ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލާގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ޤާސިމް އިބްރާހިމް، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ސިޓީއެއް މިއަދު ފޮނުއްވައިފިއެވެ.

ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލާގައި ރާއްޖެ ގަޑިން މިއަދު 14:00 ގައި އިޓްލޮސްގެ ނިންމުން ހާމަކުރާނެއެވެ.

Ad
rt

އިޓްލޮސްއަށް ގާސިމް މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، އެސިޓީފުޅަކީ، ޗާގޯސް މައްސަލާގައި ދިވެހި ސަރުކާރުން ޒަމާނުއްސުރެ ގެންގުޅެމުން އައި ސްޓޭންޑް ކުއްލިއަކަށް ބަދަލުކުރުމާއި ގުޅިގެން، ދިވެހިރާއްޖޭގެ ހާއްޞަ އިގްތިސާދީ ސަރަހައްދުން ބައެއް އުނިވުމުގެ ކަންބޮޑުވުން އޮތުމުން ފޮނުވި ސިޓީއެއް ކަމަށެވެ.

މީގެ އިތުރުން މި ސިޓީ ފޮނުއްވީ، މި މައްސަލާގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅާއި، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 3 ވަނަ މާއްދާއާ ފުށުއެރުންތަކެއް ހުރިކަމަށް ޤަބޫލު ކުރެވޭތީ، މިމައްސަލާގައި ދިވެހި ދައުލަތާއި ރައްޔިތުންގެ ހައްގުތައް އެންމެ ފުރިހަމައަށް ހިމާޔަތް ކުރުމުގެ ނިޔަތުގައި ކަމަށް ވިދާޅުވެފަވެއެވެ.

އެ މައްސަލައިގައި ރާއްޖޭގެ ސަރުކާރުން ޢަމަލު ކުރި ގޮތާ މެދު ގާނޫނީ ހައިސިއްޔަތެއް ނެތްކަމަށާއި، އަދި އެފަދަ ނިންމުމެއް ނިންމޭނީ ރައްޔިތުންގެ މަޖިލީހުން ވެސް ފާސްކޮށްގެން ކަމަށް އެ ސިޓީގައި ވިދާޅުވެފަ ވެއެވެ. އަދި ސަރުކާރުގެ ނިންމުމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމާއި ކަނޑުގެ ދިރުންތަކަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށާއި، އަދި އިޓްލޮސްއިން އެ މައްސަލައިގައި ގޮތެއް ނިންމުން ފަސްކުރުމަށް އެ ސިޓީގައި ވަނީ ގޮވާލައިފައެވެ.

މި މައްސަލާގައި ސަރުކާރުން ވިދާޅުވަމުން އަންނަނީ، ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ އިން ވަކި ކުރުމުގެ މައްސަލައިގައި ދިވެހި ސަރުކާރުން ގެންގުޅެމުން އައި ސިޔާސަތު އެއްވެސް އިރެއްގައި ދިވެހި ސަރުކާރުން ބަދަލުކޮށްފައެއް ނުވާނެކަމަށެވެެ.