ކ. ތުލުސްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް މިއަދު ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން މިއަދު ވިދާޅުވީ، ތުލުސްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑްއާ މިއަދު ހަވާލުކޮށްފައިވާ ކަމަށެވެ.
މި މަޝްރޫއުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝަނާ ފާރޫޤްއެވެ. އަދި ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޒަމީރުއެވެ.
މި މަޝްރޫއުގެ ދަށުން 170 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓެއް ހަދަން ނިންމާފައިވާއިރު، އެރަށު އިރުމަތީ ފަރާތުގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމަށް 70 މީޓަރުގެ ބޮޑުހިލައިގެ 6 ބްރޭކްވޯޓާއަކާއި 50 މީޓަރުގެ ބޮޑުހިލައިގެ 2 ވައި-ގްރޮއިން ވެސް ޖަހާނެއެވެ. އަދި އެރަށު ގޮނޑުދޮށް ވެލިން މުއްސަނދިކުމުގެ މަސައްކަތް ވެސް ކުރާނެއެވެ.
36،123،485.49 ރުފިޔާ ޚަރަދުވާ މި މަޝްރޫޢޫގެ މަސައްކަތް ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!