ހދ. ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ދިއްދޫ ޔޫތު ސެންޓަރ ގުޅިގެން ކުރިއަށް ގެންދާ "މިޑްލް ސްޕޯޓްސް ކްލަބް އިންޓަ އޮފީސް ފުޓްސަލް މުބާރާތް 2023" ފަށައިފިއެވެ.
މި މުބާރާތް މިއަދު ހަވީރު ދިއްދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި އަޅާފައިވާ ފުޓްސަލް ދަނޑުގައި ފަށާފައިވާއިރު، މިއަދު ހަވީރު ވަނީ ދެ މެޗު ކުޅެފައެވެ.
ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ދިއްދޫ ޕޮލިސް އާއި ދިއްދޫ ކައުންސިލެވެ. މި މެޗު 14-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ދިއްދޫ ޕޮލިސް ޓީމުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޕޮލިސް ޓީމުގެ ޖޯޒީ ނަމްބަރު 12، އަލީ މުސްތަފާއެވެ.
ދެވަނަ މެޗުގައި ބައްދަލުކުރީ ދިއްދޫ ފެނަކަ ޓީމާއި ތިލައުތުރު ރިކްރިއޭޝަން ކުލަބެވެ. މި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ ފެނަކަ ޓީމުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފެނަކަ ޓީމްގެ ޖޯޒީ ނަމްބަރު 12، ރަހުމަތުﷲ އަބްދުރަހީމެވެ.
މި މުބާރާތުގައި މާދަމާ ހަވީރު ވެސް ދެ މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ދިއްދޫ ފެނަކަ ޓީމާއި ހއ އަތޮޅު ހޮސްޕިޓަލްގެ ޓީމެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ދިއްދޫ ކައުންސިލާއި ރޯޑް ރިކްރިއޭޝަން ކުލަބެވެ.
މިއީ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން މި މުބާރާތް ބާއްވާ ހަތަރުވަނަ ފަހަރެވެ.
މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ދިއްދޫގައި ހުރި ސަރުކާރު އޮފީސް އަދި ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް އެކުވެރިކަން ދެމެހެއްޓުމެވެ.
މި މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ ބީއެމްއެލް، ސްވިފްޓް ލޮޖިސްޓިކްސް، އުދަރެސް އިން، އިންކް ބްލިންކް، ރިޕެއާ ޕޮއިންޓް، ބީއޭ ވަޑާން، އަލްވާ މާޓް، ސިޓީ ކިއު ރެސްޓޯރެންޓްސް އޭއެންސީ ބޭކަރީ، ކައިވެނީގެ ރަން، އަދި ދި ފައުންޑޭޝަން އެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ ތިލަދުން އާއި ދިއްދޫ އޮންލައިން އެވެ.