ހއ. ދިއްދޫ ފަރުމައްޗަށް އެރި ޓަގު ބޯޓު ރޭ ފުންކޮށްފިއެވެ.
މި ޓަގު ބޯޓު ދިއްދޫ ފަރުމައްޗަށް އެރީ އަންގާރަ ދުވަހުގެ ހެނދުނުއެވެ. މި ޓަގު ބޯޓާއެކު ބާޖެއް ވެސް ވަނީ ދިއްދޫ ފަރުމައްޗަށް އަރާފައެވެ.
ދިއްދޫ ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު ''ތިލަދުން'' އަށް ވިދާޅުވީ، އެރަށު ފަރުމައްޗަށް އެރި ބާޖު އަންގާރަ ދުވަހު ފުންކޮށްފައިވާ ކަމަށެވެ. އަދި ޓަގު ބޯޓު ރޭ 10:00 ހާއިރު ފުންކޮށްފައިވާ ކަމަށެވެ.
''ބޯޓު ފުންކުރުމުން ރޭ ފުރައިފި، އެއީ އިންޑިއާގެ ކުންފުންޏެއްގެ ބޯޓެއް، ބޯޓު ފުންކުރުމުގެ މަސައްކަތްކުރީ އެ ކުންފުނީގެ ފަރާތުން، ބޯޓު އެރިދިމާ ފަރަށް ގެއްލުންވާނެ، ޓަގު އެރިކަން އީޕީއޭއަށް އެންގިން، އެކަމަކު ބޯޓު ފުންކޮށްގެން ފުރުމާއި ހަމައަށް އީޕީއޭއިން ކައުންސިލާ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއްނެތް'' ރަޝީދު ވިދާޅުވިއެވެ.
އެ ޓަގު ބޯޓު އެރީ އެރަށުގެ އިރުމަތީ ފަރާތު ފަރުމައްޗަށެވެ. މި ހާދިސާގެ ސަބަބުން ރަށުގެ ފަރަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ކައުންސިލުން މަސައްކަތް ކުރާނެކަމަށް ރަޝީދު ވަނީ ވިދާޅުވެފައެވެ.
ދިއްދޫ ފަރަށް އަރާފައި ވަނީ އިންޑިއާގެ އެމްއެމް އެކްސްޕޯޓުގެ ޓަގު ބޯޓަކާއި ބާޖެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!