ސްޓޫޑެންޓް ލޯނަށް މިއަހަރު ކުރިމަތިލި ދަރިވަރުންގެ ތެރެއިން ލޯނުގެ ޝަރުތު ފުރިހަމަވި ހުރިހާ ދަރިވަރުންނަށް ލޯން ދޫކުރުމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.
އެކަން ހާމަކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާނު މިޢުވާން މުޙައްމަދު މިރޭ ކުރެއްވި ޓްވީޓެއްގައެވެ.
ސްޓޫޑެންޓް ލޯނަށް މިއަހަރު ކުރިމަތިލި ދަރިވަރުންގެ ތެރެއިން ލޯނުގެ ޝަރުތު ފުރިހަމަވި ހުރިހާ ދަރިވަރުންނަށް ލޯން ދޫކުރުމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ނިންމަވައިފިކަމަށާއި، އިތުރު ތަފްސީލް މާދަމާ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއިން އިއުލާންކުރައްވާނެ ކަމަށް ވެސް މިޢުވާން ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން މިފަހަރު ސްޓޫޑެންޓް ލޯނުގެ ގޮތުގައި 720 ފުރުޞު ހުޅުވާލާފައިވާއިރު، މިފުރުސަތަށް 1507 ދަރިވަރުން ވަނީ ކުރިމަތިލާފައެވެ.
މަތީ ތަޢުލީމާއި ތަމްރީނުގެ ލޯނަށް ކުރިމަތިލުމުގެ ފުރުޞަތު، 2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް 6 ފަހަރަކު ސަރުކާރުން ހުޅުވާލާފައިވާއިރު، އެ 6 ފުރުޞަތުގައި ކުރިމަތިލި، 1986 ދަރިވަރަކަށް މިހާރު ވަނީ ލޯނުގެ އެހީ ދީފައެވެ. އަދި މި 1986 ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުން ކިޔެވުން މިހާރު ނިންމާފައިވާއިރު، އަދި މިހާރު ވެސް 831 ދަރިވަރުން އެކި ޕްރޮގްރާމްތައް ފުރިހަމަކުރަމުން ގެންދާކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.
ސްޓޫޑެންޓް ލޯނު އެހީގެ ގޮތުގައި މިހާތަނަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދު ކުރެވިފައިވާ ކަމަށް ވެސް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!