ށ. ފޯކައިދޫގައި ކުރިއަށް ގެންދިޔަ ޕެއިންޓިން ފޯ ނޭޗާ ކެމްޕޭން ސަބަބުން ތިމާވެެއްޓަށް ހޭލުންތެރިކަން އިތުރުވާނެ ކަމަށް އެރަށު ކައުންސިލުގެ ރައީސް އަހްމަދު އާސިފް ވިދާޅުވެއްޖެއެވެ.
މި ކެމްޕޭނަކީ ދި އައިލެންޑް އާޓިސްޓް އާއި އެންވަޔަރްމެންޓް މިނިސްޓްރީ އަދި ފޯކައިދޫ ކައުންސިލު ގުޅިގެން ކުރިއަށް ގެންދިޔަ ކެމްޕޭނެކެވެ.
މިކަމާއި ގުޅިގެން ފޯކައިދޫ ކައުންސިލުގެ ރައީސް އަހްމަދު އާސިފް ''ތިލަދުން'' އަށް ވިދާޅުވީ މިފަދަ ކުރެހުންތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ވަރަށްބޮޑަށް އެހިވާނެ ކަމަށެވެ.
ޚާއްސަކޮށް ޕްލާސްޓިކާއި ދުރުވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަަށް ވަރަށްބޮޑު އެއްބާރުލުމަކަށް ވާނެ ކަމަށާއި މީހުންގެ ވިސްނުން ބަދަލުވުމަށް ދުވަސްކޮޅެއް ނެގިޔަސް، ފެންނަ ނަތީޖާ ރަނގަޅުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އާސިފް ވިދާޅުވީ އައިލެންޑް އާޓިސްޓް، ޝާޒިމް މުހައްމަދާއި ރާއިދާ އަބްދުލް ވައްހާބުގެ ކުރެހުންތަކުން މުސްތަގުބަލަށް އޭގެ މަންފާ ކުރާނެ ކަމަށެވެ.
ފޯކައިދޫގައި ކުރިއަށް ގެންދިޔަ ޕެއިންޓިން ފޯ ނޭޗާ ކެމްޕޭންގެ ކުރެހުމެއް، ފޮޓޯ: ފޯކައިދޫ ކައުންސިލް
މީގެ އިތުރުން އޭނާ ވިދާޅުވީ މި ކުރެހުންތައް ކުރަހާ ވޯލް ސެޓަޕް ހެދުމަށް ކައުންސިލު ބަޖެޓުން ގާތްގަޑަކަށް 30،000 ރުފިޔާ ޚަރަދު ކުރި ކަމަށެވެ.
އާސިފް ވިދާޅުވި ގޮތުގައި މިކަމަށް ހޭކުންތެރިކަން އިތުރުކުރުމަށް އެރަށުގެ ކޮންމެ ގެއަކަށް ފޮތިކޮތަޅު ބެހުމުގެ މަޝްރޫއެއް މިހާރު ވަނީ ފަށާފައެވެ. މި ކޮތަޅުތަކުގައި ހުންނާނީ އައިލެންޑް އާޓިސްޓުގެ ކުރެހުންތައް ކަމަށާއި، އެ ކޮތަޅުތަކުގައި ތިމާވެއްޓަށް ހޭލުންތެރި ކުރުވުމަށް ބައެއް މައުލޫމާތު ވެސް ހުންނާނެ ކަމަށް ވިދާޅުވިއެވެ.
ފޯކައިދޫ ކައުންސިލުން އަމާޒު ހިފާފައިހުރީ އަންނަ ޖޫން މަހުގެ ފުރަތަމަ 15 ދުވަސް ނިމުމުގެ ކުރިން ރަށުގެ ހުރިހައި ގެއަކަށް ފޮތިކޮތަޅު ބެހުމަށް ކަމަށް ވެސް އާސިފް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!