ދިވެހި ރާއްޖޭގެ ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ސަރުކާރުން ފަށާފައިވާ ސްކޮލާޝިޕް ޕްރޮގްރާމްގެ ދަށުން ސްކޮލާޝިޕަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިގޮތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މިއަދު ކުރި ޢިއުލާނެއްގައި ވިދާޅުވީ، އެ މިނިސްޓްރީގެ ޚަރަދުގައި ޕްރިންސިޕަލުން ތަމްރީނު ކުރުމުގެ 10 ފުރުސަތަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ކަމަށެވެ.

Ad
rt

މިއީ ދިވެހި ރާއްޖޭގެ ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ސަރުކާރުން ފަށާފައިވާ ސްކޮލާޝިޕް ޕްރޮގްރާމްގެ ދެވަނަ ބުރުގެ ދަށުން ހުޅުވާލި ފުރުސަތެކެވެ.

މި ސްކޮލަޝިޕްގެ ދަށުން އެޑިޔުކޭޝަން މިނިސްޓްރީން ދޭ ޚަރަދުތަކުގެ ތެރޭގައި ކިޔެވުމުގެ ޚަރަދާއި، މުސާރައާ އެއްވަރުގެ އެލަވަންސެއް އަދި ދެކޮޅު ޓިކެޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ މާސްޓާސް ޑިގްރީ ފެންވަރަށް ކިޔެވުމަށް ހުޅުވާލި ފުރުސަތެކެވެ. މި ފުރުސަތުގެ ދަށުން ސްކޫލް އެޑްމިނިސްޓްރޭޝަން، ސްކޫލް މެނޭޖްމަންޓް، އެޑިޔުކޭޝަނަލް މެނޭޖްމަންޓް އަދި އެޑިޔުކޭޝަނަލް ލީޑަރޝިޕް އެންޑެ މެނޭޖްމަންޓް ދާއިރާއިން ކިޔެވުމުގެ މަގު ވަނީ ތަނަވަސްކޮށްދީފައެވެ.

މި ސްކޮލާޝިޕްގެ ދަށުން ކިޔެވޭނީ މެލޭޝިއާގައެވެ. މިގޮތުން އެ ގައުމުގެ ޔުނިވަރސިޓީ އޮފް މަލާޔާ ނުވަތަ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާ އިން ވެސް މި ސްކޮލާޝިޕްގެ ދަށުން ކިޔެވޭނެއެވެ.

މިފަހަރު ހުޅުވާލި ސްކޮލާޝިޕްގެ 10 ފުރުޞަތަށް އެދުމުގެ ފުރުސަތު މިމަހުގެ 11 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ދިވެހި ރާއްޖޭގެ ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ސަރުކާރުން ފަށާފައިވާ ސްކޮލާޝިޕް ޕްރޮގްރާމްގެ ފުރަތަމަ ބުރު ނިންމައި 17 ޕްރިންސިޕަލަކު ޚިދުމަތާއި ގުޅުނީ 10 މާރިޗް 2023 ގައެވެ.

ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ސަރުކާރުން ހިންގާ ސްކޮލާޝިޕް ޕްރޮގްރާމަކީ ތިން އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. އަދި މުޅި މި ޕްރޮގްރާމް ނިމޭއިރު ސަރުކާރުން ހިންގާ ހުރިހާ ސްކޫލަކަށް ތަމްރީނު ލިބިފައިވާ ދިވެހި ޕްރިންސިޕަލުން ތިބޭނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.