެންބަރުންނާއި، ޖޭޕީގެ 2 މެންބަރުންނާއި، އެމްޑީއޭގެ 2 މެންބަރުންނާއި އަމިއްލަ 2 މެންބަރުންނެވެ.
މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލިހުގެ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. މިހާރުގެ މަޖިލީހުގެ މެންބަރުންގެ ޢަދަދަކީ 87 ކަމުން މިފަދަ މައްސަލައެއް ހުށަހަޅަން ބޭނުން ވާނީ 22 މެމްބަރުންގެ ސޮޔެވެ.
ގާނޫނުއަސާސީގައިވާ ގޮތުން ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓުން ފާސްވާނެ އެވެ. އެއީ 44 މެންބަރުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!