ހދ. ހަނިމާދޫން ގެވަޅު ދޫކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމަށް، ކުރިއަށް އޮތް އެ ކައުންސިލުގެ އާންމު ބައްދަލުވުމަށް އެޖެންޑާ ކޮށްފިއެވެ.

ލޭންޑް ޔޫސް ޕްލޭނުގައި ހަނިމާދޫއިން ގެވަޅު ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުން ދޫކުރެވެން ހުރި މިންވަރަށް ގެވަޅު ދޫކުރުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުމަށް، މި މަހު 19 ވަނަ ދުވަހު އޮންނަ އެ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 88 ވަނަ އާންމު ބައްދަލުވުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.

Ad
d

ހަނިމާދޫއިން މީހުން ދިރިއުޅުމަށް ގެވަޅު ދޫނުކުރާތާ ބާރަ އަހަރަށް ފަހު މިހާރު އޮތް ކައުންސިލުން ވަނީ މި އަހަރުގެ ޖަނަވަރީ މަސް ތެރޭ ހަނިމާދޫއިން 3000 އަކަފޫޓުގެ 200 ގެވަޅު ދޫކޮށްފައެވެ.

ހަނިމާދޫން ގެވަޅު ދޫކުރުމާއި ގުޅޭގޮތުން މި ނޫހަށް މަޢުލޫމާތު ހިއްސާ ކުރައްވަމުން ހަނިމާދޫ ކައުންސިލުގެ ނައިބް ރައީސް ފިރާޤް މުޙައްމަދު ވިދާޅުވެފައި ވަނީ އެންމެ ފަހުން މި އަހަރު ޖަނަވަރީ މަހު އެ ކައުންސިލުން ދޫކުރި 200 ގެވަޅަށް ފޯމް ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގެ ދަށުން 600 އަށް ވުރެ ގިނަ ފޯމް ހުށަހަޅާފައިވާ ކަމަށާއި، އޭގެން ހާމަވަނީ ހަނިމާދޫގައި އަދިވެސް ގެވަޅަށް ޝަރުތު ހަމަވާ ގިނަބަޔަކު ތިބިކަމެވެ. ވުމާއެކު ހަނިމާދޫއިން ގެވަޅު ބޭނުންވާ ޝަރުތު ހަމަވާ ވީހާވެސް ގިނަ ފަރާތްތަކަށް ގެވަޅު ދޫކޮށް ބޯހިޔާވަހިކަން ފަހިކޮށް ދިނުމަކީ އެ ކައުންސިލުގެ އުންމީދެއް ކަމަށެވެ.

ފިރާޤް އިތުރަށް ވިދާޅުވެފައި ވަނީ ކައުންސިލުގެ ބައްދަލުވުމުން މިކަން ފާސްވެއްޖެނަމަ އެންމެ ފަހުން ދޫކުރި 200 ގެވަޅު ދޫކުރުމަށް ހޭދަވީ މުއްދަތާއި އުފުލަން ޖެހުނު ތަކުލީފް މިފަހަރު އުފުލަން ނުޖެހޭނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށާއި، އެހެންވެއްޖެނަމަ ލަސްތަކެއް ނުވެ މި މަސައްކަތްފަށައި އެކަށީގެންވާ މުއްދަތެއްގެ ތެރޭ ގެވަޅުތައް ދޫކުރެވޭނެ ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ.

ހަނިމާދޫއަކީ މިހާރު ވެސް ބިމުގެ ޑިމާންޑް ބޮޑު ރަށެކެވެ. ރާއްޖޭގެ އުތުރުގައި ތަރައްޤީ ކުރާ އެންމެ ބޮޑު އެއާޕޯޓް ހަނިމާދޫގައި މިހާރު ތަރައްޤީ ކުރަމުން އަނަނައިރު، އެ އެއާޕޯޓްގެ މަސައްކަތްނިމި ބޭނުން ކުރަން ފެށުމާއިއެކު ހަނިމާދޫގެ ބިންތަކަށް ޑިމާންޑް މިހާރަށް ވުރެ ބޮޑުވާނެއެވެ.

Ad
df

ހަނިމާދޫގައި މިހާރު ލޯކަލް ޓްއަރިޒްމް ބާރު ދުވެލީގައި އަންނަނީ ކުރި އަރަމުންނެވެ. އެ ރަށުގައި ސިޓީ ހޮޓަލެއް މިހާރު އޮޕަރޭޓް ކުރަމުން އަންނައިރު ގެސްޓް ހައުސްތައް ވެސް އަންނަނީ ހިންގަމުންނެވެ.