ކުރީގެ އަދަދާއިގުޅޭ،

ރޮއިރޮއި ގޮސް އަތްދަނޑިމައްޗަށް ނޫޙު ދެމުނު އިރު، އުޝާގެ ފައިގައި އެއްވެސް ވަރެއްވެސް ނެތްކަހަލައެވެ. އިރުކޮޅެއްނުވެ، ޒައިންމެން އައިސް ދާދި ގާތުގައި ހުއްޓުނެވެ.

Ad
rt

" ބައްޕަ އުރާލުމާއެކު ޒަޔާ ހުއްޓާލައިފި! މީ ހަމަ ބައްޕަ ކުއްޖެކޭ ދޯ! "

ޒައިންގެ އަތުގެ ތެރޭގައި ނިދިފައިވާ ޒަޔާއަށް ބަލާލަމުން ނަދާ ބުނެލި އަޑު އުޝާއަށް އިވުނެވެ. އެޖުމްލައިން އުޝާގެ ހިތަށް އިތުރަށް އަސަރުކުރުވިއެވެ.

" ނޫޙު އަދިވެސް ބޮޑާ ހާކަނީތަ ހަމަ؟ " އުޝާއާ ދިމާލަށް ބަލާލަމުން ނަދާ ބުނެލިއެވެ. އޭރު ޒައިންއަށްވެސް ހުރެވުނީ ނޫޙުއަށް ބަލާށެވެ. އޭނާގެ ހިތަށް ކުރަމުންދާ އަސަރުތަކުން ހިތް ފިހެމުންދާ ކަހަލައެވެ. ލޯބިވާ ދަރިފުޅު، ލޯ ކުރިމަތީގައި އެ ޙާލުގައި އޮއްވާ ފެންނަ އިރުގައިވެސް ފިރުމާވެސް ނުލެވޭތީ އޭނާ ނުހަނު ދެރަވެއެވެ. ނޫޙު އޭރުވެސް ގިސްލަމުންދާކަން އެނގެއެވެ.

" އުޝާވެސް ރޮނީތަ؟ " ހައިރާންވާ ކަހަލަ ގޮތަކަށް އުޝާއާދިމާލަށް ބަލާލަމުން ނަދާ ބުނެލީ ތަންކޮޅެއް ބާރަށެވެ.

" އެކަނި އުޅެން ޖެހޭއިރު ކެތްތެރިވާންވާނެ! އަހަރެންވެސް ވަރަސް ދެރަވޭ އުޝާ ތިހެން އުޅޭތީ.." ކޮނޑުގައި އޮތް ދަބަސް ރީތިކޮށްލަމުން ނަދާ ބުނެލިއެވެ. ނަދާ ދައްކާ އެއްވެސް ވާހަކައެއް އިވޭ ކަމަކަށް އުޝާއެއް ނަހަދައެވެ.

" އެ އަންނަ ކާރަށް އަތް ނަގާބަލަ! "

ދަރިފުޅު އުރައިގެން ހުރުމުން ދެއަތް ބަންދުވެފައި ހުރި ޒައިން ނަދާއާ ދިމާލަށް ބުނެލިއެވެ. ނަދާ ދައްކާ ވާހަކައިން ޒައިން ހުރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. ނަދާގެ މަޤްޞަދަކީވެސް އުޝާ ދެރަކުރުންކަން ޒައިންއަށް އެނގެއެވެ. އެހެންވެސް ބުނެފިނަމަ ޒުވާބަކަށް މައްސަލަ ވެގެންދާނެތީ ޒައިން މިހާރު އެއްވެސް ކަމަކާ ބެހޭގޮތުން ނަދާއާ މާ ގިނަ ވާހަކަތަކެއް ނުދައްކައެވެ.

***

ގެއަށް އައި ގޮތަށް ނިދިފައި އޮތް ދަރިފުޅު އެނދުގައި ބާއްވާލުމަށްފަހު އުޝާ ހަމަޖެހިލިއެވެ. އޭރު އަމީރާއާ ފަހުމީވެސް ގެޔަކު ނޫޅެއެވެ. އެނދުމަތީ އިނދެގެން އުޝާ ފިކުރު ކުރަމުންދިޔައީ އޭނާގެ ދިރިއުޅުމާމެދުގައެވެ. ނޫޙު ގޮވައިގެން އެގޮތަށް އެކަނި އުޅެވިދާނެތޯ އަމިއްލަ ނަފްސާ އެތައް ފަހަރަކު ސުވާލުކުރެވުނެވެ. އެގޭތެރޭގައި ނޫޙު ބޮޑުކުރުމުން ދެމައިންނަށްވެސް ނަފްސާނީ އަސަރުތަކެއް ކުރާނެކަން އޭނާއަށް މިހާރު ޔަޤީންވެއްޖެއެވެ. އިށީނދެ އިންނަން އުނދަގޫ ވުމުން އުޝާ ތެދުވެ ކޮޓަރީގެ ދެކޮޅުގައި ހިނގަން ފެށިއެވެ. މީހަކާ އިނުމުގެ ޚިޔާލް އައުމާއެކު އުޝާގެ ހިތަށް ވަރަށް ބޮޑަށް އުނދަގޫވާން ފަށައިފިއެވެ. އެހެން ދިރިއުޅުމެއް ފަށައިގެން ނޫނީ އެގެއިން އޭނާއަށް ނުދެވޭނެކަން ޔަޤީނެވެ. ނޫނީ ވޭން ލިބިލިބި އޭނާގެ ހިތް ކުދިކުދި ވެދާނެއެވެ. ވިންދުޖަހާނެ ވަރު ނެތި ހިތް އިތުރަށް ހަލާކުވެދާނެއެވެ.

ކުއްލިއަކަށް އުޝާ ސިހުނީ ކޮޓަރީގެ ދޮރު ހުޅުވުމުންނެވެ. ކަންބޮޑުވެފައި ހުރި އުޝާ ފެނުމާއެކު، ސުވާލުގެ ނަޒަރަކުން އޭނާ އުޝާއަށް ބަލަން ފެށިއެވެ. ގަނެގެން އައި ސާމާނުތައް މުށިތައް މަތީގައި ބަހައްޓަމުން އަމީރާ އަައިސް ހުއްޓުނީ ސީދާ އުޝާގެ ކުރިމަތީގައެވެ.

" ދަރިފުޅު ކޮން ޚިޔާލެއްގަ؟ ނޫޙުއަށް ކަމެއްވީތަ؟ "

އަމީރާ ވާހަކަ ދައްކަން ފެށީ އެނދުގައި ނިދާފައި އޮތް ނޫޙުއަށް ބަލާލަމުންނެވެ. އަމީރާ ސުވާލުކުރުމުން ލަސް ހިނގުމެއްގައި ގޮސް އުޝާ އެނދުގައި އިށީނދެލިއެވެ.

" މަންމާ! އަހަރެން މިހާރު ވަރުބަލި ވެއްޖެ! ދިރިއުޅުމުގައި އަހަންނަށްޓަކައި ހިތާމަ ނޫން އިތުރު އެއްޗެއް ނުވަނީތަ؟ "

އަމިއްލަ ނިކަމެތިކަން އިޙްސާސްވާ ޙާލު އުޝާ އަމީރާއަށް ބަލާލަމުން ސުވާލުކޮށްލިއެވެ. ދުރުގައި ހުރި ގޮނޑިއެއް ގެނެސް އެނދު ކައިރީގައި ބަހައްޓަމުން އަމީރާ އިށީނދެލިއެވެ. ހިތުގައި ހުރި އުދާސްތައް ބޭރުކޮށްލަން އުޝާ ބޭނުންވެފައި ހުރިކަން، އަމީރާއަށް އެނގެއެވެ. އެހެންކަމުން އޭނާ ބޭނުންވަނީ އުޝާއަށް ވަގުތު ދޭށެވެ. ފުރުޞަތު ދޭށެވެ. އުޝާގެ ކަންބޮޑުވުންތައް އަޑުއަހާނެ އެކުވެރިއަކަށް ވާށެވެ.

" ތިހެން ނުބުނޭ! ތީ ވަަރަށް ހިތްވަރު ގަދަ ކުއްޖެއް! ކިޔައިދީބަލަ މަންމައަށް! މިއަދު މާބޮޑަށް ދެރަވެގެން ތިއުޅެނީ ކީއްވެތަ؟ "

ލޯތްބާއިއެކު އަމީރާ އަހާލީ އުޝާގެ ގައިގައި އަތް ޖައްސާލުމުންނެވެ. އެއާއެކު އުޝާގެ ދެލޮލަށް ކަރުނަ ޖަމާވާކަށް ލަސްތަކެއް ނުވިއެވެ.

" މަންމާ! އަހަރެން.. އަހަރެން މީހަކާ އިންނަން ބޭނުން.."

އުޝާގެ ޖުމްލައިން އަމީރާއަށް ލިބުނީ ކުއްލި ސިހުމެކެވެ.

" މަންމަމެން އަބަދުވެސް ކިޔަމެއްނު އަހަރެންގާތު މީހަކާ އިންނަން! އާނ އަހަރެން މިހާރު ބައިވެރިއެއް ބޭނުން! މިދަރިފުޅާއެކު އުޅޭނެ ބައްޕައެއް ބޭނުން! އަހަންނާއެކު މުޅި އުމުރު ހޭދަކުރާނެ ފިރިޔަކު ބޭނުން.."

އުޝާގެ ވާހަކަތަކުގެ ރާގު ހުރިގޮތުން އޭނާއަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާކަން އެނގެއެވެ. އަމީރާއަށް އަނެއްކާވެސް ބަލާލެވުނީ ނޫޙުއާ ދިމާލަށެވެ. ނޫޙު އެމީހުންގެ ލޯމަތިން ގެއްލިގެން ދާކަށް އަމީރާ ފަހަރެއްގައިވެސް ބޭނުމެއް ނޫނެވެ. އިސްޖަހާލައިގެން އިން އުޝާގެ ބޮލުގައި ފިރުމާލަމުން އަމީރާ ވާހަކަ ދައްކަންފެށިއެވެ.

" ތީ ހަމަ ދަރިފުޅު މިހާރު އެންމެ ބޭނުންވާ ގޮތްތަ؟ "

އުޝާ އަވަސް އަވަހަށް ބޯޖަހާލިއެވެ. ބުނާނެ އެއްޗެއް ނޭނގިފައި އިރުކޮޅަކު އަމީރާއަށް އިނދެވުނެވެ. ހަމަ އެވަގުތެވެ. ފަހުމީވެސް އައިސް ކޮޓަރިއަށް ވަނެވެ.

" ކޮބާ އެސޮރު ރަނގަޅުތަ؟ ވެކްސިން ޖަހައިގެން ކުދިންނަށް ވަރަށް އުނދަގޫތައް ވާނެއެއްނު! ޒަޔާވެސް ރޯއަޑު އެބަ އިވޭ!"

ފަހުމީ އެހެން ބުނުމާއެކު އަމީރާ ތެދުވިއެވެ. ހިތަށް އަރާ ފައިބަމުންދާ އެއްޗެހި ގިނަކަމުން އޭނާ ބޭނުންވީ ފަހުމީ ގޮވައިގެން އެކޮޓަރިން އަވަހަށް ނިކުންނާށެވެ.

" އަދި ނިދިފަ އޮތީ! ކޮފީއެއް ހަދަން މިދަނީ! އާދޭ އިނގޭ"

އިތުރަށް މަޑުނުކޮށް އަމީރާ ބޭރަށް ނިކުތެވެ.

" އާނ! ފާޚާނާއަށް ވަދެލާފަ މިދަނީ! "

ފާޚާނާއާ ދިމާލަށް ހިނގައިގަންނަމުން ފަހުމީ ބުނެލިއެވެ. އޭރުވެސް އެއްވެސް ޚަރަކާތެއްނެތި އުޝާ އިނެވެ.

***

ފަހުމީ ނިކުތް އިރު އަމީރާ އިނީ ކާމޭޒު ކައިރީގައި އޭނާގެ އިންތިޒާރުގައެވެ. ފަހުމީ އައިސް އިށީނީ އަމީރާގެ ކުރިމަތީގައި ހުރި ގޮނޑީގައެވެ.

" އުޝާ މީހަކާ އިންނަން ބޭނުންވާ ވާހަކަ ބުނެފި! " ފަހުމީއާ ދިމާލަށް ކޮފީތަށި ދަމާލަމުން އަމީރާ ބުނެލިއެވެ. އެއާއެކު ފަހުމީގެ މޫނުމަތިން ހިނިތުންވުމުގެ އަސަރު ފެނުނެވެ.

" އެހެންތަ؟ ކާކާ؟ "

ހިނިއައިސްފައި ހުރި ފަހުމީގެ މޫނު ފެނުމުން އަދި އޭނާއަށް އެއްވެސް އެއްޗެއް ނުވިސްނޭކަން އަމީރާއަށް އެނގުނެވެ. އެހެންކަމުން އަމީރާގެ ހިތުގައިވާ އެއްޗެހިތައް އެއްފަހަރާ ބޭރުކުރަން ފެށިއެވެ.

" މީހެއް ނެތް! މީހަކު ހޯދައިގެންނެއްނޫން އެހެން ބުނީ! މިހާރު އުޝާ ބޭނުންވަނީ ކައިވެންޏެއް ކުރަން! ނޫޙުއަށް ބައްޕައެއްގެ ލޯބި ހޯދައިދޭންވެސް އޭނަ ބޭނުން! އަދި އުޝާއަށްވެސް އަޅާލާނެ މީހަކު ބޭނުންވާ ވާހަކަ ބުނީ! "

އަމީރާގެ ވާހަކަތައް އަޑުއަހަން އިނދެ ފަހުމީ ބުންޏެވެ.

" އެހެންތަ؟ ތިއީ މުޅިއަކުން ގޯސް ވާހަކަތަކެއް ނޫނޭ! ރަނގަޅު ޚިޔާލެއް ހަމަ"

" ފަހުމީއަކަށް ނުވިސްނޭނެ! ބަލަ ނޫޙަކީ އަހަރެމެންގެ ލެޔޭ! އެއީ އަހަރެމެންގެ ދަރިއެކޭ! އަހަރެމެން އެދަރިފުޅު އެހެން ބައެއްގެ އަތްމައްޗަށް ފޮނުވާލަން އެއްބަހެއް ނުވެވޭނެ! އުޝާ އެހެން މީހަކާ އިނދެގެން މިގެއިން ދިޔައީމަ އަހަރެމެންނަށް ދެން އެދަރިފުޅު އެ ގެއްލުނީ!"

ފަހުމީއަށް ވިސްނާލެވުނީ ދެނެވެ.ނަމަވެސް އަމީރާގެ ވާހަކަތަކަށް އޭނާއަށް އެއްބަހެއް ނުވެވުނެވެ.

" ދެން އުޝާ އުމުރު ހުސްކޮށްލަންވީ އެގޮތަށް؟ މިގޭތެރެއިން އެދަރިފުޅަށް ބައްޕައެއްގެ ލޯބި ލިބޭނެ ކަމަށްތަ ހީކުރީ؟ ނޫނީ ޒައިންގެ ދިރިއުޅުން ރޫޅާލާފަ އުޝާއާ އިނދެވޭނެހެން ހީވޭތަ؟ އެގޮތް ޒައިން ކިތަންމެ ބޭނުން ވިޔަސް ޒައިންގެ ދިރިއުޅުމުގެ ޙާލަތު މިހާރު އެހުރީ އެގޮތަށް އެކަން ކުރެވޭނެ ގޮތަކަށް ނޫން! އޭނަގެ ޙަލާލު އަނތްބަކާ ދަރިޔަކު އެބަހުރި.. އަސްލު އަހަންނަށް ރަނގަޅީ މިހާރު އެސިއްރު، ސިއްރެއްގެ ގޮތުގައި ބޭއްވިއްޔާ! އުޝާވެސް އެހުރީ އެކަންތައް އަހަރެމެންނަށްވެސް ސިއްރުކޮށްގެން! އޭނަ އަދިވެސް އަހަރެމެންގާތު ނޫޙުއަކީ ޒައިންގެ ދަރިއެކޭ ބުނާކަށް ބޭނުމެއް ނުވެއެއްނު! މިހާރު ދެން އެންމެ ރަނގަޅުވާނީ އުޝާ ބޭނުންވާ ގޮތަކަށް ކަންތައް ކުރަން ދޫކޮށްލިއްޔާ! "

ފަހުމީގެ ވާހަކަ އަޑުއަހަން އިން އަމީރާއަށް ވަގުތުން ދެފަރާތަށް ބޯހޫރާލެވުނީ ފަހުމީ ބޭނުންވާގޮތާ އޭނާ ޚިލާފްވާން ބޭނުން ވެގެންނެވެ.

" ކިހިނެއް އެނގެނީ އުޝާ އިންނަ މީހަކު ނޫޙުއަށް ހެޔޮ ވާނެކަމެއް؟ އަހަންނަށް އެދަރިފުޅު އެގޮތަށް ދޫކޮށެއް ނުލެވޭނެ! "

ކޮޓަރިން ނިކުމެ ކާގެއާ ދިމާލަށް މިސްރާބުޖެހި އުޝާއަށް އަމީރާގެ އަޑު އިވުނެވެ. ހަމަ އެއާއެކު ހުއްޓިހުރި އުޝާވެސް އަމީރާއަށް ފެނުނެވެ. އުޝާއާ ދިމާލަށް އަމީރާ ބަލާލުމާއެކު އުޝާ ގަދަކަމުން ހީލިއެވެ.

" އަހަންނަށް އެނގޭ އަހަރެންދެކެ މަންމަމެން ލޯބިވާ ފަދައިން އަހަރެންގެ ދަރިފުޅު ދެކެވެސް މަންމަމެން ވަރަށް ލޯބިވާކަން! އެދަރިފުޅަށް ދެރައެއް ލިބެންވެސް ބޭނުން ނުވާނެކަން އެނގޭ! އެކަމަކު... އަހަރެންވެސް ދިރިއުޅުމެއް ފަށަން ބޭނުން މަންމާ! "

އުޝާ ހުރީ ގޮތްދޫކުރާ ގޮތަށް ނޫންކަން އަމީރާއަށް އެނގުމުން އޭނާ ނުހަނު ދެރަވިއެވެ.

" މަންމަ ތި ނޫން ވާހަކައެއް ނުބުނަމެއްނު! ދިރިއުޅުމެއް ފެށިދާނެ! އެކަމަކު އެވަރުގެ ރަނގަޅު ކާކު ހުރީ؟ މަންމައަށް ރަނގަޅީ ނޫޙުއަށް ދެތިން އަހަރު ވެލަންދެން އަދި މި ގޭގަ މަޑުކޮށްލިއްޔާ!"

އަމީރާ އެހެން ބުނުމާއެކު އުޝާ އިސްޖަހާލިއެވެ. އަދި މަޑުމަޑުން ބޯ ޖަހާލަމުން ބުނެލިއެވެ.

" އަހަންނަށް މިއަދު ކާއެތިކޮޅުވެސް މިލިބެނީ ހަމަ މަންމައާ ބައްޕަގެ ހެޔޮަކަމުންކަން އަހަރެން ޤަބޫލުކުރަން. މަންމަމެންގެ ނުޤަބޫލުގައި އަހަރެން އެއްވެސް ކަމެއް ނުކުރާނަން.. "

އުޝާ އެހެން ބުނުމުން އަމީރާއަށް ހިނިތުން ވެލެވުނެވެ. ނަމަވެސް އެކަމާ ފަހުމީ ހުރީ ނުހަނު ހިތްހަމަ ނުޖެހިފައެވެ.

" ނޫޙު އެހާ ކުޑައިރު މީހަކާ އިނދެގެން ދިޔަސް އެމީހަކަށް އުނދަގުލަކަށް ވެދާނެ! "

އަނެއްކާވެސް އަމީރާ ބުނެލިއެވެ. އިސްޖަހައިގެން ހުރެ އުޝާވެސް ދެވަނަ ފަހަރަށް ބޯޖަހާލީ އަމީރާ ދައްކާ ވާހަކައަށް އެއްބަސްވާކަން އަންގާލުމަށެވެ.

***

މެންދުރުގެ ހޫނުގަދަ ވަގުތެވެ. މަސައްކަތުން އެނބުރި ޒައިން ގެއަށް އައި އިރު ޒަޔާ ނިންދަވަން އިނީ ސާމިޔާއެވެ. ނަދާއަށް އޮތީ ނިދިފައެވެ.

" މަންމަ ކައިފިންތަ؟ " ޒައިން ވާހަކަ ދެއްކީ ސާމިޔާއާއެވެ.

" ނޫނޭ! ނަދާއަށް ވަރަށް ގޮވައިފިން! އަދިވެސް ހަމަ ނިދަނީ! ރޭގަ ނުނިދަނީތަ؟ "

" ނޫން! ރޭގަ އަހަރެން އިނީ ޒަޔާ ގޮވައިގެން! އަހަރެން މަސައްކަތުވެސް މިދިޔައީ ރޭ ދަންވަރު ހޭލައިގެން އުޅުނު ގޮތަށް! ނަދާ ހަމަ ނިދީ! "

ހިތްހަމަ ނުޖެހިފައި ހުރެ ޒައިން އެހެން ބުނެލުމާއެކު ނަދާ ލޯ ހުޅުވާލިއެެވެ.

" އަހަރެން ނިދީމަ ނިދާ ވާހަކަ ތި ދައްކަނީ! މިއަދުވެސް ހަމަ އަހަރެން ދޯ އިންނަން ޖެހޭނީ ދަރި ގޮވައިގެން! ހީވަނީ މީ ހަމައެކަނި މަގޭ ދަރިއެއްހެން.."

ކަންނެތް ގޮތަކަށް ތެދުވަމުން ނަދާ ބުނެލިއެވެ. އެއާއެކު ސާމިޔާގެ މޫނުމަތި ބަނަވެގެން ދިޔައެވެ.

" ނަދާ! ޒައިންއާ ތިގޮތަށް ވާހަކަ ނުދައްކާށޭ ކިތައް ފަހަރު ބުނާނީ! ޝުކުރު ކޮށްބަލަ މިއަދު މިދަރިފުޅު ބަލަން އެންމެންވެސް އެބަތިބި! އެކަމަކު ދަރިފުޅަށް އެންމެ މުޙިއްމުވާނީ މަންމަގެ އެހީ! ދަރިން ލިބުނީމަ ކުރިން ނިދާހެންނެއް އަބަދަކު ނުނިދޭނެ! އަހަރެން ހަމަ ހައިރާންވެއްޖެ ނަދާގެ އުޅުން ތި ހުންނަ ގޮތަކުން"

ޒަޔާ ގޮވައިގެން އެހާ ގިނައިރު އިންނަން ޖެހުމުން ސާމިޔާވެސް ހުރީ ހިތްހަމަ ނުޖެހިފައެވެ. އޭނާ ލަންކާއަށް ދިޔުމުން ނަދާ އުޅޭނެ ގޮތެއްވެސް އޭނާއަކަށް ނޭނގެއެވެ. ނަދާ ތެދުވެ ދަރިފުޅަށް ގާތުން ދޭން ފެށުމުން ސާމިޔާވެސް ހިނގައިގަތީ ނިކުންނާށެވެ.

" ޒަޔާ ވަރަށް ބޮޑަށް ބަނޑުހައިވެފަ އެއޮތީ! މަންމަ މިތާ އިނދެ ނަދާއަށް ގޮވާތާވެސް ވެއްޖެ ދެގަޑިއިރު.."

ނިކުންނަމުން ސާމިޔާ ބުނެލިއެވެ.

" ދެން މަންމަވެސް ދޯ! ޒައިން ރުޅި ނާންނަ ކަމަށް އަދިވެސް އޭނަ ރުޅި އަރުވާ!"

ފޫހި ރާގަކަށް ނަދާ ބުނެލިއެވެ. ދެފަރާތަށް ބޯހޫރާލަމުން ސާމިޔާ ނިކުތީ އެތަނުގައި މަޑުކުރަން ބޭނުން ނުވެގެންނެވެ.

" މަންމަމެންނާވެސް ތިހުރީ ވާހަކަ ދައްކާ ފާޑު! ނަދާ ގާތު އަހަރެން މިބުނަނީ ތިކަންތައްތައް ރަނގަޅުކުރަން.. ޒުވާބެއް ނޫން ފަށާނީ އެއްޗެއް ބުނާއިރަށް! "

ތުވާލި ހިފައިގެން ފެންވަރަން ވަންނަން ދިޔަ، ޒައިން ބުނެލިއެވެ. ހަމަ އެއާއެކު ޒަޔާ ކުޑަކޮށް ރޯލުމުން ނަދާއަކަށް އިތުރު އެއްޗެއް ބުނެވޭ ގޮތެއް ނުވިއެވެ.
" އަހަރެން ހަމަ ލަދުން އަވަދި ވެއްޖެ! އަހަރެން ހިއެއް ނުކުރަން ނަދާގެ އުޅުން ހުންނަނީ އެގޮތަށް ކަމެއް! ކުރީގަ އޭނަ އެފާޑަށް އުޅުނަސް މިހާރު ދެން ޖެހޭނީ ރަނގަޅުކުރަން ދޯ ކަންތައްތައް! އަހަރެން އެކުއްޖާ ގޮވައިގެން އިރެއްވެއްޖެ އެތާ އިންނަނީ! ނަދާ ހަމަ ނިދަނީ! އަހަރެންވެސް ވަރުބަލި ވާނެ ދޯ! "

ސާމިޔާ ވާހަކަ ދެއްކީ އެނދުގައި ފޯނާ ކުޅެން އޮތް ނަޒީރުއާއެވެ. ސާމިޔާގެ ވާހަކަ އަޑުއަހަން އޮވެ ނަޒީރު ބުންޏެވެ.

" ކަލެއަށްވެސް ބުރަބޮޑުވީތަ؟ ހުރި ހަމައެކަނި ދަރިފުޅަށް ލިބުނު މާމަ ދަރިފުޅު ގޮވައިގެން އިންނަންވީމަ ބުރަކަމަކަށްވީތަ؟އެމަންޖެއަކީ އަދި ކުޑަކުއްޖެކޭ! ނުވިސްނޭނެ މާ ބޮޑަކަށް!"

" އަހަރެންވެސް ކުރިން ނިންމައިގެން ހުރީ ތިގޮތަށޭ! އެކަމަކު މިގޭތެރޭގަ ދުވަސްކޮޅަކު އުޅެލީމަ އެނގިއްޖެ ނަދާގެ ފާޑުގަނޑު! ލަދުން ހަލާކުވެއްޖެ! އަވަހަށް ލަންކާއަށް ދާންވީ..."

ޙަޤީޤަތުގައިވެސް ސާމިޔާ ހުރީ ވަރަށް ބޮޑަށް ލަދުގަނެ ދެރަވެފައެވެ. ދަރިފުޅަށް ދެވުނު ތަރުބިއްޔަތުން އެއްވެސް ފައިދާއެއް ނުކުރިކަން އޭނާއަށް އިޙްސާސްވިއެވެ. ދަރިފުޅު ކުރާ ނޭދެވޭ ކަންކަމަށް ހިތްވަރު ދެވުނީތީ މިހާރު އޭނާ އިންތިހާއަށް ދެރަވެއެވެ.

***

4 އަހަރު ފަސް

***

" ބައްޕީ! ކޮބާ ކޮއްކޮގެ ޗޮކްލެޓް؟ "

ބޭރުން އައިސް ވަތް ޒައިންއާ ދިމާލަށް ދުއްވައިގަންނަމުން ޒަޔާ ބުނެލިއެވެ. އޭރު މެދުގޭގައި ކުޅެން އިން ނޫޙު އިނީ ޒައިންއަށް ބަލަހައްޓައިގެންނެވެ.

" މިއޮތީ! "

ޖީބުން ޗޮކްލެޓެއް ނެގުމަށްފަހު ޒައިން ޒަޔާއަށް ދިއްކޮށްލިއެވެ. ޒަޔާ އަވަސް އަވަހަށް ޗޮކްލެޓްގައި ހިފުމަށްފަހު ޒައިންއަށް ކޯ ދައްކާލިއެވެ. ހެމުން ހެމުން ޒައިން ޒަޔާގެ ކޮލަށް ދޮނެއް ދިނީ ޒަޔާއާ އެއްވަރަށް ތިރިވެލަމުންނެވެ..

" މި ޗޮކްލެޓް ނޫޙު ބޭބެއަށް ދީބަލަ! "

އިތުރު ޗޮކްލެޓެއް ނެގުމަށްފަހު ޒައިން ޒަޔާއަތަށް ދިނެވެ. އެއާއެކު ޒަޔާ ތުންދަމާލުމަށްފަހު ދެފަރާތަށް ބޯ ހޫރާލިއެވެ.

" މަންމި ބުނީ ކޮއްކޮގެ ބައްޕަ ގެންނަ އެއްޗެހި ލިބޭނީ ހަމައެކަނި ކޮއްކޮއަށޭ! "

ޒަޔާ އެހެން ބުނުމަށްފަހު ފަސްއެނބުރި ، ކުޅެން އިން ނޫހުއަށް ބަލާލިއެވެ. އެއާއެކު ނޫޙު ތެދުވިއެވެ. ވަގުތަކީ ނޫޙުއަށް ކާންދޭން ބަތްތަށި ހިފައިގެން އުޝާވެސް އައިސް ހުއްޓުނު ވަގުތެވެ.

" ނޫޙުގެ ބައްޕަ ބައިވަރު ހަދިޔާ ހިފައިގެން އަދި އަންނާނެ ދޯ މަންމާ! "

ނޫޙު އެހެން ބުނުމާއެކު އުޝާއަށް ބަލާލެވުނީ ޒައިންއަށެވެ. އޭރު ޒަޔާ ހުރީ ޒައިންގެ ކޮނޑުގައި ބައްދައިގެންނެވެ. ޒަޔާ އުރާލައިގެން ޒައިން ތެދުވެގެން އައިސް ނޫޙުގާތު ހުއްޓުނީ އުޝާއަށް ބަލަމުންނެވެ.

" ނޫޙުގެ ބައްޕަ ކީއްވެތަ މިގެއަށް ނާންނަނީ؟ "

ކުއްލިއަކަށް ޒަޔާކޮށްލި ސުވާލުން ނޫޙުއަށް ބަލާލެވުނީ އުޝާއާ ދިމާލަށެވެ. އުޝާއަށް ހިންދިރުވާލެވުނެވެ. ކުޑަކުޑަ ނޫހުގެ މޫނުމަތިން ފާޅުވަމުންދާ ހިތްދަތިކަން ޒައިންއަށްވެސް އިޙްސާސްކުރެވުނެވެ.

" ނޫޙުގެ ބައްޕަ ވަރަށް އަވަހަށް އަންނާނެ! ނޫޙުގެ ބައްޕަ އައިސް މަންމަޔާ ނޫޙު ގޮވައިގެން އެހެން ގެއަކަށްދާނީ! އޭރުން ޒަޔާކޮއްކޮ ނޫޙުމަތިން ހަނދާންވާނެތަ؟ "

ނޫޙުގެ އަތުގައި ހިފުމަށްފަހު އުޝާ ވާހަކަ ދެއްކީ ގަދަކަމުން ހިނިތުންވަމުންނެވެ. އުޝާ އެހެން ބުނުމާއެކު ނޫޙު ހީލީ، ޒަޔާއަށް ބަލާލަމުންނެވެ.

" ނޫޙުމަތިން ހަނދާންވާނެ ދޯ ބައްޕީ! "

" ލައްބަ! ވަރަށް ހަނދާންވާނެ! ނޫޙުއާ ނޫޙުގެ މަންމަ މަތިންވެސް ވަރަށް ހަނދާންވާނެ! "

ޒައިން އެހެން ބުނަމުން އުޝާއާ ދިމާލަށް ބަލާލިއެވެ.

( ނުނިމޭ )

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (28)

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (28)

(ނިމުނީ)