އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ފުލަމްއާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ސިޓީ ޖެހިލައިފިއެވެ. މިރޭ ފުލަމްގެ ދަނޑުގައި ސިޓީން ވަނީ 2-1 ގެ ނަތީޖާއިން ފުލަމް ބަލިކޮށްފައެވެ.
މި މެޗުން މޮޅުވުމާއިއެކު ސިޓީއަށް ވަނީ ތާވަލުގެ އެއްވަނާގައި އާސެނަލްއަށް ވުރެ އެއް މެޗު މަދުން ކުޅެ އެއް ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. މިވަގުތު ސިޓީ އެއްވަނާގައި އޮތީ 32 މެޗުން ލިބުނު 76 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އޮތް އާސެނަލަށް ލިބިފައި ވަނީ 33 މެޗުން 75 ޕޮއިންޓެވެ.
މިވަގުތު ރަނގަޅު ފޯމެއްގައި އޮތް ސިޓީން މިވަނީ ލީގުގައި އެންމެ ފަހުން ކުޅުނު އަށް މެޗުން ވެސް މޮޅުވެފައެވެ. ސިޓީން މިރޭ މެޗުގެ ވަރަށް ކުރީކޮޅު ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ތިންވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ހާލަންޑްއެވެ. މިއީ މި ސީޒަންގައި ހާލަންޑް ޖެހި 50 ވަނަ ލަނޑެވެ.
މި ލަނޑާއިއެކު ހާލަންޑް ލީގުގައި މި ސީޒަންގައި ޖެހި ގޯލުގެ އަދަދު 34 އަށް ވަނީ އަރާފައެވެ. އެއް ސީޒަނެއްގައި މީގެ ކުރިން މި އަދަދަށް ޕްރިމިއާ ލީގުގައި ލަނޑު ޖަހާފައި ވަނީ އެންޑީ ކޯލްއާއި، އެލަން ޝިއަރާއެވެ. މި ސީޒަންގައި ސިޓީއަށް ލީގުގައި އަދި ބާކީ ފަސް މެޗު އޮތުމާއިއެކު ހާލަންޑް މި ރެކޯޑް އަމިއްލަ ކުރާނެ ކަމަށް ގަބޫލްކުރެވެއެވެ.
ސިޓީން ލީޑުނެގި ނަމަވެސް ފުލަމް އިން ކުޅުން ރަނގަޅުކޮށް މެޗުގެ 15 ވަނަ މިނިޓްގައި ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ޖަހައިދިނީ ކާލޯސް ވިނީޝިއުސްއެވެ. މެޗުން ސިޓީ މޮޅުކޮށްދިން ގޯލު ޖެހީ 36 ވަނަ މިނިޓްގައި އަލްވަރޭޒްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!