އަރަބިއްޔާ ސްކޫލުގެ މޫނުބުރުގާގެ މައްސަލައިގާ ކޯޓު އަމުރެއް ނުދިން މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމައިފިއެވެ.
އެ ސްކޫލުގެ ބެލެނިވެރިން ބުނީ މޫނު ކަޝްފުކޮށްގެން މުޖްތަމައުގެ ތެރެއަށް ނިކުންނަން ބޭނުން ނުވާ، އަރަބިއްޔާ ސްކޫލު ކުދިންނަށް، އެ ސުކޫލުން ދީފައިވާ ހުއްދައެއްގެ ދަށުން މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދެވޭގޮތަށް އޮއްވާ މޫނު ބުރުގާ އަޅައިގެން ސްކޫލަށް ނުދެވޭނެކަން ކުދިންނަށާއި ބެލެނިވެރިންނަށް އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.
އެހެންވެ، އެ ސްކޫލްގެ ބައެއް ބެލެނިވެރިންގެ ފަރާތުން މި މައްސަލަ ހުށަހަޅާފައި ވަނީ، ކުރީގެ ބަންޑާރަ ނައިބު އަދި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ ލޯފާމް "ރެހެންދި ޗޭމްބާސް އެލްއެލްޕީ" އިންނެވެ.
މި މައްސަލައިގައި އެދިފައިވަނީ، މައްސަލަ ވަކި ގޮތަކަށް ނިމެންދެން، އެ ސްކޫލުގެ ދަރިވަރުންނަށް މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދިޔުން މަނާ ނުކުރެވޭނެ ކަމަށް ވަގުތީ އަމުރެއް ނެރެދިނުމަށް ވަނީ އެދިފައެވެ.
އެހެންނަމަވެސް މިކަމާ ގުޅިގެން ސިވިލް ކޯޓުގައި ދައުލަތުގެ ފަރާތުން ބުނެފައި ވަނީ، ވަގުތީ އަމުރަށް އެދިފައިވާ އިރު، އިޖުރާއީ ކަންކަމުގެ ތެރޭގައި ވަގުތީ އަމުރަކަށް އެދޭ ފޯމުގައި ވަގުތީ އަމުރުގެ ބާވަތް ފާހަގަ ކޮށްފައި ނުވާ ކަމަށާއި އެ ފޯމާ އެކު ހެކިބަހުގެ ބަޔާން ހުށަހަޅާފައި ނުވާ ކަަމަށެވެ.
މީގެ އިތުރުން ދައުވާ ފޯމުގައި އަރަބިއްޔާ ސްކޫލުގެ ދަރިވަރުންގެ ތެރެއިން މޫނު ބުރުގާ އާ އެކު ސްކޫލަށް ދާތީ ސްކޫލަށް ދިޔުން މަނާކޮށްފައި ވަނީ ކޮން ދަރިވަރުންތަކަކަށް ކަމާއި އެއީ ކޮން ގްރޭޑެއްގައި އުޅޭ ދަރިވަރުންތަކެއް ކަން ވެސް ހާމަކޮށްފައި ނުވާ ކަމަށް ސިވިލް ކޯޓުން ބުނެއެވެ.
ހަމަމިއާއެކު ވަގުތީ އަމުރަށް އެދި ހުށަހެޅި ފޯމުގައި ވެސް އެ މައުލޫމާތު ހިމަނާފައި ނުވާ ކަމަށާއި އެހެންކަމުން ވަގުތީ އަމުރަކަށް އެދުމުގެ ހައިސިއްޔަތު ވެސް ގެއްލިފައިވާ ކަމަށް ކޯޓުން ވަނީ ބުނެފައެވެ. އަދި ދައުވާ ކުރި ފަރާތުން އެދުނު ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ބުނެ މި މައްސަލައިގެ ޝަރިއަތް ވަނީ ނިންމާލާފައެވެ.
"ރެހެންދި ޗޭމްބާސް އެލްއެލްޕީ" އިން ވަނީ މި މައްސަލަ ޖެންޑަރ މިނިސްޓްރީއަށް ވެސް ހުށަހަޅާފައެވެ.
މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއަށް ފޮނުއްވި ސިޓީގައި ތައުލީމު ލިބިގަތުމުގެ ހައްގަކީ އެއްވެސް ކުއްޖަކު އެ ހައްގަކުން މަހްރޫމް ކުރެވޭނެ ހައްގެއް ނޫން ކަމަށް ވަނީ ބުނެފައެވެ. އަދި ހުރިހާ ކުދިންނަށް ވެސް އެ ހައްގު އެންމެ އެދެވޭ ގޮތުގައި ލިބެމުންދާކަން ކަށަވަރު ކުރުމުގެ ޒިންމާ ގާނޫނު ބުނާ ގޮތުން ނަގަން ޖެހޭ އެންމެ މަތީ ފަރާތަކީ މިނިސްޓަރު ކަމަށް ވެސް ވަނީ ބުނެފައެވެ.
ދަރިވަރުން މޫނު ބުރުގާ އަޅާ މައްސަލަ ކުރިން ވެސް ފެންމަތިވެފައި އޮތުމުން އަރަބިއްޔާ ސްކޫލުން އެ މައްސަލާގައި އެޑިއުކޭޝަން މިނިސްޓްރީގެ ލަފައަށްވެސް އެދުނެވެ. ނަމަވެސް ސްކޫލުގެ ޑްރެސް ކޯޑުގެ ތެރޭގައި މޫނު ބުރުގާ ނުހިމެނޭ ކަމަށް ބުނެ މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދިޔުމަކީ މަނާ ކަމެއް ކަމަށް އެޑިއުކޭޝަނުން އަންގާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!