އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، އެ ކޯލިޝަންގެ މައި ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް ޢަބުދުﷲ ޔާމީން އަބުދުލްޤައްޔޫމްގެ ކެމްޕޭން މެނޭޖަރަކަށް މުހައްމަދު އަމީން (ކެޕްޓަން އަމީން) ހަމަޖައްސައިފި އެވެ.
އަމީން މި މަގާމަށް ހަމަޖެއްސިކަން އިއުލާންކޮށް އޭނާ އަށް މަގާމުގެ ލިޔުން ހަވާލުކުރުން އޮތީ މިރޭ ޕީޕީއެމުން އެ ޕާޓީގެ މައި އޮފީހުގައި ބޭއްވި ޖަލްސާގައެވެ. އެ ޖަލްސާގައި ވަނީ ޔާމީންގެ ޑެޕިއުޓީ ކެމްޕޭން މެނޭޖަރަކު ވެސް ހަމަޖައްސައި މަގާމުގެ ލިޔުން ހަވާލުކޮށްފައެވެ.
ޔާމީންގެ ރިޔާސީ ޑެޕިއުޓީ ކެމްޕޭން މެނޭޖަރަކަށް ހަމަޖެއްސީ ރައީސް ޔާމީންގެ ވެރިކަމުގައި ހެލްތު މިނިސްޓަރު ކަން ކުރެއްވި އަބްދުﷲ ނާޒިމް އެވެ.
މި ދެ ބޭފުޅުންނަށް މަގާމު ހަމަޖެއްސިކަމުގެ ކިޔުން ހަވާލުކޮށްދެއްވީ އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް، އަދި އިދިކޮޅުގެ ވަގުތީ ލީޑަރު އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) އެވެ.
ޔާމީންގެ ކެމްޕޭން މެނޭޖަރާއި، ޑެޕިއުޓީ ކެމްޕޭން މެނޭޖަރުން ހަމަޖެއްސެވިއިރު އެމަނިކުފާނު މިވަގުތު ގެންދަވަނީ ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
މިއަހަރު އޮންނަ ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!