ރާއްޖެއަކީ ކަނޑު އަޑީގެ ރީތި ބަގީޗާތަކުން ޖަރީވެފައިވާ ގައުމެކެވެ. ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ ގައުމުތަކަށް މަޝްހޫރުވެފައި އޮންނަނީ ވެސް މިގޮތަށެވެ. ފަތުރުވެރިން އަންނަނީ ވެސް އެކަމުގައެވެ.

ރާއްޖޭގެ ކޮންމެ އަތޮޅަކީ ވެސް ގުދުރަތީި ރީތިކަން ލިބިފައިވާ އަތޮޅަކަށްވާއިރު، އެކި އަތޮޅުތަކުގައި ހުންނަ ޑައިވިން ޕޮއިންޓުތައް ތަފާތެވެ. އެ ތަންތަނުން ފެންނަ މަންޒަރުތައް ވެސް ތަފާތެވެ.

Ad
d

އެހެންނަމަވެސް ބޮޑު ތިލަދުންމަތީގައި ދުނިޔެމަތީގެ ސުވަރުގެއެއް ފަދަ ޑައިވް ސައިޓުތައް ހުރި ވާހަކައަކީ މީގެކުރިން 'އެހާ ތިލަ' ވެފައިވާ ވާހަކައެއް ނޫނެވެ.

އެހެންނަމަވެސް ކުޅުދުއްފުށި ސިޓީއަށް އުފަން، އުމުރުން 26 އަހަރުގެ އިމްދާދު އަލީ ނުވަތަ "ރެޑޭ" ކިޔައިދިނީ އޭނާގެ އުފަން އަތޮޅުގައި ހުރި ޑައިވް ސައިޓުތަކުގެ ރީތިކަމާއި ފުރިހަމަކަމެވެ. އެތަންތަން މިހާރަށްވުރެ ބޮޑަށް ހިމާޔަތްކޮށް ރައްކާތެރިކުރަން ޖެހޭ ވާހަކައެވެ.

ޑައިވިން އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ ރެޑޭ އަކީ ރައްޓެއްސަކާއެކު ޑައިވް ސެންޓަރެއްގެ ވިޔަފާރި ވެސް ހަނިމާދޫގައި ކުރަމުން އަންނަ ޒުވާނެކެވެ. ޑައިވިން ދާއިރާގައި މަސައްކަތްކުރާތާ 8 އަހަރު ހޭދަކޮށްފައިވާ ރެޑޭ އަކީ ރާއްޖޭގެ ހުރިހައި އަތޮޅަކަށް ޑައިވް ކުރި މީހުންގެ ލިސްޓުގައި ވެސް ހިމެނޭ ފަރާތެކެވެ.

ރާއްޖޭގެ ނަން މަޝްހޫރު ހުރިހައި ސައިޓުތަކަށް ވެސް ޑައިވްކޮށް އެ ރީތިކަން ހަމަލޮލުން ދެކިފައިވާ ރެޑޭ ބުނީ އެ ހުރިހައި ސައިޓުތަކަށް ވުރެވެސް އެންމެ ހިތްގައިމު މަންޒަރުތައް ފެނުނީ ހދ. އަތޮޅުން ކަމަށެވެ. އެގޮތުން ހދ. އަތޮޅު ވެގެންދިޔައީ އެހެން ހިސާބުތަކާ ތަފާތު ރީތި، ކަނޑުއަޑީގެ ބަގީޗާތަކެއްފަދަ ޑައިވް ސައިޓްތަކެއް ހުރި ހިސާބަކަށް ކަމަށް އޭނާ ބުނެއެވެ.

"މައިގަނޑު އެންމެ އެޓްރެކްޝަން ޕޮއިންޓަކަށް ވަނީ ސޮފްޓް ކޮރަލްއާ އެކުގަ. ސޮފްޓް ކޮރަލްސް އިން ފުރިފައިވާ 9 ޑައިވް ސައިޓު، ހަނިމާދޫން ފުރައިގެން ގާތްގަޑަކަށް 30 މިނެޓުގެ ދަތުރަކުން ދެވޭނެ. ކޮންމެ ސީޒަނެއްގައި ވެސް މަންތާ ފެނުުގެ ފުރުސަތު ވެސް އޮންނަ ހިސާބެއް މިއީ." ރެޑޭ ބުންޏެވެ.

މީގެ އިތުރުން އާންމުގޮތެއްގައި ވިއްސަށްވުރެ ގިނަ ޑައިވް ސައިޓު މި ހިސާބުގައި އެބަހުރި ކަމަށާއި މިއީ ރާއްޖޭގެ އެހެން ހިސާބުތަކާ އަޅާބަލާއިރު، ފުދޭވަރަކަށް ތަފާތު ރީތި، އެއްތަނަކުން ސޮފްޓް ކޮރަލްގެ އިތުރުން އެކި ވައްތަރުގެ ދިރުންތައް ވަރަށްގިނަ ހިސާބެއްކަން ވެސް އޭނާ ފާހަގަކުރިއެވެ.

"ހަނިމާދޫ ޑަައިވް އެންޑް ވޯޓާ ސްޕޯޓްސް'" ގެ ނަމުގައި ޑައިވް ސެންޓަރު ހިންގާ މި ޒުވާނާ ބުނީ އެ ސެންޓަރަކީ ޕަޑީ ރެޖިސްޓަރޑް ސެންޓަރެއް ކަމަށާއި ދިވެހިންނަށާއި ޓޫރިސްޓުންނަށް ވެސް އޯޕަން ވޯޓަރ ކޯހުން ފެށިގެން ޑައިވް މާސްޓާ ކޯހަށް ކިޔަވައިދޭ ތަނެއް ކަމަށެވެ.

ހދ. އަތޮޅަކީ މީގެކުރިން އެހާބޮޑަށް އެކްސްޕްލޯ ނުވެ އޮތް ހިސާބެއްކަން ފާހަގަކޮށް ރެޑޭ ބުނީ ގިނަ ދިވެހިން އެ އަތޮޅަށް އައިސް މިރީތި ޑައިވް ސައިޓުތައް އެކްސްޕްލޯ ކޮށްލުމުގެ ފުރުސަތު ހޯދައިދިނުމަކީ ވަރަށްބޮޑު އަމާޒެއް ކަމަށެވެ.

އޭނާ ބުނީ ބައިވަރު ގެސްޓް ހައުސްތަކާއި ރެސްޓޯރެންޓު ވެސް ހުރި ރަށަކަށް ހަނިމާދޫވާއިރު، ކޮންމެ ދުވަހަކު ވެސް މާލެއިން ހަނިމާދޫއަށް ފްލައިޓު އޮތުމަކީ ވެސް މި ސައިޓުތައް ބަލަން ބޭނުންވާ ފަރާތްތަކަށް އޮތް ރަނުގެ ފުރުސަތެއް ކަމަށެވެ.

ބޭރުގެ މީހުންނަށާއި ދިވެހިންނަށް ވެސް ޑައިވް ސެންޓަރުން ޚިދުމަތް ދެމުން އަންނައިރު، އޭނާ ބުނީ ދިވެހިންނަށް ޚިދުމަތް ދެނީ ޚާއްސަ ކުޑަ އަގެއްގައި ކަަމަށެވެ. އޭގެ ބޭނުމަކީ ދިވެހިންނަށް މި ސައިޓުތައް އެކްސްޕްލޯ ކުރުމާއެކު ބޭރު ގައުމުތަކަށް މި ރީތިކަން އެންމެފަސޭހައިން ފޯރުކޮށްދެވޭނީ ދިވެހިންނަށް ކަމަށްވާތީ ކަމަށް ވެސް ރެޑޭ ބުންޏެވެ.

Ad
df

މީގެ އިތުރުން މިއީ އެހެން ހިސާތުތަކާއި އަޅާބަލާއިރު، ތަފާތު ރީތި ތަނަކަށްވެފައި، މިތަންތަން ހިމާޔަތް ކުރުމަކީ ދިވެހިންގެ ކަމަކަށްވާތީ، އެކަމަށް ބޮޑަށް އެވެޔާ ކުރުމަކީ ވެސް އަމާޒެއް ކަމަށް އޭނާ ބުންޏެވެ. އަދި މި ޑައިވް ސައިޓަށް ގޮސް ޑައިވް ކުރި ކޮންމެ މީހަކު ވެސް މިތަން ހިމާޔަތްކޮށް ބަލަހައްޓަން ބޭނުންވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.