އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކަށް ވާދަކުރަމުން އަންނަ މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ކުޅުނު މެޗު އެއްވަރުވުމުން، ގަދަ ހަތަރެއްގައި ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ނިއުކާސަލަށް އޭގެ ފައިދާ ކޮށްފިއެވެ.
ރޭ އަމިއްލަ ދަނޑުގައި ޓޮޓެންހަމުން ވަނީ ފުރަތަމަ ހާފުގައި އެ ޓީމް ކޮޅަށް ޔުނައިޓެޑުން ދެ ލަނޑު ޖަހާފައި ވަނިކޮށް ފަހަތުން އަރައި ދެ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ.
މި މެޗުގެ ވަރަށް ކުރީކޮޅު ޔުނައިޓެޑުން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު 7 ވަނަ މިނެޓުގައި ސަންޗޯ ކާމިޔާބު ކޮށްދިންއިރު، ޔުނައިޓެޑްގެ ދެވަނަ ލަނޑު 44 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ރަޝްފޯޑެވެ.
ޓޮޓެންހަމުން ދެ ލަނޑު ޖަހާފައި ވަނީ މެޗުގެ ދެވަނަ ހާފުގައެވެ. ފުރަތަމަ ލަނޑު 56 ވަނަ މިނެޓުގައި ޕެޑްރޯ ޕޮއްރޯ ކާމިޔާބުކޮށްދިންއިރު ނަތީޖާ ހަމަހަމަ ކުރި ލަނޑު 79 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ސޮން އެވެ.
ރޭ ނިއުކާސަލުން ވަނީ އެވަޓަންގެ ދަނޑުގައި އެ ޓީމް މައްޗަށް 4-1 ގެ ނަތީޖާއިން ކުރި ހޯދާފައެވެ.
ގަދަ ހަތަރެއްގެ ޖާގަ ހޯދައި އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ނިއުކާސަލުން ރޭ ލިބުނު މޮޅާއިއެކު ވަނީ ޕޮއިންޓް ތާވަލުގެ ތިންވަނާގައި ދެ ޕޮއިންޓްގެ ލީޑެއް ނަގާފައެވެ.
ކުޅުނު 32 މެޗުން ލިބުނު 62 ޕޮއިންޓާއިއެކު ނިއުކާސަލް ތިންވަނާގައި އޮތްއިރު، ހަތަރުވަނާގައި ޔުނައިޓެޑް އޮތީ ކުޅުނު 31 މެޗުން ލިބުނު 60 ޕޮއިންޓާއި އެކުގައެވެ. ފަސްވަނާގައި އޮތް ޓޮތެންހަމަށް ލިބިފައި ވަނީ 33 މެޗުން 54 ޕޮއިންޓެވެ.
ރޭ މެޗުގައި ނިއުކާސަލަށް ލަނޑުތައް ޖަހައިދީފައި ވަނީ ޖޮއެލިންޓަން، މާފީގެ އިތުރުން ވިލްސަންއެވެ. ވިލްސަން ވަނީ ރޭ މެޗުގައި ދެ ލަނޑު ޖަހާފައެވެ. އެވަޓަންއަށް ލަނޑު ޖަހައިދިނީ މެކްނެއިލް އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!