" ނޫޙުގެ ބައްޕަ ވަރަށް އަވަހަށް އަންނާނެ! ނޫޙުގެ ބައްޕަ އައިސް މަންމަޔާ ނޫޙު ގޮވައިގެން އެހެން ގެއަކަށްދާނީ! އޭރުން ޒަޔާކޮއްކޮ ނޫޙުމަތިން ހަނދާންވާނެތަ؟ "
ނޫޙުގެ އަތުގައި ހިފުމަށްފަހު އުޝާ ވާހަކަ ދެއްކީ ގަދަކަމުން ހިނިތުންވަމުންނެވެ. އުޝާ އެހެން ބުނުމާއެކު ނޫޙު ހީލީ، ޒަޔާއަށް ބަލާލަމުންނެވެ.
" ނޫޙުމަތިން ހަނދާންވާނެ ދޯ ބައްޕީ! "
" ލައްބަ! ވަރަށް ހަނދާންވާނެ! ނޫޙުއާ ނޫޙުގެ މަންމަ މަތިންވެސް ވަރަށް ހަނދާންވާނެ! "
ޒައިން އެހެން ބުނަމުން އުޝާއާ ދިމާލަށް ބަލާލިއެވެ. އުޝާ މަސައްކަތްކުރަމުން ދިޔައީ ޒައިންއާ ދިމާލަށް ނުބަލާވޭތޯއެވެ. ނޫޙުގެ އަތުގައި ހިފައިގެން އުޝާ ހިނގައިގަތީ ކާމޭޒާ ދިމާލަށެވެ.
" އަދިވެސް ކޮއްކޮ ބައްޕައެއް ނާދެއެއްނު! "
ސިޑިން އަރައަރާ ހުރި ޒައިންއަށްވެސް ނޫޙު އެހެން ބުނެލި އަޑު އިވުނެވެ. އޭރު ސިޑިން އަރައިގެން ޒަޔާ ގޮއްސިއެވެ. އެހެންކަމުން ޒައިންގެ މިސްރާބު ބަދަލުކޮށްލިއެވެ.
" އަދި އަންނާނޭ ދަރިފުޅޫ! ދެން ބޮޑާނަހާކަ ކާންފަށާބަލަ! " ނޫޙުގެ މޫނުގައި ފިރުމާލަމުން އުޝާ ބުނެލިއެވެ. ބައްޕައާ ބެހޭގޮތުން ނޫހު ކުރަމުންދާ ޝަކުވާތައް އިތުރުވާތީ އުޝާއަށް ވަރަށް އުނދަގޫވާކަން ޒައިންއަށްވެސް އެނގެއެވެ.
" ނޫޙު! ކޯއްޗެއްތަ މިއަދު ކާލަނީ؟"
ޒައިން އައިސް އިށީނީ ނޫޙުއާ ޖެހިގެން ހުރި ގޮނޑީގައެވެ. އަދި ނުހަނު ލޯތްބާއެކު ނޫހުގެ ބޮލުގައި ފިރުމާލިއެވެ. އެތުއްތު ކުއްޖާގެ ދެލޮލުގައި ހުރި ކަރުނައިގެ އަސަރުން ޒައިންގެ ހިތަށް ތަދުވިއެވެ.
" ކޮއްކޮ ކީއްވެ ތި ރޮނީ؟ " ޒައިންގެ ނޫޙު އުރާލައިގެން ގެނެސް އޭނާގެ އުނގުމަތީގައި ބައިންދާލިއެވެ. އޭރުވެސް ހުއްޓުން އަރާފައި އުޝާއަށް އިނދެވުނީއެވެ. އެހިނދު އުޝާގެ ދެލޮލުންވެސް ކަރުނަ ހިލެން ފަށައިފިއެވެ.
" ކޮއްކޮގެ ބައްޕަ އަދިވެސް ނާދޭ! ޕާކަށް ދާން ބޭނުމީ ބައްޕަޔާ އެކު "
ތުން ދަމާލުމަށްފަހު ނޫޙު ބުނެލި ޖުމްލައިން ޒައިންއަށް ނޫޙުގައިގައި ބައްދާލެވުނެވެ. އެމަންޒަރު ބަލަން އިން އުޝާއަށް ދެލޮލުން ފެން ފުހެލެވުނީ ނުހަނު އަވަހަށެވެ. ފިނޑިވާކަށް އޭނާ ބޭނުމެއް ނޫނެވެ. މިހާތަނަށްވެސް އޭނާ ދިރިއުޅުނީ ނެތް ހިތްވަރު ނެރެގެންނެވެ.
"ދަރިފުޅުގެ ބައްޕައެއް ނެތޭ! މަންމި ޖެހޭނީ ދަރިފުޅަށް ވަރަށް... ވަރަށް ރަނގަޅު ބައްޕައެއް ހޯދައިދޭން.. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މަންމި ދަރިފުޅަށް ބައްޕައެއް ހޯދައިދޭނަން.."
ޒައިންގެ އުނގުން ނޫޙު ނަގަން އުޝާ މަސައްކަތްކުރިއެވެ. އެއާއެކު ނޫހު އުޝާގެ މޫނަށް ބަލާލީ ދާން ބޭނުން ނުވާ ފަދަ ގޮތަކަށެވެ.
" އިހަށް އަހަރެންގެ އުނގުގައި ނޫޙު ބައިންދާލަބަލަ! އަހަރެންވެސް ނޫޙު ދެކެ ވަރަށް ލޯބިވެޔޭ އުޝާ! " އަސަރާއެކު ޒައިން ބުނެލިއެވެ. އެއާއެކު ޒައިންގެ އިތުރުން އުޝާވެސް ސިހުނީ ފަހަތުން މީހަކު އައި އަޑަށެވެ.
" ކިހިނެއްވީ؟ ހާދަ ފާޑަކަށް އެންމެން؟"
ޒައިންއަށް ނަދާ ފެނުނު އިރު، ހައިރާންވެފައި އޭނާ ހުރީ ޒައިންއަށް ބަލާށެވެ. އެއާއެކު އަވަސް އަވަހަށް އަތުގެ ނުފުށުން ކަރުނަތައް ފުހެލަމުން އުޝާ ނޫޙުގެ އަތުގައި ހިފިއެވެ. އުޝާ ހިފާލިލެއް ބާރުކަމުން ޒައިންގެ އުނގުން ނޫހު ފޭބީ މަންމަ ރުޅި އައީކަމަށް ހީކޮށެވެ.
" ކީއްތަވީ ؟ "
އަނެއްކާވެސް ނަދާ އެހިއެވެ. ނަމަވެސް ނަދާގެ ސުވާލަށް ޖަވާބެއް ނުދީ އުޝާ ހިނގައިގަތީ ނޫޙު ގޮވައިގެން ކޮޓަރިއަށް ދާށެވެ. އޭރުވެސް ޒައިން އިނީ އެ އިންގޮތަށެވެ. ނުހަނު ދެރަވެފައެވެ.
" ކީއްވެތަ އުޝާ އެ ރޮނީ؟ އަހަންނަށް ކަމެއް ސިއްރު ކުރަނީތަ ޒައިން؟" ގޮނޑިއެއް ދަމާލުމަށްފަހު ނަދާ އިށީނެވެ.
" ނޫން.. އަހަރެން ކޮން ކަމެއް ސިއްރު ކުރާނީ؟ ނޫހު ބައްޕަ ނައިސްގެން އަބަދު އަހާތީ އެކަމާ އުޝާ ދެރަވެފައި އެހުރީ.. އިތުރު ކަމެއް ނުވެ މިތާކު! " ޒައިން އަވަސް އަވަހަށް ތެދުވީ، ދެން ނަދާ ކުރާނެ ސުވާލެއް ނޭނގޭތީއެވެ. އެއީ އޭނާ ކޮއްލާ ސުވާލުތަކުން ، ދޭނެ ޖަވާބެއް ނޭނގިފައިވެސް ހުންނަން ޖެހިދާނެތީއެވެ.
" ދެން ނުކައިތަ ދަނީ؟ " ނަދާ ތަންކޮޅެއް ބާރަށް ގޮވާލިއެވެ.
" ހޫމް.. މާނިޙް ކޮފީއަކަށް އަންނަން ބުނެފަ އޮތީމަ މިދަނީ! " ޒައިން ބުނެލިއެވެ.
" ނުދެވޭނެ! ދެންމެ ތިއައީ މަސައްކަތު ގޮސް! ދެން އަހަރެމެންނަށް ދޭންޖެހޭ ވަގުތެއް ނޯވޭތަ؟ "
ނަދާގެ ހަރު އަޑުން ޒައިންގެ ކަންފަތަށްވެސް އުނދަގޫވިއެވެ. ޒައިން އެނބުރި އައިސް ނަދާގެ ކުރިމަތީގައި ހުއްޓި ވާހަކަ ދައްކަން ފެށިއެވެ. ކިތަންމެ ރުޅި ގަދަވެފައި ހުރި ނަމަވެސް ޒައިން ވާހަކަ ދެއްކީ މަޑުންނެވެ.
" ކިތައް ފަހަރު ބުނާނީ ތިހާ ބާރަށް އަހަންނާ ވާހަކަ ނުދައްކާށޭ! ތިފާޑަށް ވާހަކަ ދައްކާއަޑު ޒަޔާއަށް އިއްވާކަށް އަހަރެން ބޭނުމެއްނޫނޭ! ތިހާ ހަރުކަށިކޮށް ފިރިމީހާއާ ވާހަކަ ދައްކާނީ ވަރަށް ލަދުޙަޔާތްކުޑަ އަނބިން!"
ޒައިން އެހެން ބުނުމަށްފަހު ބާރުބާރަށް ނިކުންނަން ހިނގައިގަތެވެ. ޒައިންގެ ޖުމްލަތަކުން ނަދާ އިތުރަށް ރުޅިގަދަވި ނަމަވެސް އޭނާއަށް އެއްޗެއް ބުނަން ނުކެރުނީ ދުރުގައި ބަލަހައްޓައިގެން ހުރި އަމީރާ ފެނުމުންނެވެ.
" މަންމަމެންނަށް އިވޭ! ފެނޭ! އެކަމަކުވެސް އެއްޗެއް ނުބުނަން މިތިބެނީ ތި ދެކުދިންގެ މައްސަލަތަކުގެ ތެރެއަށް ވަންނަން ބޭނުން ނުވާތީ! ކުއްވެރި ކުރާނީ ކޮން ކުއްޖެއް ކަމެއް މަންމައަކަށް ނޭނގެ! ޒައިންއާ ކައިވެނި ކުރި ހިސާބުން ފެށިގެން، ނަދާއަކީވެސް މަންމަމެންގެ އަމިއްލަ ދަރިއަކަށް ހެދިން! މިއަދުވެސް ހަމަ އެ ނަޒަރުން ދެކެމުން މިއަންނަނީ!"
ވާހަކަ ދައްކަމުން އައިސް އަމީރާ ނަދާގެ ކުރިމަތީގައި ހުއްޓުނެވެ. ގަތް ލަދުން ނަދާއަށް އިސްޖަހާލެވުނީ ބޭއިޙްތިޔާރުގައެވެ.
" ޒައިން އެބުނީވެސް ދޮގު ވާހަކައެއްނޫން! ފިރިމީހާއާ ރީތިކޮށް ވާހަކަ ދައްކަން ޖެހޭނީ! ހަމަ އެގޮތަށް ފިރިމީހާވެސް ޖެހޭނީ ތިމާގެ އަނބިމީހާއާ ރީތިކޮށް ވާހަކަ ދައްކަން.. ނަދާ ދުވަހަކުވެސް އަޑު އެހިންތަ މަންމައާ ބައްޕަ ތިގޮތަށް ޒުވާބު ކުރާތަން؟ ނުފެންނާނެ! ހަރުކަށިކޮށް ވާހަކަ ދައްކާ އަޑެއްވެސް ހަމަ ޔަޤީން ނީވޭނެ! އެކަމުގެ ނަތީޖާއަކީ މިއަދު ކައިވެންޏަށް ތިރީސް ފަސް އަހަރު ވަންދެން ދެމީހުންނަށް އެކުގައި މި ތިބެވުނީ! ދަރިން ލިބުނީމަ އަމުދުން ޒިންމާދާރު ވާންޖެހޭނެ! "
ނަދާ ބޯ ޖަހާލުމުން އަމީރާ ވަރަށް ފުން ނަޒަރަކުން ނަދާއަށް ބަލާލަމުން އޭނާގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. އަމީރާ ގޮސް ކޮޓަރިއަށް ވަނުމާއެކު ނަދާގެ ހިތުތެރޭގައި ކޮންޓްރޯލްކޮށްގެން ހުރި ރުޅިގަނޑު ފަޅައިގެން ދިޔައެވެ.
" ޖިންމާޖާރު! ހުއް! "
އަނގަޔަށް ވައްތަރެއް ޖައްސާލަމުން ނަދާ ބުނެލީ ރުޅި އައިސްގެންނެވެ. އަދި ބާރު ފިޔަވަޅުތަކުގައި ގޮސް ސިޑިން އަރައިގެން ދިޔައެވެ.
****
ނޫޙު ބޮޑުވަމުން އަންނަ ވަރަކަށް އިތުރު ސުވާލުތައް އުޝާއާ ކުރިމަތިވާނެކަން އޭނާއަށް އެނގެއެވެ. އެކަމުގެ ހިތްދަތިކަން އުފުލަން މިޖެހެނީ ޚުދު އުޝާއަށެވެ.ނޫޙު ކޮށްލާނެ ސުވާލެއް ނޭނގޭތީ އަބަދުވެސް އުޝާއަށް ހުންނަން ޖެހެނީ ބިރުގަނެފައެވެ. ކޮންމެ ރެޔަކު، ނުނިދިފައި އޮންނަން ޖެހެނީ އެކަމާ ފިކުރުކުރާށެވެ. އުޝާގެ ކޮންމެ ދުވަހަކީވެސް އެފަދައިން ނިމިގެންދާ ދުވަސްތަކެވެ. ނިދާފައި އޮތް ނޫޙުގެ ބުރަކަށީގައި ފިރުމާލަ ފިރުމާލަ އޮތް އުޝާ ސިހުނީ ފޯނަށް ލިބުނު މެސެޖެއްގެ އެލާރޓުންނެވެ. ވައިބަރ ހުޅުވާލުމާއެކު އޭނާއަށް ލިބުނީ އިތުރު ސިހުމެކެވެ. އަވަސް އަވަހަށް ތެދުވެ، އެނދުގެ ހެޑްބޯޑުގައި ލެނގިލުމަށްފަހު ފަރުވާތެރިކަމާއެކު މެސެޖަށް ބަލާލެވުނެވެ.
" މާނިޙް ވެޑްސް ރާދާ؟ "
ލިބުނީ މާނިޙްގެ ކައިވެނީގެ ދަޢުވަތު ކާޑެވެ. ދެލޯމަރާލަމުން އޭނާއަށް ދެފަހަރަކު ހެޑްބޯޑުގައި ބޯ ޖަހާލެވުނެވެ. މާނިޙްވެސް އުޝާއަށް އިންތިޒާރުކޮށްކޮށް ވަރުބަލިވީކަން އޭނާއަށް އެނގުނެވެ. އުޝާގެ ލޯބި ކާމިޔާބު ނުވުމުން މާނިޙްވެސް ޙަޔާތެއް ފެށީކަމުގައި ޤަބޫލުކުރެވުނެވެ. އުޝާއަށް އަނެއްކާވެސް ދަޢުވަތު ކާޑަށް ބަލާލެވުނެވެ. އެއަށްފަހު ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އުޝާ ހަމަޖެހިލިއެވެ.
ޖެހިގެން އައި ދުވަހެވެ. ނޫޙު ހޭލުމުގެ ކުރިން އުޝާ ބަދިގެއަށް އައެވެ. އޭރު އެންމެންވެސް ތިބީ ކާމޭޒު ކައިރީގައެވެ.
" އުޝާ އަވަހަށް ތައްޔާރުވައްޗޭ! ކުދިންކޮޅު ހޭލީމަ އަވަހަށް ކާންދީ ހަދާތި އިނގޭ!"
އަމީރާ އެބުނީ ޕާރޓީއަށް ދާންކަން އުޝާއަށް އެނގުނެވެ. ދާން ބޭނުން ނުވިޔަސް އެހެންވެސް ބުނާކަށް އޭނާއަކަށް ނުކެރުނެވެ.
" ކުރިންވީ ކަންތައް މިހާރު މާނިޙްވެސް ހަނދާނެއް ނުހުންނާނެ! އޭނައަށް ލިބޭ އުފަލުގައި ބައިވެރިވެލީމަ ހިތްހަމަ ނުޖެހުމެއް އުޅުނަސް އެކަން ފިލައިގެން ހިނގައިދާނެ! "
އުޝާގެ މޫނުމަތީގެ ކުލަވަރު ހުރި ގޮތުން އޭނާ އެތަނަށް ދާން ބޭނުން ނުވާހެން ހީވެގެން އަމީރާ އަވަސް އަވަހަށް ބުނެލިއެވެ. އޭނާ އެހެން ބުނުމާއެކު އުޝާ ހިނިތުންވެލިއެވެ.
" މައްސަލައަކީ އުޝާ އެފުރުޞަތު ދޫކޮށްލީމަ! މާނިޙްއަކީ އަހަރެމެން އެންމެންވެސް ދަންނަ މީހެއް! އެކުއްޖާއާ މެރީކޮށްގެން އޭނަ އުޅެނީވެސް ފްލެޓެއް ގަނެލައިގެންނޭބުނީ.. ދޯ ޒައިން! އުޝާ އަސްލު ވަރަށް ނުވިސްނާ ކުރިކަމެއް އެއީ!" ނަދާ ބޭނުންވީ އިތުރަށް އެވާހަކަ އާކޮށްލާށެވެ. ކަންތައްވީވެސް ނަދާ ބޭނުންވާ ގޮތަށެވެ. ނަދާގެ ޖުމްލައިގެ ސަބަބުން އުޝާގެ މޫޑް އެއްކޮށް ބަދަލުވެގެން ދިޔައެވެ.
" މަންމަވެސް އެބުނީ ދެން އެވާހަކަ ނުދައްކަން! އަހަރެންވެސް ދެން ބޭނުމެއް ނޫން އަބަދު އެވާހަކަ މިގޭތެރޭގަ ދައްކާކަށް! އަހަންނާ މާނިޙްއާ ދެމެދު އެއްވެސް އިރެއްގަ އެއްވެސް ގުޅުމެއް ނޯންނާނެ! ކައިވެންޏަށް އެދުނީމަ އަހަރެން ނޫނެކޭ ބުނީ! އެހިސާބުން އެކަންތައް ނިމިއްޖެ! ދެން އަހަންނަކަށް ހިއެއްނުވެ އަލުން އެވާހަކަ އާކުރަން ޖެހޭނެ ހެންނެއް! "
މީގެ ކުރިން ނަދާއާ ދިމާލަށް އުޝާ އެމޭރުމުން ވާހަކަ ދައްކާފައެއްނުވެއެވެ. މިއަދު އުޝާގެ ރާގުގައިވެސްވަނީ ރުޅިވެރިކަމެވެ.އެންމެންގެ ތެރޭގައި އެގޮތަށް އޭނާ ދުވަހަކުވެސް ވާހަކައެއް ނުދައްކައެވެ. އެހެންކަމުން ނަދާގެ ވާހަކަތަކުން އުޝާއަށް ވަރަށް ބޮޑަށް އަސަރުކޮށްފިކަން ޒައިންއަށް ފާހަގަ ކުރެވުނެވެ.
" އައްދޭ! އަހަރެން ކޮންމެހެން އެވާހަކަ އާކުރަން ދެއްކި ވާހަކައެއް ނޫނޭ އެއީ! ހާދަ ވަރުތަކެއްތިވީ! " އައި ރުޅީގައި ނަދާވެސް އޭނާގެ ރަސްމީ ރާގުގައި އުޝާއަށް އެތިވަރު ގޮވަން ފެށިއެވެ.
" ނަދާ! ނަދާ! ދެން ހުއްޓާލަބަލަ! " ޒައިން ނަދާގެ އަތުގައި ހިފަހައްޓަމުން ނަދާ ހުއްޓުވަން މަސައްކަތްކުރިއެވެ.
" އަދިވެސް މަތަ ހުއްޓަންވީ؟ އަހަރެން ކިހާ ރީތިިކޮށް ވާހަކަ ދެއްކީ؟ ޒައިންއަށްވެސް މަންމައަށްވެސް އަދި ބައްޕައަށްވެސް އަބަދުވެސް މޮޅުވާނީ އުޝާ! އޭނަ ހީވަނީ މިގޭ ރާނީހެން.. އަބަދުވެސް އަހަރެން ގޯސްވާނީ! ބައެއް ފަހަރު ހީވޭ އަހަންނަކީ ދުރުހިލޭ މީހެކޭ! މަންމަމެންވެސް ޒަޔާއަށްވުރެ ބޮޑަށް ނޫޙުއަށް ސަމާލުކަންދޭ! އޭނައަށް އަޅާލާ! އެއީ މި އާއިލާއާ އެއްވެސް ގުޅުމެއް ހުރި ކުއްޖެއް ނޫން! އެކަމަކު ޒައިންވެސް އަބަދުވެސް އުޅެނީ ޒަޔާއާ ނޫޙު ހަމަހަމަކުރަން.. ހީވަނީ އެއީ މީނަގެ ދެދަރިންހެން. ޒަޔާއަށް އަގުބޮޑު އެއްޗެއް ގަތިއްޔާ ނޫޙުއަށްވެސް ގަންނަންޖެހޭ! މިހާރު އެހެންނެއް ނޫޅެވޭނެ! "
އަޑުހަރުކޮށް ވާހަކަ ދައްކަމުން ދިޔަ ނަދާއަށް ވާހަކަ ދެއްކުން ހުއްޓާލަން ޖެހުނީ، އޭނާގެ ކޯތާފަތްމަތީގައި ހޫނު އެތިފަހަރެއް ޒައިން ވިހެލުމުންނެވެ.
" އާހް! ޒައިން...."
ދުވެފައި އައިސް އަމީރާ ނަދާގެ ގައިގައި ހިފަހައްޓަމުން ރުޅިވެރިކަމާއެކު ޒައިންއަށް ބަލާލިއެވެ.
" އަތް އިސްކުރުމަކީ ވަރަށް ބޮޑު ގޯހެއް ޒައިން! "
ރޮމުން ދިޔަ ނަދާއަށް ބަލަން ހުރެ، ފަހުމީ ބުނެލިއެވެ. އޭރު ފަހުމީއަށްވެސް ހުރެވުނީ ކޮޅަށް ތެދުވެއެވެ. ގޮނޑީގައި އިނީ އުޝާ އެކަންޏެވެ. އިސްޖަހައިގެން އިން ގޮތަށް އުޝާއަށްވެސް އިނދެވުނީއެވެ.
" ދައްކަންޖެހޭ ވާހަކައާ ދައްކަން ނުޖެހޭ ވާހަކަ މީނައަށް މިހާރު އެނގެން ޖެހޭނެ! މީނަ ގޮވައިގެން މިގޭތެރޭގަ އުޅެންވެސް މަ މިހާރު ލަދުގަނޭ! މީ އެކަމު ލަދުގަންނަންވެސް އެނގޭ މީހެއް ނޫން! "
ރުޅި އައިސްފައި ހުރި ވަރުން ޒައިންގެ ދެލޮލުން ފެންތައް ފައިބަމުންދެއެވެ.
" އަދިވެސް ޖަހާ! މަރާލާ! " އަމީރާގެ އަތް ފޮޅުވާލުމަށްފަހު ނަދާ ގޮސް ހިފީ ޒައިންގެ ގަމީހުގައެވެ.
" ތީހަމަ ނަދާގެ ފެންވަރަކީ! އެއްޗެއް ބުނާއިރަށް މީނަވެސް ގަޔަށް ބޮލަށް އަރާނެ! މި މީހަކާ ޖެހުނުފަހުން އަހަރެންގެ މުޅި ދިރިއުޅުން ހަލާކުވެއްޖޭ! ދޫކުރޭ މަގޭ ގައިން.."
ބާރުބާރަށް ނަދާގެ އަތުގައި ހިފާ ލުތްކެއް ޖަހަމުން ޒައިން ނަދާ ދުރަށް ކޮއްޕާލިއެވެ. އެއާއެކު ފަހުމީ ޒައިންގެ އަތުގައި ހިފަައިގެން ސިޓިންގރޫމާ ދިމާލަށް ގެންދިޔައެވެ.
" ހުރިހާ ނުބައެއް ހަދަނީ މިއިން އަންހެން މީހާ! ފުރަތަމަ އުޅުނީ ޒައިންއާ އަޅައިގަނެގެން ޒައިން ލަންބުވާލަން! އެކަން ކާމިޔާބު ނުވީމަ ދެން މިހާރު އެއުޅެނީ ނަހަލާލަށް ވިހާފަ ހުރި ދަރިލައްވާ ޒައިންއަށް ބައްޕަ ކިޔުއްވަން! މީނަ މިގޭން ނެރުނީމަ ނޫނީ އަހަރެމެންނަށް ހިތްހަމަޖެހުމެއް ނުލިބޭނެ މަންމާ!"
ނަދާ، ހުރިހާ ތުޙުމަތެއް އެޅުވީ އުޝާގެ ބޮލުގައެވެ. ޙަޤީޤަތް ނޭނގި ނަމަވެސް އޭނާގެ ހިތުގައިވާ ޝައްކުތައް އެއްފަހަރާ ބޭރުކޮށްލީ ރޮމުންނެވެ.
އަމީރާވެސް އޭރު މަސައްކަތް ކުރަމުން ދިޔައީ ނަދާ ދުރަށް ގެންދެވޭތޯއެވެ. އަމީރާގެ އަތް ފޮޅުވާލުމަށްފަހު ނަދާ ދުވެފައި ސިޑިން އަރައިގެން ދިޔައެވެ. ނަދާ ދިޔުމާއެކު އަމީރާ ބަލާލީ އުޝާއަށެވެ. އޭރު އުޝާއަށްވެސް އިނދެވުނީ އަމީރާއަށް ބަލަހައްޓައިގެންނެވެ.
" އަހަރެން ނޫޅެން ނޫޙުލައްވާ ޒައިންއަށް ބައްޕަ ކިޔުއްވާކަށް! އަދި ޒައިންއާ ނަދާގެ ދިރިއުޅުމަށް ވަންނާކަށްވެސް އަހަރެން މަސައްކަތެއް ނުކުރަން! އަހަރެން ތަޙައްމަލް ކުރަމުންދާ ހިތްދަތިކަމެއް އެއްވެސް މީހަކަށް އިޙްސާސެއް ނުކުރެވޭނެ! މަންމާ! ދެން އަހަރެން ހިފަހައްޓަން މަސައްކަތް ނުކުރޭ! އަހަރެން މިގެއިން ދިޔަދީ!"
އުޝާ އެހެން ބުނުމާއެކު އަމީރާ މަޑުމަޑުން ގޮސް ހިފީ އުޝާގެ އަތުގައެވެ. އެއަށްފަހު އޭނާ ގޮވައިގެން ސިޓިންގރޫމަށް ދިޔައެވެ.
" ތީ ވަރަށް ހުތުރުކަމެކޭ! "
އުޝާއާއެކު ގޮސް ސިޓިންގރޫމުގައި ހުއްޓުމާއެކު އިވުނީ ރުންކުރު ގޮތަކަށް ފަހުމީ ޒައިންއާ ވާހަކަ ދައްކާ އަޑެވެ.
" ފަހުމީ! އުޝާ ދެން މިގޭގަ މަޑުކުރާކަށް ބޭނުމެއްނުވޭ! އޭނަ މިގެއިން ދާން ހުއްދައަށް އެދިއްޖެ! "
އަމީރާ ސޯފާގައި އިށީން އިރުގައިވެސް ކިޔަމަންތެރިކަމާއެކު އިސްޖަހާލައިގެން އުޝާ ހުރީ ކޮޅަށެވެ. ޒައިންއަށްވެސް އިނދެވުނީ އުޝާއަށް ބަލަހައްޓައިގެންނެވެ.
" ތެދެއް ބައްޕާ! އަހަންނާހެދި ޒައިންއާ ނަދާ މައްސަލަޖެހޭކަށް ބޭނުމެއްނޫން! އަދި މި ޢާއިލާގެ މަސްލަޙަތު ގެއްލޭކަށްވެސް ބޭނުމެއްނޫން! "
އުޝާއަށް ވާހަކަ ދެއްކުނީ ރޮވެމުންނެވެ.
" އަހަރެން މީގެ ކުރިންވެސް މަޑުކުރީ މަންމަމެންގެ އެދުމަށް! އެކަމަކު.. މިހާރު އަހަރެންގެ ބޮލުގައި އެކި ތުޙުމަތުތައް އެ އަޅުވަނީ! އަހަރެން ދެން ބޭނުމެއްނޫން މިގޭގަ ހުންނާކަށް! "
އަނެއްކާވެސް އުޝާ ބުނެލިއެވެ. ބުނާނެ އެއްޗެއް ނޭނގި އިން ފަހުމީއަށް އަމީރާއާ ދިމާލަށް ބަލާލެވުނެވެ. އެއާއެކު އަމީރާ ބޯޖަހާލީ އެކަމަށް ހުއްދަ ދިނުމަށްޓަކައެވެ.
" ދަރިފުޅު ދާނެ ވަކި ތަނެއް އެބަހުރިތަ؟": ފަހުމީ އަހާލީ އޯގާތެރިކަމާއެކުއެވެ. އެއާއެކު ނޫނެކޭ ބުނުމުގެ ގޮތުން އުޝާއަށް ބޯޖަހާލެވުނެވެ.
" އުޝާއަކަށް މިގެއަކުން ނުދެވޭނެ! އަހަރެންގެ ދަރިފުޅު އަހަންނާ ދުރަށް ފޮނުވާކަށް ބޭނުމެއްނޫން! "
ކުއްލިއަކަށް ޒައިން އެހެން ބުނުމާއެކު އުޝާއަށް ސިހުން ލިބުނެވެ. ދެލޯ ބޮޑުކޮށްގެން ހުރެ އުޝާއަށް ބަލާލެވުނީ އަމީރާއާ ފަހުމީއަށެވެ. އެމީހުންގެ ކުރިމަތީގައި ޒައިން އެފަދައިން ވާހަކަ ދައްކަފާނެކަމަށް ފަހަރެއްގައިވެސް އުޝާ ހިއެއް ނުކުރެއެވެ. ބިރުގަނެފައި ހުރެ އުޝާ އަމީރާއަށް ބަލަން ހުރުމުން އަމީރާ ދެލޯ މަރާލަމުން ބޯ ޖަހާލީ އޭނާއަށް އެކަންތައްތައް ކުރިންވެސް އެނގެޔޭ ބުނާފަދަ ގޮތަކަށެވެ.
" ނޫޙުއަކީ ޒައިންގެ ދަރިއެއްކަން މަންމަމެންނަށް އެނގޭތީ، އުޝާ އެހެން މީހަކާ އިންނަން އޭރު މަންމައަށް އެއްބަސް ނުވެވުނީ! ޒައިންއާ ނޫޙު ދުރުކުރަންވެސް ބޭނުމެއްނޫން! އަދި ނޫޙުއަށް ދެރައެއް ލިބޭކަށްވެސް ބޭނުމެއްނޫން! "
އަމީރާ އެފަދައިން ވާހަކަ ދައްކަން ފެށުމުން އުޝާއަކަށް މަޑަކުން ނުހުރެވުނެވެ.
" އަހަރެން އަބަދުވެސް މަންމައާ ބައްޕައަށް ޤަދަރުކުރަން! އިޙްތިރާމްކުރަން! އެކަމަކު މަންމަ ތި ދައްކާ ވާހަކަތަކުން އަހަންނަށް ވަރަށް އަސަރުކޮށްފި! މިއަދު އަހަރެން ވަރަށް ދެރަވެއްޖެ! މަންމަމެން ވިސްނީ އަހަންނާމެދުއެއް ނޫން! އެދުވަހު މަންމަމެން ވިސްނީ ހަމައެކަނި ނޫޙުއަށް! އެންމެ ރަނގަޅު! އަހަރެން ސުވާލެއްކޮށްލަންތަ؟ އެގޮތަށް ކަންތައް ކުރީމަ، ނޫޙުގެ ބައްޕަގެ ލޯބި ނޫޙުއަށް ލިބުނުތަ؟ ނޫޙުއަށް އެކަމުގެ ސަބަބުން ލިބުނީ ކޮން އުފަލެއްތަ މަންމާ؟ ނޫޙުއަށް އެދުވަހުން ފެށިގެން މިއަދާ ހަމައަށް މަންމަމެން ތިބުނާ ލޯބި ލިބުނު ނަމަ މިއަދު އެ ތުއްތު ކުއްޖާ އަހަންނަށް އެ ސުވާލުތަކެއް ނުކުރީސް! ބައްޕައެއް ނުހޯދީސް.."
އެންމެ ފަހު ޖުމްލަ އޭނާ ބޭރުކޮށްލީ ފުން ނަޒަރަކުން ޒައިންއަށް ބަލާލަމުންނެވެ. އެއާއެކު ޒައިންއަށް ހިންދިރުވާލެވުނެވެ.
( ނުނިމޭ )
ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (29)
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!