މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އިޖްތިމާޢީ ޒިންމާގެ ދަށުން ކެއަރ ސޮސައިޓިގެ ދަރިވަރުންނަށް ޙާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ފަށައިފިއެވެ.
ކެއާ ސޮސައިޓީ އާއި ގުޅިގެން އެމްއޭސީއެލް އިން ފެށި އިންޓާންޝިޕް ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ގޮތުން މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ގޮތުން މިއަދު އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރ އިބްރާޙިމް ތޯހާ އެވެ. ކެއަރ ސޮސައިޓީގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރ އަހްމަދު އާތިފް އެވެ.
މި އިންޓަންޝިޕް ޕްރޮގްރާމުގެ ދަށުން ކެއަރ ސޮސައިޓީގެ ހަތަރު ދަރިވަރަކަށް ވީއައިއޭގައި މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ފުރުސަތު ވަނީ ދެވިފައެވެ. އަދި މިފުރުސަތަކީ އަމިއްލަ ފައިމައްޗަށް ތެދުވެ، އެކުދިންނަކީ ވެސް މަސައްކަތުގެ މާހައުލުގައި ތަފާތު ދެއްކޭނެ ކުދިންތަކަކަށް ވުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.
އިންޓާންޝިޕްގެ އިތުރުން ކެއަރ ސޮސައިޓީގައި ވޮކޭޝަންލް ޓްރެއިނިންގ ޕްރޮގްރާމް ފުރިހަމަކުރަމުންދާ ދަރިވަރަކަށާއި އެޑިއުކޭޝަން އެންހޭސްމަންޓް ޕްރޮގްރާމް ފުރިހަމަ ކުރަމުންދާ ދަރިވަރަކަށް އެކުދިންގެ އެއް އަހަރުގެ ފީ ސްޕޮންސަރކޮށް ދިނުމަށް އެމްއޭސީއެލް އިން ވަނީ އެއްބަސްވެފައެވެ. އަދި ވީއައިއޭ ގައި ކެއަރ ސޮސައިޓީގެ ފަންޑް ފޮށިތައް ބެހެއްޓުމަށް ވެސް ވަނީ އެއްބަސްވެފައެވެ.
އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ތޯހާ ވިދާޅުވީ މިވެވުނު އެއްބަސްވުމަކީ، އެމްއޭސީއެލް ގެ އިޖްތިމާއީ ޒިންމާގެ ދަށުން، މުޖުތަމަޢުގައި ތިބި އެކިގޮތްގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ.
ކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ހަރަކާތްތައް ރާވާފައިވާނީ ދެމެހެއްޓެނިވި ތަރައްޤީއާއި، މުޖުތަމައުގައި އަޅުގަނޑުމެންގެ އެހީތެރިކަމަށް ބޭނުންވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ތައުލީމާއި، ތިމާވެށީގެ ދާއިރާއިން އެހީތެރިކަމާއި އެއްބާރުލުން ފޮރުކޮށްދިނުމަށްކަމަށް ތޯޙާ ވިދާޅުވިއެވެ.
ކެއަރ ސޮސައިޓީގެ އެގްޒެކެޓިވް ޑައިރެކްޓަރ އަހުމަދު އާތިފް ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދެވޭނީ ރާއްޖޭގެ އެކި ފަރާތްތައް ގުޅިގެން ހާއްސަކޮށް ބޮޑެތި ކުންފުނިތަކުގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރާ މަސައްކަތްތަކުގެ ތެރެއިންކަމަށެވެ.
އެމްއޭސީއެލްއާއި އެކު މިއަދު ފެށުނު މަސައްކަތަކީ މިކަމުގެ ފެށުމެއްކަމަށާއި ކުރިއަށް އޮތްތާގައި އެމްއޭސީއެލް ފަދަ ބޮޑެތި ކުންފުނިތައް މިކަމުގައި އެއްބާރުލުންދޭނެކަމަށް ގަބޫލުފުޅުކުރައްވާ އެމްއޭސީއެލް އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރެއްވިއެވެ.
އެމް.އޭ.ސީ.އެލްގެ އިޖުތިމާޢީ ޒިންމާގެ ދަށުން ފައިތުވި އަހަރުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އިރު، މިއަހަރުގެ ތެރޭގައި މުޖުތަމައުގެ ލާބައާއި ދެމެހެއްޓެނިވި ތަރައްޤީއާއި ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރާވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!