ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު ނިންމި މައްސަލަ ބަލައި ނުގަންނަކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.
މޮރިޝަސްއިން 200 ނޯޓިކަލް މޭލަށްވުރެ ބޮޑު ކޮންޓިނެންޓަލް ޝެލްފަކަށް ދަޢުވާކުރި ކަމަށް ބުނާ މި މައްސަލައިގައި އިޓްލޮސް ނިންމާފައިވަނީ ބްލެންހައިމް ރީފް ބޭސް ޕޮއިންޓެއްގެ ގޮތުގައި ބޭނުންނުކުރެވިދާނެ ކަމަށް ދިވެހިރާއްޖެއިން ބުނާބުނުމަށް ތާއީދުކޮށްފައެވެ.
މި ނިންމުމާ ގުޅިގެން 47232 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއްގެ ބޮޑު ބައެއް ރާއްޖެއަށް ލިބިގެންދާނެކަމަށް ދިވެހިރާއްޖެއިން ބުނުމުން، ޓްރައިބިއުނަލުން ވަނީ އެކަމަށް އެއްބަސްވެ، އެގޮތަށް ނިންމާފައެވެ.
މިނިންމުމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން އިއްޔެ ނެރުނު ރަސްމީ ބަޔާނުގައި ބުނެފައިވާގޮތުގައި އިޓްލޮސް އިން ކުރި ހުކުމުގެ ސަބަބުން މުޅި ދިވެހި ދައުލަތަށާއި ދިވެހި ރައްޔިތުންނަށް ހާއްސަކޮށް ރާއްޖޭގެ މަސްވެރި އާއިލާތަކަށް އިއާދަ ނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ވަނީ ބުނެފައެވެ.
އިޓްލޮސް އިން ހުކުމް ކުރުމުގައި ރިއާޔަތްކުރި އެންމެ މުހިންމު ހެއްކަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މޮރިޝަސްއަށް 2022 ވަނަ އަހަރު ފޮނުއްވި ސިޓީކަމަށް ހުކުމުގައި ވަރަށް ސަރީހަ އިބާރާތުން ބަޔާންކޮށްފައިވާ ކަމަށްވެސް ބަޔާނުގަައިވެއެވެ. އަދި 1992 ން ފެށިގެން ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއަށް ދިނުމާ ދެކޮޅަށް ރާއްޖެއިން ގެންގުޅުނު ސިޔާސަތާއި ސްޓޭންޑް ކުއްލިއަކަށް ބަދަލުކޮށް ފޯޅަވައްސަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ތަނެއް ކަމަށް ދިވެހި ސަރުކާރުން ގަބޫލުކުރާ ކަމަށް އަންގަވާފައިވަނީ ވެސް އެ ސިޓީންކަން އެ ހުކުމުން ދޭހަވާކަމަށް ވެސް އިދިކޮޅުން ބުނެފަވެއެވެ.
މި މައްސަލާގައި އިޓްލޮސްއިން ކޮށްފައިވާ ހުކުމް އެ ކޯލިޝަނުން ބަލައިނުގަންނަކަމަށާއި، އަދި އެ މައްސަލަ އިސްތިއުނާފުކުރުމަށް ބައިނަލްއަގްވާމީ ކޯޓުތަކަށް ހުށަހަޅައި ދިވެހީންގެ މަސްކަނޑު އަނބުރާ ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމަށް ވެސް އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!