ޗެމްޕިއަން ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭ ފުޓްސަލް މުބާރާތެއް ހއ. އިހަވަންދޫގައި ބާއްވަން އެރަށު ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކަލްބް (ސާކް) އިން ނިންމައި އެކަން ޢިއުލާންކޮށްފިއެވެ.
މި މުބާރަތަކީ "ބޮޑު ތިލަދުންމަތީ ފުޓްސަލް ޗެލެންޖު" ގެ ނަމުގައި ބޮޑުތިލަދުންމަތީގެ ތިން އަތޮޅުކަމުގައިވާ ހއ. ހދ އަދި ށ. އަތޮޅަށް ހުޅުވާލައިގެން ކުރިއަށް ގެންދަން ހުޅުވާލާފައިވާ މުބާރާތެކެވެ.
މި މުބާރާތާއިގުޅޭ ގޮތުން ސާކް ގެ އެކްޒެކެޓިވް ޑައިރެކްޓަރ މުހައްމަދު ނާއިފް ''ތިލަދުން'' އަށް ވިދާޅުވީ، މި މުބާރާތް ފެށުމަށް މިހާރުތާވަލުކޮށްފައިވަނީި ޖުލައި 20 ވަނަ ދުވަހު ކަމަށެވެ. މިއީ ބޮޑު ތިލަދުންމަތީގެ ހުރިހައި ރަށެއްގެ ކުލަބް ޖަމިއްޔާތަކަށް ހުޅުވާލާފައިވާ މުބާރާތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ނޫނީ މާދަމާ ހުޅުވާލާނެ ކަމަށް ނާއިފް ވަނީ ވިދާޅުވެފައެވެ.
"މި މުބާރާތަކީ ބޮޑު ތިލަދުންމަތީގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެއް. މިއަދު ނޫނީ މާދަމާ އަޅުގަނޑުމެންގެ އެފްބީގައި ޖަހާނަން ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ޕޯސްޓެއް." ނާއިފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި މި މުބާރާތުގައި ޖުމްލަ 20 ޓީމު ބައިވެރިކުރުމަށް ވަނީ ނިންމާފައެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާ އާއި ރަނަރަޕް ޓީމަށް 7،000 ރުފިޔާ އަދި އެކި ވަނަތަކަށް އަންނަފަރާތްތަކަށް އިނާމާއި މެޑެލް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ނާއިފް ވިދާޅުވިއެވެ.
މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ޚާއްސަކޮށް ބޮޑުތިލަދުންމަތީގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަށް އާލާކޮށް، ދިރުވުމާއެކު ހުނަރުވެރި ފުޓްސަލް ކުޅުންތެރިންގެ ހުނަރު އިތުރުކުރުމަށް ފުރުސަތު ދިނުން ކަމަށާއި މީގެއިތުރުން މިފަދަ ހުނަރުވެރި ޒުވާން ކުޅުންތެރިންނަށް މުބާރާތްތަކުގައި ވާދަކޮށް އެތަޖުރިބާ ހޯދައިދިނުން ކަމަށް ވެސް ނާއިފް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!