ހއ. މޮޅަދޫ ގައި ހަދާ ގްރީންހައުސްތައް ނިމި، މިހާރު ކުރިއަށް ދަނީ އެތެރޭގައި ކުރަން ހުރި މަސައްކަތްތައް ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

'ތިލަދުން' އަށް މައުލޫމާތު ހިއްސާކުރަމުން އެރަށު ކައުންސިލުން ބުނީ މިއީ ދަނޑުވެރިކަމާއި ބެހޭ ވުޒާރާއާއި އިންޓަރނޭޝަނަލް ފަންޑު ފޮ އެގްރިކަލްޗަރ ޑިވެލޮޕްމެންޓް (އިފާޑު) ގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.

Ad
rt

އެ ކައުންސިލުން ބުނީ 20 ނުވަތަ 30 މީހުން އެރަށުގައި އަބަދުވެސް ދަނޑުވެރިކަން ކުރާ ކަމަށެވެ. ނަމަވެސް ދިމާވާ މައްސަލައަކީ އެކަމަށް ބޭނުންވާ އެންމެފުރިހަމަ މައުލޫމާތާއި މާލީ އެހީތެރިކަން ނުލިބުން ކަމަށެވެ.

އެހެންނަަމަވެސް އެރަށަށް މިހާރު ޒިޔާރަތްކޮށްފައިވާ ދަނޑުވެރިކަމާއި ބެހޭ ވުޒާރާގެ ޓީމުން ދޭ މައުލޫމާތުގެ އަލީގައި ދަނޑުވެރިންނަށް އިހުނަށްވުރެ ފުރިހަމަ މައުލޫމާތު ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް ބުންނެވެ.

"މިހާރު ކުރިއަށްދާ ތަމްރީނުތަކުގެ ބައިވެރިންނަށް މުޑުވަކާއި ހުރިހާ ސާމާނެއް ދެނީ މިނިސްޓްރީން. އަޅުގަނޑުމެން އުއްމީދު ކުރަނީ މި ތަމްރީނުތަކުގެ ސަބަބުން މިހާރަށްވުރެ އިތުރަށް މިރަށުގަ ދަނޑުވެރިކަން ކުރިއަރާ ގިނަބަޔަކު މިކަން ކުރާނެކަމަށް." ކައުންސިލުން ބުންޏެވެ.

ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ސާމާނާއި މާލީ އެހީތެރިކަން މިހާރަށްވުރެ ފަސޭހައިން ލިބޭނޭ ގޮތް ހެދުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ވެސް މޮޅަދޫ ކައުންސިލުން ބުނެއެވެ.

"ގްރީންހައުސް ޑެމޮންސްޓްރޭޝަން އިނީޝިއޭޓިވްސް ޕްލޭން" ގެ ދަށުން މި މަޝްރޫއު ކުރިއަށް ގެންދަނީ ހއ. ހދ އަދި ށ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެންނެވެ. މޮޅަދޫ އައިލެންޑް ފާމާސް ފޯރަމްގެ ފަރާތުން 15 މީހުން މި ތަމްރީނުގައި ވަނީ ބައިވެރިވެފައެވެ.