ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ދިފާއު ބިނާކުރަން މަސައްކަތް ކޮށްކޮށް ވަރުބަލިވެއްޖެ ކަމަށް އެމަނިކުފާނުގެ ވަކީލް އަދި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު މިއަދު ސުޕްރީމް ކޯޓުގައި ވިދާޅުވެއްޖެ އެވެ.

11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީންގެ މައްޗަށް ފުއްގިރި މައްސަލާގައި ކުރާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ކްރިމިނަލް ކޯޓުން ނިންމި ބައެއް ނިންމުންތައް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރެއްވި އެވެ.

Ad
rt

ފުއްގިރީގެ މުއާމަލާތުގެ ބައެއް ލިޔުންތައް ހޯދަން ހުށަހެޅި ހުށަހެޅުންތަކާ މެދު ނިންމި ނިންމުން ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރެއްވި އެވެ. ދައުލަތުން ބުނީ ޖިނާއީ އިޖްރައާތު ގާނޫނު އޮތްގޮތުން ދޭންޖެހެނީ ޕީޖީ އޮފީހާއި ތަހުގީގީ އިދާރާތަކުގެ ބެލުމުގެ ދަށުގައި ލިޔުންތައް އެކަނި ކަމަށެވެ.

ސުޕްރީމް ކޯޓުގައި ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ ދިފާއު ބިނާކުރަން ބޭނުންވާ ލިޔުންތައް ހޯދަން ގާނޫނުގެ ދަށުން މަސައްކަތް ކޮށްކޮށް ވަރުބަލިވެއްޖެ ކަމަށެވެ. އަދި ކުރީގެ މައްސަލަތަކުގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތެއް ހޯދަން އެދުމުން މައުލޫމާތުތައް ނުލިބުނު ކަމަށް ޖަމީލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަރުބަލިވެއްޖެ ރާއްޖޭގެ ކޯޓުތަކުގައި އެކި މަރުހަލާތަކުގައި މި ދިފާއެއް ގާއިމް ކުރުމަށްޓަކައި މި ބޭނުންވާ ޖިނާއީ އިޖްއަރާތުގެ ގާނޫނުގެ ހާޢްސަ ގޮތެއްގައި 129 ވަަނަ މާއްދާގައި ކަނޑައަޅާފައި މި ހުރި ޑިސްކަވަރީ އެވިޑެންސް ލިބޭނީ މި ޕްރޮސެސް އޮތީ ކިހިނެތްތޯ, މީގެ މަންފާ ލިބޭނީ ކިހިނެތްތޯ, އުޅެއުޅެ ވަރުބަލިވެއްޖެ." ޖަމީލް ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ވަކި ބަޔަކަށް ފުއްގިރި ކުއްޔަށް ދިނުމުގައި އެމަނިކުފާނުގެ ދައުރެއް އޮތްތޯ ފުލުހުން ބަލާފައި އޮންނާނެ ކަމަށެވެ. އަދި އެ ލިޔުންތައް ދޭން ދައުލަތުން މިހާރު ދެކޮޅު ހަދަނީ ފުއްގިރި މައްސަލައާ އެމަނިކުފާނާ ގުޅުމެއް ނެތުމުން ކަމަށް ޔާމީން ވިދާޅުވި އެވެ.

"އެ ލިޔުންތައް ހުންނާނީ ބައްލަވާފައި. އެ ލިޔުންތައް ބައްލަވާއިރު އެކަހަލަ އެއްވެސް ލިޔުމެއް ނެތީމަ މިއަދު އަޅުގަނޑުމެންނަށް ނުލިބިގެން މި އުޅެނީ އަޅުގަނޑުމެން ރިކުއެސްޓް ކޮށްގެން." ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެހެން އިދާރާތަކުގައި ހުރި ލިޔުންތައް ދޭން ނުޖެހޭނެ ކަމަށް މިހާރު ބުންޏަސް، އާރަށުގެ މައްސަލާގައި ރައީސް އޮފީހުގައި ހުރި ލިޔުންތައް ދައުލަތުން ކޯޓަށް ގެނައި ކަމަށެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހެކިންގެ ގޮތުގައި ބަލައިނުގަތުމާ ޔާމީންގެ ފަރާތްޕުޅުން ކްރިމިނަލް ކޯޓަށް ހުށަހެޅުއްވި އެވެ.

އެއީ ހެއްކާބެހޭ ގާނޫނުގެ ދަށުން ހެކިބަސް ބަލައިނުގަތުމަށް އެދި އެވެ. ކްރިމިނަލް ކޯޓުން ނިންމާފައި އޮތީ މިހާރު އެ ފުރުސަތު ނުދިނުމަށެވެ. އަދި ހެކި ވަޒަން ކުރުމުގެ މަރުހަލާގައި އެކަންކަމާ މެދު ގޮތެއް ނިންމުމަށެވެ. އެ ނިންމުން ވެސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރެއްވި އެވެ.

ސުޕްރީމް ކޯޓުގައި ފަސް ގަޑިއިރަށް ވުރެ ދިގު ދެމިގެންދިޔަ އަޑުއެހުމަށްފަހު ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވީ އަންނަ ހޯމަ ދުވަހު އެ މައްސަލާގެ ހުކުމް އިއްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ސުއޫދެވެ.

ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފް މައްސަލަ ހައި ކޯޓުން އަދި ނުފަށަ އެވެ.