ރާއްޖޭގައި ފުރަތަމަ ފަހަރަށް މެޓީރިއަލް ރިކަވަރީ ފެސިލިޓީ (އެމްއާރްއެފް) އެއް ހުޅުވައިފިއެވެ.

މިއީ މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ) އާއި ކޮކާކޯލާ ފައުންޑޭޝަން ގުޅިގެން ގާއިމުކުރި ފެސިލިޓީއެކެވެ.

Ad
rt

މި ފެސިލިޓީއާއި ގުޅޭގޮތުން މޯޕާ އިން ބުނީ މި ފެސިލިޓީ ހުޅުވުމަކީ ރަށު ކައުންސިލްތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި ރިސޯޓްތައް ހިމެނޭ ގޮތަށް އެކި ދާއިރާތަކުން ގުޅިގެން ހިންގާ މުހިއްމު މަޝްރޫއެއްގެ ފެށުން ކަމަށެވެ.

މިއީ ކުނި މެނޭޖް ކުރުމާއި ޕެޓް ޕްލާސްޓިކް ފަދަ އަލުން ބޭނުން ކުރެވޭ ތަކެތި ޕްރޮސެސްކޮށް، އާ އުފެއްދުންތައް އުފެއްދުމަށް ބޭނުންވާ މާއްދާތަކުގެ ގޮތުގައި ވިއްކުމުގައި ވަރަށް މުހިންމު ނިޒާމެއް ކަމަށް ވެސް އެ ފަރާތުން ބުނެއެވެ.

މީގެ އިތުރުން މިއީ ތިމާވެށި ތަޣައްޔަރުވުން ހުއްޓުވުމަށާއި ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު މަދުކުރުމަށް ވަރަށް ބޭނުންތެރި ފެސިލިޓީއެއް ކަމަށް ވެސް މޯޕާ އިން ބުނެއެވެ.

އުކައިލާ ޕްލާސްޓިކް އެއްކޮށް ރީސައިކަލްކޮށް ބަންދުކުރުން ފަދަ އެންމެހާ ކަންތައްތައް ކުރަން ރާއްޖޭގައި ގާއިމްކުރި މި ފެސިލިޓީއަކީ ކޮކާކޯލާ ފައުންޑޭޝަނުގެ 150،000 ޑޮލަރުގެ އެހީތެރިކަމާއެކު މޯޕާއިން ގާއިމުކުރި ފެސިލިޓީއެކެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމުކޮޮށްފައިވާ މި ފެސިލިޓީގައި މި ވަގުތު ހުރި ވަސީލަތްތަކުގެ ތެރޭގައި ބޭލާ މެޝިނަކާއި ޕިކަޕަކާއި ބަރުދަން ބަލާނެ އާލާތްތަކާއި ފޯކްލިފްޓެއް ހިމެނެއެވެ.