ހުޅުމާލޭ ހޮސްޕިޓަލުން ޑައިލެސިސްގެ ޚިދުމަތް 24 ގަޑިއިރު ދޭން ފަށައިފިއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމް އަށް މައުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލުގެ ޑިރެކްޓަރ ޕަބްލިކް ރިލޭޝަންސް، ޢަބްދުﷲ މަޢުރޫފް ވިދާޅުވީ މިގޮތަށް ނިންމީ ޑައިލިސިސްގެ ޚިދުމަތް ހޯދުމަށް އެދޭ މީހުންގެ ޢަދަދު އިތުރުވަމުންދާތީ ކަމަށެވެ.

Ad
rt

ޑައިލިސިސްގެ ޚިދުމަތަކީ ވަރަށް ގިނަ މީހުން ޚިދުމަތް ހޯދަމުން އަންނަ ޚިދުމަތެއް ކަމަށާއި ވަރަށް ޚާއްސަ އިސްކަމެއް ދީގެން މިދާއިރާ ފުޅާކުރެވޭތޯ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މިވޭތުވެދިޔަތާ ކުރެވުނު މަސައްކަތުން ވޯޑު އިތުރަށް ފުޅާކޮށް މިހާރު ހުރިހާ ވަގުތެއްގައި ވެސް ޚިދުމަތް ދެވޭގޮތަށް ހަދާފައިވާ ކަމަށް ވެސް މަޢުރޫފް ވިދާޅުވިއެވެ.

އެ ހޮސްޕިޓަލުން ބުނީ ކޮންމެ ދުވަހަކުވެސް 4 ސެޝަނެއްގައި ޑައިލިސިސްގެ ޚިދުމަތްދޭ ކަަމަށާއި މިއިން ކޮންމެ ސެޝަނެއްގައި ވެސް 8 ނުވަތަ 9 ޕޭޝަންޓުން ކޮންމެ ވަގުތަކުވެސް ޚިދުމަތް ހޯދާ ކަމަށެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި ކިޑްނީ ބަލީގެ ފަރުވާއެއް ކަމުގައިވާ ޑައިލިސިސްގެ ޚިދުމަތް ދޭންފެށީ 2012 ވަނަ އަހަރުގައެވެ. އޭގެ ފަހުން މިވީ މުއްދަތުގައި ޚިދުމަތަށް އެކި ބަދަލުތައް ގެނެސް ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެހޮސްޕިޓަލުން އަންނަނީ މަސައްކަތްކުރަމުންނެވެ.

މިވީ 11 އަހަރުގެ ތެރޭގައި ހޮސްޕިޓަލުގައި ރަޖިސްޓަރވެގެން 189 މީހަކު ޚިދުމަތް ހޯދާފައިވާކަމަށް ހޮސްޕިޓަލުން ބުނެއެވެ. އަދި މިވަގުތު 54 މީހަކަށް ފަރުވާދެމުންދާކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ފާހަގަކުރެއެވެ.

ހުޅުމާލޭ ހޮސްޕިޓަލުގެ ޑައިލިސިސް ސެންޓަރުގައި މިވަގުތު 10 އެނދުގައި ޑައިލިސިސްގެ ޚިދުމަތް އަންނަނީ ދެމުންނެވެ. މީގެތެރެއިން އެއް އެނދަކީ ކުއްލި އެމަރޖެންސީތަކަށް ޚާއްސަ އެނދެއްކަމަށް ހޮސްޕިޓަލުން ވިދާޅުވެއެވެ.