2022 ވަނަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލާޝިޕަށް ޝަރުތުހަމަވާ ދަރިވަރުން މި ސްކޮލާޝިޕްގެ ދަށުން ކިޔެވުމުގެ ފުރުސަތު މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަނުން ހުޅުވާލައިފިއެވެ.

މި ފުރުސަތު ހުޅުވާލައި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ކޮށްފައިވާ ޢިއުލާންގައި ވިދާޅުވެފައިވާ ގޮތުގައި މި ސްކޮލާޝިޕް ލިބޭ ދަރިވަރުން ކިޔަވަން ބޭނުން ދާއިރާއަކުން ބޭނުން ޤައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ޚަރަދު، މި ސްކޮލާޝިޕާބެހޭ އުޞޫލުގައިވާ ގޮތުގެ މަތީން ހަމަޖައްސައިދޭނީ ސަރުކާރުންނެވެ.

Ad
rt

މި ސްކޮލާޝިޕަށް ކުރިމަތިލުމުގެ ޝަަރުތުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ސްކޫލް/މަދަރުސާއެއްގެ ދަރިވަރެއްގެ ގޮތުގައި 2022 ވަނަ އަހަރު މަތީ ސާނަވީ އިމްތިޙާން ނުވަތަ ޝަހާދާ ސާނަވީ އިމްތިޙާން ހެދި ދިވެހި ދަރިވަރަކަށް ވުމާއި، "އިސްލާމް" އާއި "ދިވެހި" ހިމެނޭ ގޮތަށް 5 މާއްދާއިން A* ފާސް ހޯދާފައިވުން ނުވަތަ ޝަހާދާ ސާނަވީ އިމްތިޙާނުގައި ބައިވެރިވި ހުރިހާ މާއްދާއަކުން A* ޙާޞިލްކޮށްފައިވުން ހިމެނެއެވެ.

މީގެ އިތުރުން ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑެއް ލިބިފައި އޮތުމަކީ ވެސް މި ސްކޮލާޝިޕަށް ކުރިމަތިލުމުގެ ޝަަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ޝަރުޠު ފުރިހަމަވާ ދަރިވަރުން މި ސްކޮލާޝިޕްގައި ކިޔެވުމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި އެކަމަށް ބޭނުންވާ ލިޔުންތައް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީއަށް ހުށަހަޅަންޖެހެނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

ޝަރުޠު ފުރިހަމަވާ ދަރިވަރުން ހުށަހަޅަންޖެހޭ ލިޔުންތައް:

  • ޖީ.ސީ.އީ އޭލެވެލް ނުވަތަ ޝަހާދާ ސާނަވީ ސެޓްފިކެޓްތަކުގެ ދެފުށުގެ ކޮޕީ،
  • ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑެއް ލިބިފައި އޮތްކަން އެނގޭ ސެޓްފިކެޓްގެ ދެފުށުގެ ކޮޕީ،
  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ދެފުށް ހިމެނޭ ގޮތަށް)
  • މުއްދަތު ހަމަނުވާ ޕާސްޕޯޓް ޑޭޓާ ޕޭޖްގެ ކޮޕީ
  • ޔުނިވަރސިޓީ (ކޯހުގެ) ފީ ސްޓްރަކްޗަރ. (ލިބިފައިވާނަމަ)
  • އަންކޮންޑިޝަނަލް އޮފަރ ލެޓަރ. (ލިބިފައިވާނަމަ)
  • ޔުނިވަރސިޓީ ޕްލޭސްމަންޓާ ގުޅޭ ލިޔުންތައް. (ލިބިފައިވާނަމަ)

މި ސްކޮލަރޝިޕްގެ އުޞޫލުގައި އޮންނަ ގޮތުން، ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި މި ފުރުޞަތުގެ ބޭނުން ހިފައި ކިޔަވަން ފަށަން ލާޒިމުކުރާތީ ދަރިވަރުން މިކަން ކުރިއަށް ގެންދެވުން އަވަސްކުރެއްވުމަށް ސަމާލުކަން ދެއްވުމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ވަނީ އެދިލައްވާފައެވެ.

މި ސްކޮލާޝިޕްގެ އުޞޫލު ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv (https://www.mohe.gov.mv/resources)ގައި ވަނީ ޝާޢިއުކޮށްފައެވެ.

މި ސްކޮލާޝިޕާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރަންޖެހެނީ schol@mohe.gov.mv އަށެވެ. ފޯނު މެދުވެރިކޮށްނަމަ ގުޅުއްވާނީ 3026947 އަށެވެ.